ބައެއް ޒުވާނުން ދީނާ ދުރުވެ، ރިވެތި އަޚުލާގީ ސިފަތަކާއި ދުރުހެލިވެފައިވާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

އީމާންތެރިކަމާއި ގުޅޭގޮތުން މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ މަންހަޖުތަކުގެ ތެރެއިން ޅަދަރީންގެ ހިތްތަކުގައި އިމާންތެރިކަން ހަރުދަނާކުރެވޭނެ ގޮތެއް ރޭވުމުގެ އިތުރުން، އެކުދިންގެ ހިތްތަކުގައި ދީނީ އަގީދާ ވަރުގަދަވާނެ ގޮތްތަކައް ވިސްނަންޖެހޭ ކަމަށެވެ.

އިސްލާމީ އުއްމަތް ބިނާކޮށް، ތަަރައްގީކުރުމުގައި، ޒުވާނުންގެ ދައުރަކީ ވަރަށް މުހިންމު ދައުރަކަށް ވީހިނދު، އަޅުގަނޑުމެންގެ ގައުމުގެ ޒުވާނުންގެ ހާލަކީ ކޮބައިތޯ ޚުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ. އަދި އެ ޒުވާނުންގެ ހާލާ މެދު ވިސްނުމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އެމީހުންނަށް ދެވޭ ތަރުބިއްޔަތާއި، ތައުލީމުގެ މިސްރާބު ހުރި ނެތް ގޮތް ވަޒަން ކުރަންވެސް ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިއަދުގެ ޒުވާނުންނަކީ، ކުރިމަގުގައި ގައުމު އާރާސްތުކޮށް، ސަލާމަތުގެ އައްސޭރިއަށް ގައުމު ގެންގޮސްދެވޭނެ ފަދަ ބައެއްތޯ ސުވާލުކޮށްލުން މުހިންމު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ގައުުމުގެ އާބަދީގެ ބޮޑުބަޔަކީ ޒުވާނުންކަމަށްވާއިރު، ބައެއް ޒުވާނުން ދީނާ ދުރުވެ، ރިވެތި އަޚުލާގީ ސިފަތަކާ ދުރުހެލިވެފައިވުމަކީ ހިތާމަހުރިކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޒުވާނުން މިފަދަ ދަށު ދަރަޖައަކަށް ވެއްޓުމުގެ ސަބަބަކީ ކޮބައިތޯ އަދި މިކަންކަމާ މެދު ސުވާލުކުރެވޭނެ ބަޔަކު ވާނެކަމަށާއި، ޒިންމާ ނަގަންޖެހޭނެ ބަޔަކު ވާނެކަމާ މެދު ޝައްކެއް ނެތް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ އަހަރުމެންގެ ހުރިހާކަމެއް ބައްޓަން ކުރަންޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ކަމަށެވެ. އަހަރުމެންގެ ދަރިންނަށް، މާތް ﷲ ގެ އެއްކައުވަންތަކަމާއި، އެކަލާނގެ ގުދުރަތްތެރިކަމާއި، ކުޅަދުންދަވަންކަމުގެ ވާހަކަތައް ތުއްތު އިރުއްސުރެ އަޅުގަނޑުމެންގެ ޅަ ދަރީންނަށް ކިޔައިދޭންޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ.