އަހަރެމެން އިންސާނުންގެ ތެރޭގައި ނިކަން މޮޅެތި މީހުން އުޅެއެވެ. ކަންކަމުގެ ބޮޑެތި ތަޖުރިބާކާރުން އުޅެއެވެ. ޢިލްމުގައި އަރާހުރި އެތައް ބަޔަކު އުޅެއެވެ. ކުޅިވަރުގައިވެސް މިފަދައިން މޮޅެތި އެތައް ބަޔަކު އުޅެއެވެ. މި ބައިމީހުންނަަށްޓަކައި އަހަރެމެން ކިތަންމެހާވެސް ފަހުރުވެރި ވަމެވެ. އެހެނަސް ދެރައީ އޭގެތެރެއިން ބައެއް މީހުންހެ ހިލްމެއް ނެތީމައެވެ.
ކިޔަވައިގެންނާއި ތަޖުރިބާގެ ގޮތުންވިޔަސް، މޮޅެތި މީހުން އެ މޮޅުވާ ކަމެއްގެ މައްޗަށް ބޮޑާވާތަން ފެނެއެވެ. އެހެންމީހުންގެ ކުރިމަތީ ބޮޑާކަން ދައްކާތީ ފެނެއެވެ. އަދި އެހެން މީހުންގެ ކުށް ހޯދާ އެވާހަކަ ދައްކާ އުޅެއެވެ. އަދި އެހެންމީހުންގެ ކުށް ހޯދާ އެ މީހަކު ފަލީހަތްކޮށް ބޭޒާރުކޮށް ހެދުމަކީ މިފަދަ މޮޅެތި ބައެއް މީހުންގެ އާދައެކެވެ. އަދި އެހެން މީހުން ކުރެން އެވެނި މިވެނި ކަމެއް ރަނގަޅުކުރަން އެދޭނެއެވެ. ނަވެސް ހިތާމައަކީ މި މޮޅެތި މީހުންގެ އަމިއްލަ ހާލު މި މީހުންނަށް އިހުސާސް ނުކުރެވޭ ކަމެވެ. އެހެން މީހުންގެ ކުށް ހޯދާ ދައްކާއިރު، އަދި އެހެން މީހުންކުރެން އިސްލާހުވާން ނަސޭހަތް ދޭއިރު، ތިމާމެންގެ ހާލެއް ތިމާމެންނަކަށް ނޭނގެއެވެ. މިފަދަ މީހުންނަށް ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ބަސް ވަޙީކުރައްވާފައެވެ.
﴿44﴾ ۞ أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا تَعْقِلُونَ
މާނައީ: ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ حال ގައި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް أمر ކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟ (އަލް ބަޤަރާ 44 ވަނަ އާޔަތް)
މި އާޔަތުން އެނގޭ ގޮތުގައި ފޮތް ކިޔާ ކަންކަން ދަސްކުރާ މޮޅެތި މީހުން، އެމީހުންގެ އަމިއްލަ ނަފްސުތަކުގެ މަތިން ހަނދާން ނައްތާލާފައިވާ ހާލު، އެހެން މީހުންނަށް ހެޔޮކަންކަމަށް ގޮވާލާ ހަދާމީހުންނަކީ ނުވިސްނޭ ބައެއްކަން ދޭހަވެއެވެ. އެފަދަ މީހުން އެގޮތަށް އަމަލު ކުރަނީތޯ މި އާޔަތުގައި ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެހެންކަމުގައި ވަނީނަމަ އެއީ ނުވިސްނޭ މީހުން ކަން ކުރާ ގޮތެއްކަން ދޭހަވާން އެބަ އޮތެވެ.
އެހެންކަމުން ފޮތް ކިޔަވާ، ޢިލްމު ހޯދާ، ކަންކަން ދަސްކޮށް އުޅޭ މޮޅެތި މީހުން، އެހެން މީހުންގެ ވާހަކަ ދައްކާ އުޅެންވާނީ ފުރަތަމަ ތިމާމެންގެ އަމިއްލަ ނަފްސުގެ މަތިން ހަނދާންކޮށްފައެވެ. އެހެންނޫނީ އެއީ ނުވިސްނޭ ބައެއް ކަމަށް ޤުރުއާނުގައި އައިސްފައިވާއިރު، މުޖުތަމައުގައިވެސް އެފަދަ މީހުންނަކީ ނުވިސްނޭ، މޮޔަ ބަޔަކު ކަމުގައި ވެގެން ހިނގައިދާނެއެވެ. އެފަދަ މީހުންގެ ވާހަކަތައް އަޑު އަހާނޭ މީހުން މަދުވާނެއެވެ. ބަހުގެ އިތުބާރު ގެއްލޭނެއެވެ. އަގެއް ނުހުންނާނެއެވެ. ކަންއޮތީ މިހެން ކަމުން މިކަމުގައި ކޮންމެ މީހަކީވެސް ވިސްނާ އެކަންމަށް ސަމާލުކަން ދޭން ޖެހޭނޭ މީހެކެވެ. ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް ލިބޭނީ އޭރުންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން