ނޭފަތަކީ އިންސާނާގެ ހަށިގަނޑުގައިވާ ހިއްސީ ގުނަވަންތަކުގެ ތެރެއިން އެއް ގުނަވަނެވެ. ނޭފަތުގައި ދެ ހިނދުރި އިނެއް ކަމަކު، ކޮންމެ އިންސާނެއްގެވެސް ހުންނަނީ އެެއްމެ ނޭފަތެކެވެ. ނޭފަތުގެ ދެ ހިނދުރި ވަކިކޮށްދެނީ މަޑުކަށިކޮޅަކުންނެވެ. މި ވަކިމުވަކީވެސް ވަކި ހިސާބަކަށް އިންނަ ކުޑަ ކުޑަ ވަކިވުމެކެވެ. ނޭފަތަކީ އެ ގުނަވަނެއްގައި ގިނަ މަސައްކަތްތަކެއް މާތް ﷲ ލައްވަވާފައިވާ ފުރިހަމަ ގުނަވަނެކެވެ.

ނޭފަތުގެ އެއް އަސާސީ މަސައްކަތަކީ ނޭވާލުމަށް ބޭނުންވާ ވައި ފުއްޕާމެއަށް ފޯރުކޮށްދިނުމަށް އެތެރެއަށް ދެމުމެވެ. އަދި ފުއްޕާމެއިން ބޭރުކުރާ ވައި ޖައްވުގެ ތެރެއަށް ބޭރުކޮށްދިނުމެވެ. އެހެންކަމުން ނޭފަތަކީ ނޭވާލާ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. ނަމަވެސް ނޭފަތަކާއި ނުލާވެސް، ނޭވާލާ ނިޒާމުގެ މަސައްކަތް ފުރިހަމަ ކަމާއެކީ ހިނގާނެއެވެ. ނޭފަތަކީ އެ ފުރިހަމަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ގުނަވަނެކެވެ.

އިންސާނާގެ ފުއްޕާމެއަކީ ވަރަށް ނާޒުކު ގުނަވަނެކެވެ. ކޮންމެ ކޮންމެ އެއްޗެއް ފުއްޕާމޭގެ ތެރެއަށް ދިއުމަކަށް ފުއްޕާ ނޭދޭނެއެވެ. އެހެންކަމުން ކޮންމެ ކޮންމެ އެއްޗެއް ފުއްޕާމެއަށް ދިޔަ ނުދިނުމަށް ހަށިގަނޑު އަދާ ކުރާ މަސައްކަތުގެ މޭސްތިރިއަކީ ނޭފަތެވެ. ނޭފަތުގައި ކުދި ކުދި އިސްތަށިތަކެއް ހުންނާނެއެވެ. އަދި ތެތް ފަށަލައެއްވެސް ވާނެއެވެ. މި އިސްތަށިތަކާއި މި ތެތް ފަށަލައިގެ މަސައްކަތަކީ ނޭވާލާ ވައިގެ ތެރޭގައި ހުންނަ ކުދިކުދި ކުނޑިތަކާއި އެނޫންވެސް އެފަދަ ޒައްރާތައް ފުއްޕާމެއަށް ދިޔަނުދީ ހިފަހައްޓައި ދިނުމެވެ. އެހެން އިބާރާތަކުން ބުނާނަމަ، ނޭވާލާ ވައި ފުރާނައި ދިނުމެވެ.

ނޭފަތުގެ އަނެެއް މަސައްކަތަކީ ނޭވާލާ ވައި ހޫނުކޮށްދީ ތެތްކޮށްދިނުމެވެ. ޖައްވުގެ ތެރެއިން އިންސާނާ ނޭވާލާ ވައިގެ ތެތްކަން ހުންނަނީ ފުއްޕާމެއަށް އެއްމެ އެކަށީގެންވާ ތެތްކަމެއްގައެއް ނޫނެވެ. ނަމަވެސް ނޭފަތުގެ ތެރޭގައި ހުންނަ ތެތް ފަށަލައިގެ ސަބަބުން ނޭފަތުގެ ތެރެއިން ދައުރުކުރާ ވައިގައި ތެތްކަމެއް އުފައްދައިދެއެވެ. މި ތެތްކަމުގެ ސަބަބުން މި ވައި ފުއްޕާމެއަށް ދާއިރު، ހުންނަނީ ފުއްޕާމޭގެ ހަތާތަކާއި ހަތާރުތަކަށް އެއްމެ އެކަށޭނެ ތެތްކަމެއްގައެވެ.

ޖައްވުގެ ފިނިހޫނުމިނާއި ވައިގެ ފިނިހޫނުމިން ދެނެގަންނަ އެއް ގުނަވަނަކީ ނޭފަތެވެ. ނޭފަތުގެ ތެރެއިން ދައުރުވާ ވައިގައި އެ ހުންނަ ފިނިހޫނުމިން، ނޭފަތުގައި ހުންނަ ހިއްސީ ނާރުތަކުން ދެނެގަންނާނެއެވެ. އެއާއި އެކު ސިކުނޑިއަށް އެ މެސެޖު ފޮނުވައިދެއެވެ. ދެން ސިކުނޑިން ހަށިގަނޑުގެ ފިނިހޫނުމިން، މާހައުލުގެ ފިނިހޫނިމާ އެއްވަރެއްގައި ހިފަހައްޓައިދޭން މަސައްކަތް ކޮށްދޭން ފަށައެވެ.

ނޭފަތަކީ އަނގަޔާއި އަރުތެރެ އަކީ ގުޅިފައިވާ ތަނެކެވެ. އެހެންކަމުން ވާހަކަ ދައްކާއިރުގައި އަޑުގެ ހަމަ ހިފަހައްޓައި ދިނުނަށް ނޭފަތުގެ ދައުރު ބޮޑެވެ. ވާހަކަ ދައްކާއިރު، ނުކުންނަ ވަޔާއި އުފެދޭ ތުރުތުރުގެ ހަމަ ހިފަހައްޓައިދީ ހަމަހަމަކޮށްދޭ ގުނަވަނަކީ ނޭފަތެވެ. މިކަން އެއްމެ ފަސޭހައިން ދޭހަވާނީ ރޯގާ ޖެހި ނޭފަތް ބެދުމުން އަޑަށް އަންނަ ބަދަލުންނެވެ.

ނޭފަތުގެ އެއްމެ ބޮޑު އަނެއް މަސައްކަތަކީ ވަސް ދެނެގަތުމެވެ. ޖައްވުގައި އުޅޭ ވައިގެ ތެރޭގައި ހުންނަ އެކިކަހަލަ މޮލިކިއުލްތައް، ނޭފަތުގެ އެތެރޭގައި ހުންނަ ތެތްބައިގައި ޖެހި، ނޭފަތުގައިވާ ހިއްސީ ނާރަށް މެސެޖެއް ދެއެވެ. ދެން އެ މެސެޖު ސިކުނޑިއަށް ފޯރުކޮށްދީ، އެ ވަހަކީ ކޮން ވަހެއްކަން ދެނެގަނެއެވެ. ނޭފަތް ނޫން އެހެން ގުނަވަނެއް، ވަސް ދުވުމުގެ މަސައްކަތަކު ނޫޅޭނެއެވެ. އެހެންކަމުން ނޭފަތެއް ނެތި، ވަސް ދުވުމަކީ މުސްތަހީލު ކަމެކެވެ.

މި ބަލާލެވުނީ ކުރުގޮތަކަށް ނޭފަތުގެ މަސައްކަތްތަކަށެވެ. މާތް ﷲ އިންސާނާ ހައްދަވާފައި މި ވަނީ އެއްމެ ރިވެތި ސޫރާގައެވެ. ހަމަ އެކަނި ނޭފަތަށް ބަލާލިނަމަވެސް މިކަން ފުރިހަމައަށް ދަލީލުކޮށްދެއެވެ.