ނަމާދަކީ އެންމެހާ މުސްލިމުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންވާ ފަރުޟެކެވެ. އެގޮތުން ކުޑަކަމު ނުވަތަ ބޮޑުކަމުދާތަކެތި ބޭރުކުރަން ހޮޅިގުޅައި ކޮތަޅު ހަރުކޮށްފަ ހުންނަ މީހުންނަކީވެސް ނަމާދު ދޫކޮށްލެވޭނޭ ބައެއް ނޫނެވެ. 

ބަލީގެ ސަބަބުން ކުޑަކަމުދިޔުން ނުހިފެހެއްޓޭ މީހުންނާއި ބަލީގެ ސަބަބުން ބޮޑުކަމު ދިޔުން ނުހިފެހެއްޓޭ މީހުން، އަދި އޮޕަރޭޝަން ކުރުމުގެ ސަބަބުން ކުޑަކަމުދާ ހޮޅި ގުޅައި ކޮތަޅު ހަރުކޮށްފައިވާ މީހުންނާއި، ނަޖިސް ބޭރުކުރުމަށްޓަކައި ހޮޅި ގުޅައި ބޮޑުކަމުދާ ތަކެތި ޖަމާވާ ކޮތަޅު ހަރުކޮށްފައިވާ މީހުންނަކީ، ނަމާދު ކުރުމަށްޓަކައި، ނަޖިހުން ޠާހިރުވުމުގައި ޝަރީޢަތުގައި ލުއިފަސޭހަކަން ލިބިގެންވާ ބައެކެވެ. 

އެފަދަ މީހުން ކަންތައް ކުރަންޖެހޭނެ ގޮތަކީ، ނަމާދު ކުރަން ވުމުން ވުޟޫ ކުރުމެވެ. އަދި ވުޟޫ ކުރުމަށްފަހު ލަސްނުކޮށް ނަމާދު ކުރަން ފަށުމެވެ. ވުޟޫކުރަނިކޮށް، އަދި ނަމާދު ކުރަނިކޮށް ހޮޅީން ނަޖިސް އައި ކަމުގައިވިޔަސް، އަދި ކޮތަޅުގައި ނަޖިސް ހުރިނަމަވެސް އެ ނަޖިހަކުން އޭނާގެ ވުޟޫއެއް، ނަމާދެއް ބާޠިލެއް ނުވާނެއެވެ. އެހެނީ އޭނާއަކީ ޢުޛުރުވެރިއެކެވެ. އޭނާގެ ޙުކުމަކީ އިސްތިޙާޟާގެ ލޭ އަންނަ އަންހެނެއްގެ ޙުކުމެވެ. އެ އަންހެން މީހާއަށްވެސް ވަނީ ނަމާދު ކުރަން ވުމުން ވުޟޫކޮށްގެން ނަމާދުކުރަން ފެށުމެވެ. ނަމާދު ކުރަން ފެށުމަށްފަހު އަންނަ ލެއަކުން، ވުޟޫއަކަށް އަދި ނަމާދަކަށް އަސަރެއް ނުކުރާނެއެވެ. 

އެގޮތަށް ހޮޅި ގުޅާފައިވާ މީހުން، ނަޖިސް ކޮތަޅު ގުޅާފައިވާ މީހުން މި ކަންކަމަށް ސަމާލުކަންދިނުން މުހިންމެވެ. 

ކޮންމެ ނަމާދަކަށްވެސް އައު ވުޟޫއެއް ކުރަން ޖެހޭނެއެވެ. މިސާލަކަށް ޢަޞްރު ނަމާދުކުރަން ކޮށްފައިވާ ވުޟޫ، މަޣްރިބު ނަމާދު ކުރާކަށް ކަމަކު ނުދާނެއެވެ. މަޣްރިބް ނަމާދަށް އައު ވުޟޫއެއް ކުރަން ޖެހޭނެއެވެ. ދެ ނަމާދު ޖަމްޢުކުރާ ޙާލަތުގައި އެއްވުޟޫއަކުން ދެނަމާދު ކުރެވޭނެއެވެ. މިސާލަކަށް މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކުރާނަމަ އެއްވުޟޫއަކުން ފުދޭނެއެވެ. އަދި ފަރްޟު ނަމާދާއި ސުންނަތް ނަމާދުވެސް ކައިރި ކައިރީގައި ކުރާނަމަ އެއްވުޟޫއިން ފުދޭނެއެވެ. މިސާލަކަށް މެންދުރު ނަމާދުގެ ރަވާތިބު ސުންނަތާއި މެންދުރު ނަމާދު އެއްވުޟޫއިން ކުރެވިދާނެއެވެ. 

ނަމާދު ޖަމްޢުކުރުމަކީ އެފަދަ ބަލިމީހަކަށް ލިބިފައިވާ ލުއިފަސޭހަކަމެކެވެ. އެހެންކަމުން އެއްވުޟޫއަކުން މެންދުރުނަމާދާއި ޢަޞްރުނަމާދު އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢުކުރެވޭނެއެވެ. އޭރުން މެންދުރު ނަމާދުގެ 4 ރަކްޢަތް ކޮށްފައި ސަލާމްދީފައި ޢަޞްރު ނަމާދުގެ 4 ރަކްޢަތް ކުރާނީއެވެ. އަދި އެއްވުޟޫއެއްގައި މަޣްރިބް ނަމާދާއި ޢިޝާ ނަމާދުވެސް އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢުކުރެވޭނެއެވެ. އޭރުން މަޣްރިބް ނަމާދުގެ 3 ރަކްޢަތްކޮށް ސަލާމް ދީފައި ޢިޝާ ނަމާދުގެ 4 ރަކްޢަތްކުރާނީއެވެ.

މިހާލަތްތަކުގައިވާ ޢުޛުރުވެރިން ނަމާދު ކުރާނީ މިފަދައިންނެވެ. އަދިވެސް މިފަދަ އެތައް ހާލަތެއްގައި ނަމާދުކުރެވޭނޭ ގޮތް ތަފާތުވެދާނެއެވެ. އެހެނަސް މި ލިޔުމުގައި މި ބަލާލީ ކުޑަކަމުދާ ހޮޅި އަދި ބޮޑުކަމުދާ ކޮތަޅު ގުޅާފައިވާ މީހުން ނަމާދުކުރާނޭ ގޮތަށެވެ.

 

ހަވާލާ: ޝައިޚް މުޙައްމަދު ޝާފިޢު / މިއަދު