އިންސާނާގެ ޠަބީއަތުގައި ހުންނަ އެތައް ކަމެއް ހުރެއެވެ. އޭގެ ތެރެއިން ފުރަގަސްފަރާތުން ވައި ބޭރުވުމަކީވެސް އިންސާނާގެ ޠަބީއަތުގައިވާ ކަމެކެވެ. ނަމަވެސް މިއީ ބައެއްފަހަރު، ބައެއް މީހުނަށް ވަރަށް އުނދަގޫ ކުރުވާ ކަމަކަށްވެސް ވެއެވެ. އެހެނީ އެ ބޭރުވާ ވައިގާ ހުންނަ ގަދަ ވަހެއްގެ ސަބަބުންނެވެ. ނުވަތަ ނުބައި ވަހެއްގެ ސަބަބުންނެވެ. މިގޮތަށް ފުރަގަސްފްރާތުން ބޭރުވާ ވައިގާ ދުވާ ވަސް ގަދަވުމާއި ނުބައިވުމުގައި އެތައްކަމެއް ހިމެނިގެން ދެއެވެ.

ފުރަގަސްފްރާތުން ނުކުންނަ ވަޔަކީ، ހަޖަމުގެ ނިޒާމުގެ ތެރޭގައި އުފެދޭ ވައެކެވެ. މިއީ ބައެއްފަހަރު، މައިދާގެ ތެރޭގައި ނުވަތަ ގޮހޮރުގެ ތެރޭގައިވެސް އުފެދިދާނެ ވައެކެވެ. މިއީ ހަޖަމުގެ ނިޒާމުގެ ތެރޭގައި އުފެދޭ ވައެއް ކަމުން، މި ވައިގެ ވަހުގެ ހުރިހާ ޒިންމާއެއް ނަގަނީ ހަޖަމުގެ ނިޒާމުންނެވެ. އެގޮތުން އިންސާނާ ކާ ބައެއްކަހަލަ ކާނާގެ ސަބަބުން މި ވަސް އިތުރަށް ގަދަވެ، ނުވަތަ ނުބައިވެގެން ދެއެވެ. ފައިބަރުގެ މާއްދާ އާއި ސަލްފާގެ މާއްދާ ގިނަ އަދަދަކަށް އެކުލެވޭ ކާނާ ކެއުމަކީ ފުރަގަސްފަރާތުން ބޭރުވާ ވައިގާ ވަސް ގަދަވެދާނެ ސަބަބެކެވެ.

ކެއުމުގެ އާދަ އާއި ވައްޓަފާޅިއަށް ގެންނަ ކުއްލި ބަދަލުތަކާއި ހަޖަމުގެ ނިޒާމަށް ޖެހޭ އެކި އެކި ބަލިތަކުގެ ސަބަބުން، މި މިޒާމުގައިވާ ހަޖަމަށް ފަސޭހަކޮށްދޭ ޖަރާސީމުތައް އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުންވެސް މި ވަހުގެ ވަސް ގަދަވެދާނެއެވެ. ނުވަތަ ހަޖަމުގެ ނިޒާމުގެ ކޮންމެވެސް އެހެން ބައްޔެއްގެ ސަބަބުން އެހެންކަހަލަ ޖަރާސީމެއް، ހަޖަމުގެ ނިޒާމުގެ ތެރޭގައި ވާނަމަވެސް ފުރަގަސްފަރާތުން ބޭރުވާ ވައިގެ ވަސް ގަދަވެދާނެއެވެ.

އިންސާނާ ކާ ކާނާއަކީ ހަޖަމުވެ، އޭގެ ފައިދާ ހަށިގަނޑަށް ނަގާ އެއްޗެކެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ، ކާއެއްޗެހި ރަނގަޅަށް ހަޖަމު ނުކުރެވުމަކީ ލެވޭ ވައިގެ ވަސް ގަދަވެދާނެ ކަމެކެވެ. އަދި ކާ ކާނާއިގެ ފައިދާ އެއްމެ އެދެވޭ ގޮތެއްގައި ހަށިގަނޑަށް ނުނަގާނަމެވެސް މި ވަހުގެ ވަސް ގަދަވެދާނެއެވެ. ބަނޑު ދިޔާވުމާއި ބަނޑު ހިކުމަކީވެސް ފުރަގަސްފަރާތުން ބޭރުވާ ވައިގެ ވަސް ނުބައިކޮށްފާނެ ސަބަބުތަކެވެ. ބޮޑުކަމު ނުގޮސް ގިނަ އިރުވާވަރަކަށް، ފުރަގަސްފަރާތުން ލެވޭ ވައިގެ ވަސް ގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.

ބައެއްކަހަލަ ކާ، ނުވަތަ ބޯ ބޭސްތަކަކީ އޭގެ ސަބަބުންވެސް މި ވަސް އިތުރަށް ގަދަކޮށްދީފާނެ ބޭސްތަކެކެވެ. އެހެނީ އެ ބޭސްތަކަކީ ހަޖަމުގެ ނިޒާމުގެ ތެރެއަށް އަންނަ ބޭސްތަކެއް ކަމުގައި ވުމެވެ. އަދި ބައެއްކަހަލަ އެންޓިބައޮޓިކްސް ނުވަތަ ޖަރާސީމު މަރާ ބޭސްތަކުގެ ސަބަބުން ހަޖަމުގެ ނިޒާމުގައި ހުންނަ ޖަރާސީމުތައް މަރުވަމުންދާނަމަ، މިއީވެސް ފުރަގަސްފަރާތުން ބޭރުވާ ވަހުގެ ވަސް ނުބައިކޮށްދީފާނެ ކަމެކެވެ.

މީގެ އިތުރުންވެސް އަދިވެސް އިތުރު އެހެން ސަބަބުތައް ހުރެދާނެއެވެ. ނަމަވެސް މި ބަލާލެވުނީ ޖުމުލަކޮށް މިކަމުގައި މެދުވެރިވާ އެއްމެ އާއްމު ސަބަބުތަކަށެވެ. ފުރަގަސްފްރާތުން ބޭރުވާ ވައިގެ ވަސް ނުބައިނަމަ، އޭގެ ސަބަބަކީ މިއިން ކަމެއް ކަމުގައި ވެދާނެއެވެ. އެހާރުން އެކަމަކަށް ސަމާލުކަންދީގެން ދިރިއުޅުމާއި ކެއުމުގެ އާދަތައް ބައްޓަންކުރާނަމަ، މި ވަހުގެ ގަދަކަށް ކުޑަވެ، ލުއި ވައެއް ކަމުގައި ވެދާނެއެވެ.

 

ހަވާލާ: އެންޓޮނީ ކެރޮލީން 2023، "ޑައިޖެސްޝަން ޕްރޮސެސް އެންޑް ފަލެޓަސް" ހެލްތް ލައިން