ޢަރަބި ބަހުގައި "ތައުބާ" ގެ މާނައަކީ އެނބުރި ދިއުމެވެ. ޢިލްމުވެރިންގެ އިސްޠިލާޙުގައި ތައުބާގެ މާނައަކީ ތިބާއަށް ކުރެވިފައިވާ ފާފައަކުން މުޅިންހެން ދުރުވެ، ﷲ ގެ ހަޟްރަތަށް ރުޖޫޢަވުމެވެ. އިންސާނާ ދިރިހުރިހާ ހިނދަކު، އޭނާގެ މަރު، އޭނާގެ ނޭވާހޮޅިއަށް ނޭޅޭހާ ހިނދަކު، އަދި ހުޅަނދުކޮޅުން އިރު އަރައިފުމަށް ދާންދެން ތައުބާގެ ދޮރު، އިންސާނުންނަށް މާތް ﷲ ވަނީ ހުޅުވާދެއްވާފައެވެ.
ފާފަކުރުން ގިނަ މި އިންސާނާ އަބަދުވެސް ތައުބާވުން މަތީގައި ދެމި ހުންނަން ޖެހެއެވެ. އަދި މާތް ﷲ އީ ގިނަގިނައިން ތައުބާވާ މީހުންދެކެ ލޯބިވެ ވޮޑިގެންވާ އިލާހެވެ. މި ލިޔުމުގައި މި ބަލާލަނީ ތައުބާވުމުގައި ސަމާލުކަންދޭން ޖެހޭ މުހިއްމު ބައެއް ކަންކަމުގެ މައްޗަށެވެ.
ފުރަތަމައީ އިޙްލާޞްތެރި ހިތަކައިގެން ތައުބާ ވުމެވެ. މިއީ މި ދީނުގެ ހަމަ ކޮންމެ އަޅުކަމެއްގައި އެކުލެވިގެން ވާން ޖެހޭނޭ ސިފައެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ. وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ.﴿5﴾ މާނައީ: باطل މަގުން އެއްކިބާވެތިބެ، اللَّه އަށް އަޅުކަން خالص ކުރާ حال، اللَّه އަށް އަޅުކަންކުރުމަށާއި، ނަމާދު قائم ކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ دين އަކީ އެއީއެވެ. (އަލްބައްޔިނަ 5 ވަނަ އާޔަތް)
ދެވަނައީ ކުރެވިފާ ކުށުގެ މައްޗަށް ނުވަތަ ވެވިފައިވާ ފާފައިގެ މައްޗަށް ހިތާމަ ކުރުމެވެ. އެ ފާފަ އެހެން ކުރެވުނީތީ އެކަމާ ދެރަވެ، މާޔޫސްެވެ މޮޅިވެރިވުމެވެ. އެ ފާފައިގެ މައްޗަށް ބޮޑާވެ ގަންނަ މީހާއަށް ތައުބާވެވުން އޮތީ ކިހިނަކުން ހެއްޔެވެ؟ އެހެންކަމުން ތައުބާވާއިރު، ކުރެވުފައިވާ ފާފައިގެ މައްޗަށް ހިތާމަކުރަން ޖެހޭނެެއެވެ.
ތިންނަވައީ ކުރެވުނު ފާފަ ތަކުރާރު ނުކުރުމެވެ. އެހިސާބުން ނުވަތަ އެވަގުތުން ފެށިގެން އެ ފާފައިން އެމީހަކު ދުރުވުމެވެ. ނަމަވެސް މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ، އެ މީހެއްގެ ކިބައިން މައާފަށް އެދި، މައާފު ހޯދަން ވާނެއެވެ. ނުވަތަ އަރައިގަނެވިފައިވާ ހައްގެއް، އޭގެ ވެރިފަރާތައް އަދާކޮށްދޭން ވާނެއެވެ.
ހަތަރުވަނައީ އެ ކުރެވުނު ފާފަ ތަކުރާރު ނުކުރުމަށް ޢަޒުމް ކަނޑައަޅާ ވަޢުދު ވުމެވެ. މުސްތަޤުބަލުގައި އަނެއްކާވެސް އެ ފާފައަށް އަރައިގަންނަ ނަމަ ވެވުނު މި ތައުބާގެ މާނައެެއް ނެތެވެ. ނަމަވެސް ދެންވެސް ހަމަ މި މޭރުމުން ތައުބާވުން އެބަ އޮތެވެ. އަދި ކިއެއް ތައުބާ ވާންވެސް ވާނެއެވެ. ނަމަވެސް ޢަޒުމަކަށް ހަދަންވާނީ އެ ތައުބާ ވެވުނު ފާފަ ތަކުރާރު ނުކުރުމެވެ.
ފަސްވަނައީ އެ ތައުބާގެ މަތީގައި ސާބިތުވެ ހުރުމެވެ. އަދި އަބަދާއި އަބަދު ތައުބާވުން މަތީގައި ދެމި ހުރުމެވެ. ގިނަގިނައިން ތައުބާވުމެވެ. އެހެނީ އިންސާނާ މަރުވާނެ ވަގުތެއް އެ އިންސާނާއަކަށް ނޭނގޭނެއެވެ. އެހެންކަމުން ތައުބާވުން ހިނދުކޮޅަކަށްވެސް ލަސްކުރުމެއް ނެތެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ. وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّىٰ إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ وَلَا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُولَٰئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا.﴿18﴾ މާނައީ: އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް حاضر ވެއްޖެނަމަ، އެހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، كافر ން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة ލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ. (އައްނިސާ 18 ވަނަ އާޔަތް)
އަހަރެމެން ކޮންމެ މުސްލިމަކީ ގިނަގިނައިން ތައުބާވެ، އެ ތައުބާގެ މަތީގައި ސާބިތުވެ ތިބޭ ބަޔަކު ކަމުގައި ލައްވާށިއެވެ. އަދި ފުރިހަމަ ތައުބާއަކުން ތައުބާވުމުގެ ހެޔޮ ތަޢުފީޤު އަޅަމެން އެންމެންނަށް މިންވަރުކުރައްވާށިއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން