ދުނިޔެވީ ހަޔާތަކީ އުޚްރަވީ ހަޔާތަށް ގޮވާން ކުރާ ދަނޑުބިމެއްކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ޙަޤީޤީ ހަޔާތަކީ އުޚްރަވީ ހަޔާތް" މި މައުޟޫއަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު އިއްވި ޚުތުބާގައި ބުނީ މާތް ﷲ އިންސާނާއަށް ދުންޔަވީ ހަޔާތް ދެއްވައިފައިވަނީ އޭނާގެ އުޚްރަވީ ހަޔާތަށް ޓަކައި ގޮވާން ކުރާ ދަނޑުބިމެއްގެ ގޮތުގައި ކަމަށެވެ. އެ ބިމުގައި އޭނާ ރަނގަޅު ގޮވާމެއް ނުކޮށްފިނަމަ އޭނާގެ ވެރި ރަސްކަލާނގެ ހަޒްރަތަށް ދާނީ ހުސްއަތާ ކަމަށާއި ބުއްދިވެރިއަކީ އަބަދާއި އަބަދު އުޚްރަވީ ހަޔާތް ހިތްމައްޗަށް ގެނެސް، ހަޔާތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ދުނިޔޭގައި އިންސާނާ ކިތަންމެ މުދަލެއް ހޯދިޔަސް އެއީ ވަގުތީ އެއްޗެއް ކަމަށާއި ފަނާވެގެންދާނެ އެއްޗެއް ކަމަށެވެ. ނުވަތަ އެއީ ދޫކޮށްފައި ދާންޖެހޭނެ ތަކެތި ކަމަށެވެ. އަދި އެއަށްފަހު އޮތީ ﷲ ގެ ހަޒްރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަސް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެ ދުވަހުން އޮތީ ދެ ގޮތެއް ކަމަށާއި، އެއް ގޮތަކީ ތިމާއަކީ މާތް ﷲ އެންގެވި ގޮތަށް އެ މުދާ ހޯދައި އެ ގޮތުގައި އެ މުދާ ހޭދަކޮށްފައިވާ މީހަކު ކަމުގައި ވުންކަމުގައި ޚުތުބާގައި ވަނީ ބުނެފައެވެ. އެ ފަދަ މީހަކަށް ތިބާވެއްޖެ ނަމަ އުފަލުގެ ކޮޅެއް ނެތް ކަމަށާއި، އަނެއް ގޮތަކީ މުދާ ހޯދުމުގައްޔާއި ހަރަދުކުރުމުގައި މާތް ﷲ ގެ އަމުރުފުޅާ ހިލާފުވެ، އޭގެ ސަބަބުން މާތް ﷲ ހަނދުމަކުރުމުން ތިިބާ އެއްކިބާވެފައި ވުންކަމުގައެވެ. އަދި އެފަދަ މީހަކަށް ހުރި ހިތާމައިގެ ކޮޅެއް ނެތްކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ
ޚުތުބާގައި އިތުރަށް ބުނީ ދުންޔަވީ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެއީ މާތް ﷲ ރުއްސަވާ ގޮތަށް ކުރާ މަސައްކަތްތަކަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެއީ މާތް ﷲ ގެ މަގުން އެއްކިބާ ކުރާ މަސައްކަތްތަކަކަށް ހަދައިގެން ނުވާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން