އިންސާނާއަށް މިދުނިޔެމަތީގައި ލިބޭ ކޮންމެ އުފަލަކާ ހިތްހަމަޖެހިމަކީ މާތްﷲގެ ޙަޟްރަތުން ލިބޭކަންކަމެެވެ. ދުނިޔޭގައި ދިމާވާ ދަތިތަކާއި މުޞީބާތްތަކުން ސަލާމަތްކޮށްދެއްވުށާއި، ކުށްފާފަތަކުން މިންޖުކޮށްދެއްވުން އެދި ދުޢާ ކުރުންމަތީ އިންސާނާ ދެމިހުންނަން ޖެހެއެވެ.
އިންސާނާ ޖާއިޒު ދުޢާއެއް ކޮށްފިނަމަ ، މާތް ﷲ އިންސާނާ ހުސްއަތާ ދޫނުކުރައްވާނެ ކަން ދަންނާށެވެ.އެހެނީ ، ދުޢާ އިޖާބަ ކުރައްވާ އެކިއެކި ގޮތްގޮތްހުރެއެވެ. އޭގެތެރެއިން ދަރަޖައިގެ ގޮތުން އެންމެ ފަހަތުގައި ވަނީ އިންސާނާ އެދޭ ކަމެއް އެއެދުނު ގޮތަކަށް ދުނިޔެ މަތީގައި ދެއްވުމެވެ.
ދެން އޮތީ ދަރަޖައިގެ ގޮތުން އެއަށްވުރެ މަތިވެރި ގޮތްގޮތެވެ. އެއީ ދުނިޔެ މަތީގައި އިންސާނާއަށް ކުރިމަތިވާން ހުރި މުޞީބާތަކުން އިންސާނާ ސަލާމަތްކުރައްވައި ރައްކައުތެރި ކުރެއްވުމެވެ. ނުވަތަ، އެ އެދުނު ހެޔޮކަމެއް ދުނިޔެމަތީގައި ދެއްވުމެވެ.
މިގޮތްގޮތަށް ވުރެންވެސް މޮޅުއިތުރުވެގެންވާ ގޮތަކީ، އާޙިރަތުގައި ބޮޑެތި ސަވާބުގެ ފަރުބަދައިގެ ގޮތުގައި ސަވާބު ދެއްވުމެވެ. ނުވަތަ ޤިޔާމަތް ދުވަހުން ތިބާއަށް ކުރިމަތިވާން ހުރި މުޞީބާތަކުން ތިބާއަށް ރައްކައުތެރިކަން ދެއްވައި ، ތިބާއަށް ސަލާމަތާއި ނަޖާތު ދެއްވުމެވެ.
ވީމާ ދުޢާ ކުރުން ގިނަ ކުރާށެވެ. ދުޢާ ކުރުމުން އޮތީ ސަވާބާއި ދަރުމައެވެ. އެއީ އަޅުކަމެކެވެ. އެއީ އަޅުކަމުގެ ސިކުނޑިއެވެ. އެއީ މާތް ﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ކަމެކެވެ. ދެއަތް އުފުލާ ދުޢާ ކުރާށެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ. ” وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ " (سورة البقرة: 186)
މާނައީ: ” ތިމަންރަސްކަލާނގެ އަޅުން ތިމަންރަސްކަލާނގެއާއި ދެމެދު ކަލޭގެފާނަށް ސުވާލު ދަންނަވައިފިނަމަ، ތިމަންރަސްކަލާނގެއަށް ދަންނަވާ ދުޢާއަށް ތިމަންރަސްކަލާނގެ އިޖާބަދެއްވަމުއެވެ. ވީމާ، އެބައިމީހުން ތިމަންރަސްކަލާނގެ އަމުރުފުޅުތަކަށް އިޖާބަދޭހުށިކަމެވެ. އަދި ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ. އެބައިމީހުންނަށް ހެޔޮމަގެއް ފެނޭތޯއެވެ.”
މީގެއިތުރުން ދުޢާކުރުމަކީ ﷲ ގެ ކޯފާއިން ސަލާމަތްވެވޭކަމެކެވެ.
وَمَا كَانَ اللّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ وَمَا كَانَ اللّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ (الأنفال/33)
މާނައީ: ” އަދި އެއުރެން އިސްތިޣުފާރުކޮށް ތިއްބައި ﷲ އެއުރެންނަށް ޢަޒާބެއް ނުދެއްވާނެތެވެ.
މައުލޫމާތު : ޞޭޚް ޝަފީޢު އަބްދުﷲ
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން