އަހަރެމެން އިންސާނުންގެ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ހަމަ އެކަނި ފަރާތަކީ މާތް ﷲ އެވެ. އެ އިލާހު އިންސާނާ ހައްދަވާ ބޮޑުކުރައްވާ ދުނިޔޭގައި ލަހައްޓަވާ މުސްކުޅި ކުރައްވާ މަރުގަންނަވައެވެ. މި ހުރިހާ ކަމެއް އެއްމެ މޮޅަށް އަދި އެއްމެ ފުރިހަމައަށް ތަދުބީރު ކުރައްވާ އިލާހު ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި ވެއެވެ.
﴿23﴾ ۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا. މާނައީ: އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (އަލް އިސްރާ 23 ވަނަ އާޔަތް)
﴿24﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا. މާނައީ: އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (އަލް އިސްރާ 24 ވަނަ އާޔަތް)
މާތް ﷲ އަށް އަޅުކަން ކުރުމާ ވިދިގެން ދެން އެކަލާންގެ އަންގަވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. މިއީ އަހަރެމެންގެ ހާލިގުވަންތަ އިލާހުގެ ވަޙީ ބަސްފުޅެވެ. އެހެން އިންސާނެއްގެ ނަސޭހަތެއް ނޫނެވެ. ވިސްނާލަ ބަލާށެވެ. މިއަދު އަހަރެމެންނަށް މައިންބަފައިންނަށް އަޅާލެވެނީ ކިހާވަރަކަށް ތޯއެވެ. ފައިސާދީ ހަރަދު ކުރުމަކުން ނުފުދޭނެއެވެ. ފުރަތަމަ އާޔަތުގެ ފަހު ބަޔަށް ވިސްނާލަ ބަލާށެވެ. އެ ދެމީހުން މުސްކުޅި ކަމާއި ހަމައަށް ފޯރަށްޖެނަމަ ކަން ކުރަންވީ ގޮތް ސާފުކޮށް އެ އޮތީ ބަޔާން ކުރައްވާފައެވެ. ހިތްހަމަ ނުޖެހުމުގެ ކުޑަ ނަމަވެސް ބަހެއް އެ ދެމީހުންނާ ދޭތެރޭ ބުނެވޭކަށް ނެތެވެ. އަދި އެދެމީހުންނާ ވާހަކަ ދައްކާ ހަދަންޖެހޭނީ ރީތި ބަހުންނެވެ. ވިސްނާލަ ބަލާށެވެ. މިއަދު މައިންބަފައިންނާ ދިމާލަށް ބާރު ބާރަށް ބަސްބުނާ މީހުން އެހާމެ ގިނައެވެ. ނުރުހިގެންނެވެ. ރުޅިވެސް އައިސްގެންނެވެ. ބައެއް ދަރިންނަށް އެ ދަރިންގެ މައިންބަފައިންނާ ވާހަކަ ދައްކާ ނުލާ ފަސް ހަ ހަފްތާ ހޭދަ އެބަ ކުރެއެވެ. ވަޒީފާގެ ގޮތުންނާ އުޅޭ ތަނެއްގެ ގޮތުންނެވެ. މިއީ އަޅެ ފަހެ އަހަރެމެން އުޅެން ވާނޭ ގޮތް ހެއްޔެވެ؟ ހެޔޮ ބަހަކުން ބަސް ބުނެވޭނީވެސް ބަހެއްވެސް ބުނެވިގެން ނޫންތޯއެވެ.
ދެވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ އޯގާތެރިވުމުގެ ގޮތުން ނިކަމެތިކަމުގެ ފިޔަ އެ ދެމީހުންނަށްޓަކައި ތިރިކުރާށެވެ. އެއާ ވިދިގެން އެ އަންނަ ބައިގައި އެ ވަނީ ކޮންފަދަ ރީތި ވާހަކައެއް ތޯއެވެ. ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީ ހިނދު، މިއަޅާ ބަލާ ބޮޑު ކުރި ފަދައިން އެ ދެމީހުންނަށް ރަޙްމަތް ލެއްވުން އެދި ދުވާ ކުރާން ޖެހޭ ވާހަކައެވެ. އަހަރެމެންނަށް މިއަދު އަހަރެމެންގެ މައިންބަފައިންގެ ނަން، ދުއާއެއްގައި ގެނެވެނީ އެއިން މީހަކު ބަލި ވުމުންނެވެ. މިއީ ހަގީގަތެވެ. އެހެނަސް އަހަރެމެން ކުޑައިރު އަހަރެމެންގެ މައްޗަށް އެ މައިމީހާ ދުއާ ކުރީ އަހަރެމެން ބަލިވީމާ އެކަނި ހެެއްޔެވެ؟
މައިންބަފައިންނާ ދަރިންގެ ގުޅުމާ މި ގުޅުން މާތް ﷲ ގެ ހަޟްރަތުގައި ދަރަޖަ ކުރެވޭ މިންވަރާއި އެ ގުޅުން ދެމިގެން ދާން ޖެހޭނޭ ގޮތް މި ދެ އާޔަތުން ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ. މައިންބަފައިންނާ ދަރިންނާ ދެމެދު ވަނީ ގުދުރަތީ ގުޅުމެކެވެ. އެއީ ކޮންފަދަ މާތް ގުޅުމެއް ތޯއެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން