ޚުތުބާގައި ބުނީ ބައެއް މީހުން ފާފައާމެދު ދެކެނީ ވަރަށް ލުއި ގޮތަކަށްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދުންޔަވީ މަންފާއަށް ފާފައެއް ކުރުމަށް ޖެހެލުން ނުވާ ކަމަށާއި، ބޮޑެތި ފާފަތަކަށް ވެސް އަރައިގަންނަ ކަމަށެވެ.

ފާފައިގެ އަސަރު މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތް ﷲ އަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ފާފައެއް ކަމަށާއި، ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެއް ކަމަށެވެ. ޝައިތާނާ މާތް ﷲ ވެ ރަހުމަތުން ބޭރުކުރެވި، ލައުނަތް ލެއްވުނީ ފާފައިގެ ސަބަބުން ކަމަށާއި، ފާފައަކީ އޭގެ ސުންޕާކަން އެކަން ކުރާ މީހާއަށާއި، މުޅި މުޖުތަމައުއަށް ކުރިމަތި ކުރުވާ އެއްޗެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ފާފައިގެ ސަބަބުން މުޅި މުޖުތަމައު ނުރައްކަލަށް ހުށައެޅޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދިރިއުޅުމުގެ ހަޔާތް ނާމާންވާ ކަމަށާއި، ބިންމަތި ފަސާދަވާ ކަމަށެވެ. ޚުތުބާގައި ބުނީ ފާފައަކީ އޭގެ ސަބަބުން މާތް ﷲ ގެ ކޯފާއާއި އަޒާބަށް ހުށަހެޅޭ ކަމެއް ކަމަށާއި، ބައެއް ފާފަތަކަށް ދުނިޔެމަތީގައި ވެސް އަޒާބު އަންނަ ކަމަށެވެ. އަދި އަމަންއަމާންކަން ގެއްލި ބިރުވެރިކަމާއި ނާމާންކަން ފެތުރޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަމާއި ވަބާތަކަށް އިޝާރަތްކޮށް ޚުތުބާގައި ބުނީ އޭގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ނަހަމަ ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ބަލިތައް ކަމަށާއި، މިފަދަ ބަލިމަޑުކަން ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ނުބައި އަމަލުތަކުގެ ސަބަބުން ކަމަށެވެ. އެއްޖިންސުގެ ގުޅުމާއި ކައިވެނިން ބޭރުގައި ހިންގޭ ބަދު އަހުލާގީ އަމަލުތަކުގެ ތެރެއިން ގެނބިގެން ދިއުމުގެ ސަބަބުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުޖުތަމައުގެ އާއްމު މިންގަޑާ ހިލާފުވިޔަސް ބޭނުން ގޮތަކަށް ހެދުން އަޅާ ކަމަށާއި، ފާފަ ކުރުމަށް ފަހު އެކަމަށް ފަހުރުވެރިވެ އެވާހަކަ ދައްކާ އުޅޭމީހުން ވެސް މަދު ނޫން ކަމަށެވެ.