ކީތިރި ޤުރުއާނުގެ ހަމަ ކޮންމެ ސޫރަތަކީވެސް އޭގެ ޘަވާބާއި ދަރުމަ ގިނަގުނަ ސޫރަތްތަކެކެވެ. ނަމަވެސް އެ ސޫރަތްތަކުގެ ތެރެއިން ވަކި ވަކި ސޫރަތްތަކާއި އާޔަތްތަކުގެ ދަރުމަ އިތުރުވެފައި، ތަފާތުވެދާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެގޮތުން ކީރިތި ޤުރުއާނުގެ ހިތް ކަމުގައި ބަޔާންވެގެންވާ ސޫރަތަކީ ސޫރަތުލް ޔާސީން އެވެ. ސޫރަތުލް ޔާސީން، ޤުރުއާނުގެ ހިތްކަމުގައި ބަޔާންވެފައިވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ޔާސީން ސޫރަތަކީ އެ ސޫރަތެއްގައި މައިގަނޑު ތިން ވާހަކައެއް އެކުލެވިގެންވާ ސޫރަތެކެވެ. އެއީ ތައުހީދުގެ ވާހަކަ އާއި މާތް ނަބިއްޔާގެ ރިސާލަތުގެ ވާހަކަ އާއި އަދި ޤިޔާމަތް ދުވަހުގެ ވާހަކައެވެ. ތައުހީދުގެ ވާހަކަ ތަކުގައި ވަނީ މާތް ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށް އިޝާރާތްކުރެވޭ ވާހަކަތެކެވެ. ނަބިއްޔާގެ ރިސާތަލުގެ ވާހަކައިގައި ވަނީ އެއްމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާ އަކީ މުޙައްމަދުގެފާނު ކަމުގައި އިޝާރާތްކުރެވޭ ވާހަކަތަކެވެ. 

ސޫރަތުލް ޔާސީން އަކީ އެ ސޫރަތެއް ކިޔެވުމުން ލިބޭ ސަވާބު ގިނަ ސޫރަތެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެގޮތުން ޔާސީން ސޫރަތް ކިޔަވައިފި މީހަކަށް، މުޅި ޤުރުއާން ދިހަ ފަހަރު ކިޔެވުމުން ލިބޭ ޘަވާބު ލިބޭނެކަމަށްވެސް ޢިލްމުވެރިން ވިދާޅުވެއެވެ.

މީގެ އިތުރުން ޔާސީން ސޫރަތަކީ ދުނިޔޭގެ ހަޔާތުގައި ދިމާވާ އެކިކަހަލަ ދަތިތަކުން ސަލާމަތްވުމަށް ނުވަތަ އަރައިގަތުމަށް މަގުފަހި ކުރުވާ ސޫރަތެއް ކަމަށްވެސް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ބިރުވެރިކަމާއި ނާމާންކަން ވެރިވާހިނދު، ޔާސީން ސޫރަތުގެ ބަރަކާތުން އެ ބިރުވެރިކަމާއި ނާމާންކަމުގެ މައްޗަށް ނަފުސަށް ހަމަޖެހުމެއް ވެރިވެދާނޭ ކަމަށްވެސް ޢިލްމުވެރިން ވިދާޅުވެއެވެ. ޔާސީން ސޫރަތާއި ބެހޭގޮތުން އިލްމުވެރިން ބަޔާންކޮށްދޭ އަނެއް ވާހަކައަކީ ޔާސީން ސޫރަތަކީ މަރު އަމާންކޮށްދޭ ސޫރަތެއް ކަމަށެވެ. މަރުވަމުންދާ މީހާގެ ގާތުގައި ޔާސީން ސޫރަތް ކިޔަވައިފިނަމަ، އޭނާގެ މަރު ލުއިވެގެން ހިނގައިދާނޭ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ޢިލްމުވެރިން ބަޔާންކޮށްދޭ ގޮތުގައި މަޣްރިބް ނަމާދަށްފަހު ޔާސީން ސޫރަތް ކިޔަވައިފި މީހެއްގެ، އެ ރޭގެ ކުދި ފާފަތަކުން އެމީހަކު މިންޖުކުރައްވާނެއެވެ. އަދި އެމީހަކު ހާސިލް ކުރަން ބޭނުންވާ ކަމެއް ހާސިލްވުމަށް ފަސޭހަވެ، އެމީހެއްގެ ހިތް އަލިކުރައްވާނެތެވެ.

މިކަންކަން މިހެން ހުއްޓެއްކަމަކު، ފައިދާއެއް މަންފާއެއް ކުރާނީ އިހުލާސްތެރިކަމާއި އެކު ހިތްނިޔަތް ހާލިސްކޮށްގެން ކިޔަވާ މީހަކަށެވެ. ކަންދައްކަން ކުރާ ކަންކަމަކީ އިސްލާމްދީނުގައި ޤަބޫލުކުރެވިގެންވާ އަމަލުތަކެއް ނޫނެވެ.

ސަބަބުތައް މިހެން ހުރުމާއި އެކު އަހަރެމެން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ދެނަމާދުދޭތެރޭ އޭ މި ކިޔާ ވަގުތުގައި، ހާއްސަކޮށް މަދަރުސާކުދިން ޔާސީން ސޫރަތް ކިޔަވާ އުޅުނެވެ. ނަމަވެސް އެ އާދަ މިއަދު މިދަނީ ނެތި ބީވަމުންނެވެ. ޤުރުއާން ކުލާހަށް ދިއުމުން، ދެން އިތުރަށް ޤުރުއާން ކިޔެވުން އެއީ ނެތްކަމެއް ކަމުގައި އަދުގެ ގިނަ ކުދިންނަށް ޤަބޫލުކުރެވެން ފަށައިފިއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. ޤުރުއާނުގެ ހިތް ކަމުގައިވާ ޔާސީން ސޫރަތް، ދެނަމާދުދޭތެރޭ ކިޔެވުމުގެ ރީތި އާދަ، އާލާކުރަމާ ހިނގާށެވެ. ހެޔޮ ނިޔަތުގައި ކުރާ ހެޔޮ ޢަމަލުތަކުގައި މާތް ﷲ ބަރަކާތް ލައްވާ ކާމިޔާބު މިންވަރު ކުރައްވާށިއެވެ.

 

ހަވާލާ: ޑރ. ޢުމަރް އައްޔޫބް 2021