ހެލެނބެއްޔަކީ އަހަރެމެން ދިވެހިންގެ ހިތާ ގުޅިފައިވާ، ވަރަށް އާންމު ކެއުމެކެވެ. މަޖާ ކެއުމަށް ލޯބިކުރާ މީހުންނާ އެންމެ ރައްޓެހި އެކައްޗަކީ ހެލެނބެއްޔެވެ. ގިނައިން ކައިފި ނަމަ، ހަށިގަނޑަށް ނޭދެވޭ އަސަރު ކުރި ކަމުގައި ވިޔަސް، ކާންޖެހޭ މިންވަރަށް ކެއުމުން ފައިދާތަކެއް ވެސް ލިބެއެވެ.

ހެލެނބެއްޔަކީ އެންޓި-އޮކްސިޑެންޓް ގެ ސިފަތައް ލިބިފައިވާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން، ކޮލެސްޓްރޯލް އާއި ހިތުގެ ބަލިތަކާ ދުރުވުމަށް އެހީތެރި ވެދެއެވެ. އަދި ހެލެނބެލީގައި ކޮންމެވެސް މިންވަރަކަށް ކެންސަރާ ދުރުކޮށްދޭ މާއްދާތައް އެކުލެވިގެން ވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ހަކުރު ބަލި ހުންނަ މީހުންނަށް ވެސް ހެލެނބެއްޔަކީ ރަނގަޅު އެއްޗެކެވެ. ސަބަބަކީ، ބްލަޑް-ޝުގަރ ލެވެލް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭތީއެވެ. މީގެ އިތުރުން، ފުރަމޭއަށް ދިމާވާ މައްސަލަތަކުން ވެސް ސަލާމަތްކޮށްދިނުމުގެ ބާރު ހެލެނބެލީގައި ވެއެވެ. އެއީ އޭގައި އެކުލެވޭ އެންޓިއޮކްސިޑެންޓް މާއްދާއެއްގެ ސަބަބުން، ފުރަމޭއަށް ވާ ގެއްލުންތަކުން ސަލާމަތްކޮށްދޭތީއެވެ.

ބަނޑު ހަރުވާ މީހުންނަށް، ހެލެނބެލި ހުތަކީ ޖާދޫއެކެވެ. ފާހާނާއަށް ދާން އުނދަގޫ ވެގެން އުޅޭނަމަ، ހެލެނބެލި ހުތް ކެއުމުން ފާހާނާއަށް ދިޔުމަށް ފަސޭހަ ވެގެންދެއެވެ. 

މި ހުރިހާ ފައިދާތަކެއް ހުރި ކަމުގައި ވިޔަސް، މާ ގިނައިން ހެލެނބެލި ކެއުން ބުއްދިވެރިއެއް ނޫނެވެ. ހެލެނބެލި ކާއިރު، އެއްފަހަރާ ޖޯޑެއްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ނުކެއުމަށް ސިއްޚީ މާހިރުން ލަފާދެއެވެ. 

ހެލެނބެއްޔަކީ ހަމައެކަނި ހުހާ ކާ އެއްޗެއް ވެސް ނޫނެވެ. ކެއްކުމުގައާއި، ޕޭސްޓު ނުވަތަ ސޯސް ހެދުމަށް ވެސް ހެލެނބެލި ބޭނުންކުރެވެއެވެ.