އާއިލާއެއް ބިނާ ކުރުމަކީ އެކަމެއްގެ މައްޗަށް މުޅި އިންސާނާގެ ހަޔާތް ބަރޯސާވެދާ ކަމެކެވެ. އެހެންކަމުން ބައިވެރިއަކު އިހްތިޔާރު ކުރުމުގައި އަމަލުކުރަންޖެހޭ ރީތި ގޮތްތަކަކާއި، ތަރުތީބުވެފައިވާ ރިވެދި އުސޫލެއް އިސްލާމްދީނުގައި ވެއެވެ. އެ އުސޫލާއި ހަމައިން ބޭރުން، ބިނާކުރެވޭ އާއިލާތަކަކީ އެންމެ ފުރިހަމަ އާއިލާއަކަށް ނުވެދާނެއެވެ. މުޅި ދުނިޔެ ބިނާވެފައި މި ވަނީ ކުދިކުދި އާއިލާތަކެއް މަސްހުނިވެގެންނެވެ. އެހެންކަމުން މި ކުދިކުދި އާއިލާތަކަކީ ހަރުދަނާ އާއިލާތަކަކަށް ނުވާނަމަ، މުޖުތަމައުތަކުގެ އިޖްތިމާއީ ފޭރާން އޮންނާނީ ވީދިފައެވެ.
އާދޭހެވެ! އަދުގެ މި ޒަމާނުގައި، ރާއްޖޭގެ ޒުވާން ޖީލާއި، ބޮޑުވަމުން އަންނަ ޅަފުރައިގެ ކުދިންގެ ކިބައިގައި ރިވެހި އަހުލާގު ނެތުމާއި އެހެންމީހުންނަށް އިހްތިރާމް ކުރުމުގެ ރީތި އާދަ އެއްގޮތަކަށްވެސް ނެތޭ ބުނެވިދާނެއެވެ. ގުޅުންތައް ކެނޑި، އެމީހަކާ އެމީހަކު، އަމިއްލައަށް އުޅެވޭތޯ ބަލައެވެ. އެހީތެރިވުމާ އަޅާލުމާ، ކިޔަމަންތެރިކަމުގެ ތީރި އާދަ އެއްގޮތަކަށްވެސް ނެތޭ ބުނެވިދާނެއެވެ. މިއީ ތަރުބިއްޔަތުގެ ކަރިސާރުކަމުން ދިމައިވެގެން އުޅޭ މައްސަލައެއްތޯއެވެ؟ ނުވަތަ މިއީ އާއިލާ ބިނާ ކުރުމުގައި ފަރުވާކުޑަ ކުރެވުމުން ދިމައިވެގެން އުޅޭ މައްސަލައެއްތޯއެވެ؟
ތަފާތު ނަޒަރަކުން ވިސްނާލަމާ ހިނގާށެވެ! އާއިލާ ބިނާކުރާ ހިސާބެވެ. ރަނގަޅު އާއިލާއެއް ބިނާކުރަން އެދޭނަމަ، ރަނގަޅު ބައިވެރިއަކު އިހްތިޔާރު ކުރަން ޖެހޭނެއެވެ. އެއީ އަންހެނާ ކަމުގައި ވީނަމަވެސް އަދި ފިރިހެނާ ކަމުގައި ވީނަމަވެސް މެއެވެ. ނިމިދިޔަ ހުކުރު ދުވަހު، ހުކުރު ހުތުބާގައި، ރަސޫލާ ހަދީޘްކުރެއްވިކަމަށް ބުނެފައިވަނީ އަހުލާގާއި މެދު ރުހޭ މީހަކު، ކައިވެންޏަށް އެދިގެން އައިއްސި ނަމަ، އެ ކައިވެނި ކޮށްދިނުމަށެވެ. އަދި އެކަން އެ މަގުން ނުކޮށްފިނަމަ ބިމުގައި ބޮޑުވެގެންވާ ފަސާދައެއް ފެތުރިދާނޭ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން، އަދުގެ މުޖުތަމައުތަކުން މި ފެންނަ، ފަސާދަވީ އަމަލު ތަކުގެ ސަބަބަކީ، ކައިވެނި ކުރުމުގައި އަހްލާގީ ގޮތުން ދަށްފެންވަރުގެ މީހުން އިހްތިޔާރު ކުރުން ކަމުގައި ބުނެވިދާނެއެވެ. މިކަމުގައިވެސް އަންހެނުންނާއި ފިރިހެނުންގެ ވާހަކައެވެ.
ހަޔާތުގެ ބައިވެރިޔާ އިހްތިޔާރު ކުރާއިރު، އެއީ ކާކުކަން ރަނގަޅަށް ނޭނގޭ މީހަކާއި ނުވަތަ އެމީހެއްގެ މައިންބަފައިންނާއި އާއިލާ މީހުން ރަނގަޅަށް ނުދަންނަ މީހުންނާ ކައިވެނި ކުރެވުމުން، އެތައް ބަޔަކު އެތައް ހިތި ތަޖުރިބާއެއް ކޮށްފައި ވާކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަލަށް ކައިވެނި ކުރާ މީހަކު ނަމަ، އެކަމާއި ބެހޭގޮތުން، އެ އާއިލާއެއްގައި ދޮށްޓަށް ތިބޭ މީހުންގެ ލަފަޔާއި މަޝްވަރާ ހޯދުން ބޭނުންތެރިއެވެ.
އިސްލާމްދީނުގައި ބައިވެރި އަކު އިހްތިޔާރު ކުރުމުގައި ކަންތައްތަކެއް ބެލުމަށް އިރުޝާދު ވެފައިވާ އިރު، އެ ކަންކަމުގެ މައްޗަށް މިއަދު ރިއާޔަތް ކުރެވޭ ހެއްޔެވެ؟ ރީތި ހަށިގަނޑެއްގެ ވެރި، ލޫޅާފަތި، އަންހެނެެއް ނަމަ، އެމީހަކާ ކައިވެނި ކުރަނީ އެ މީހެއްގެ ހަސަބާއި ނަސަބާއި ދީންވެރިކަމަށް ބަލައިލުމެއް ނެތިއެވެ. "ގަޓު" ހުރި، "ޒަމާނީ" ޒުވާން ފިރިހެނެއް ނަމަ އެ މީހަކާއި ކައިވެނި ކުރަނީ، ކަކޫ ނުފޮރުވޭ ވަރު ކުރު ސޯޓެއްލައިގެން އަބަދު އުޅޭކަން ނޭނގިއެވެ. މިސްކިތުގެ ގޯތި ތެރެއަށް ބޯވެސް ދިއްކޮށް ނުލާކަން ނޭނގިއެވެ. މިއީ އަހަރެމެން ކިތަންމެ އިންކާރު ކުރި ނަމަވެސް ހަގީގަތެވެ.
މިއަދު ބައްޕައިންނަށް ވެފައިތިބި ކިތައް ޒުވާނުން، ނަމާދު ނުކޮށް އެބަ އުޅޭ ހެއްޔެވެ!؟ ފިރިހެން ދަރިއަކު ހުރީތީ، އެ ދަރިފުޅު ގޮވައިގެން މިސްކިތައްވެސް އަރާ ނުލެވޭ ކިތައް ބައްޕައިން އެބަ އުޅޭތޯއެވެ؟ އާދޭހެވެ! އެ ބައްޕަގެ "ގަޓު" އެބަ ހުއްޓެވެ! ނަމަވެސް ގިޔާމަތްދުވަނުން އެ ބައްޕަ، އެ ފިރިމީހާ ދައްކާނީ ކޮން "ގަޓެއް" ތޯއެވެ؟ މިފަދައިން މިސްކިތްތަކާއި ދުރު ބެލެނިވެރިންގެ ކިބައިން ތަރުބިއްޔަތުވާ ކުދީންގެ ދީނީ އެއްބައިވަންތަކަމާއި އިޖްތިމާއީ އެއްބައިވަންތަކަން އޮންނާނީ ކޮން ހަމަ އަކުން ހެއްޔެވެ؟ މިއީ ހަޔާތުގެ ބައިވެރިއަކު އިހްތިޔާރު ކުރުމުގައި ފަރުވާކުޑަ ކުޅައުމުގެ ހިތި ނަތީޖާއެވެ!
ކައިވެނި ކުރުމަކީވެސް އަޅުކަމެކެވެ! އެހެންކަމުން އެކަމުގައި، އެކަން ކުރަން އެންގެވި ގޮތަށް ކުރެވޭތޯ ބަލަންވާނެއެވެ. އެކަމުގެ ސަބަބުން ފަސާދަ އާއި ފިތުނަ އުފެދިދާނޭ މަގަކުން އެކަން ކޮށްގެން ނުވާނެއެވެ. އަހުލާގު ރަނގަޅު ބަޔަކާ ކައިވެނި ނުކޮސްފިނަމަ ބިމުގައި ފަސާދައެއް ފެތުރިދާނޭ ކަމަށް އެނގެން އޮތް އިރު، އެ ފުރުސަތު ދީގެން ނުވާނެއެވެ! ތިމާގެ ދަރީންނަށް، ނަމާދު ނުކުރާ މަންމައަކު، ނުވަތަ ބައްޕައަކު ހޯދައި ނުދޭށެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން