މުސްލިމުން އެންމެ ލޯބިވާން ޖެހޭ ފަރާތަކީ، މާތް ﷲ އެވެ. އެއަށްފަހު ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައެވެ.
އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.
މާނައަކީ: ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ދެކެ، އެ މީހެއްގެ ބައްޕަ އާއި ދަރިންނާއި އަދި އެހެން ހުރިހާ އެންމެން ދެކެވާވަރަށް ވުރެ ވެސް ބޮޑަށް ލޯބި ނުވާ ހިނދަކު، އީމާންވި ކަމުގައި ނުވާނެއެވެ." (ޞަޙީޙް ބުޚާރީ، ބާބުލް އީމާން/ ޙުއްބުއް ރަސޫލް
.ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރުކުރުމުން ކޮންމެ މުސްލިމެއްގެ ވެސް ލޭކެކޭނެކަން ޔަގީނެވެ. އިސްލާމް ދީނާއި މާތް ނަބިއްޔާއަށް ބަދުބަސް ބުނެ ފުރައްސާރަކުރާނަމަ ދެރަވެ ރުޅިވެސް އަންނާނެއެވެ. އަދި އެކަމުގެ ބަދަލު އެބައެއްގެ ކިބައިން ހިފަން އަވަސްވެގަނެވޭ ފަހަރު އާދެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، އެކަލޭގެފާނުގެ ޙަޔާތްޕުޅުން ނަމޫނާ ލިބިގަންނަންޖެހެއެވެ. މިހާރު ހިނގަމުންދާ ކޮންމެ ކަމެއްގައިވެސް ވިސްނާލަންވީ ކީރިތި ރަސޫލާ ކަންތައް ކުރައްވާނެ ގޮތުގެ މައްޗަށެވެ. ކީރިތި ރަސޫލާގެ އެންމެ ފާހަގަކޮށްލެއްވޭ އެއް ސިފަފުޅަކީ މަޢާފުކުރެއްވުމެވެ. އަދި އެހެން މީހުންގެ ފާފަ ފުއްސަވައިދެއްވުންއެދި ދުޢާ ދެންނެވުމެވެ. ކީރިތި ރަސޫލާއަކީ މަޝްވަރާގެ މަތިވެރި އުސޫލު ވަރަށް މަތީ ދަރަޖައަކަށް ހިންގެވި ބޭކަލެކެވެ. އެކި ކަންކަމުގައި އެކަލޭގެފާނަށް އެކިއެކި ބޭފުޅުން ދެއްވާ މަޝްވަރާ އަށް ފަހު އެކަލޭގެފާނު ކަންތައްތައް ކުރައްވާނެ ގޮތެއް ކަނޑައަޅުއްވަ އެވެ. އަދި ﷲ އަށް ވަކީލު ކުރައްވާ އެގޮތުގައި ސާބިތުވެ ހުންނަވަ އެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި ވަނީ "އަދި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ ތިމަން އިލާހް ކަލޭގެފާނު ނުފޮނުއްވަމެވެ." (އަލްއަންބިޔާއު 107)
މުޝްރިކުންނާއި ދޭތެރޭވެސް ކީރިތި ރަސޫލާ ކަންތައް ކުރެއްވީ އޯގާތެރިކަމާއި ހިތްހެޔޮކަމާއި އެކުގައެވެ. އެގޮތުން އެ މީހުންގެ އަނިޔާއާއި އުނދަގުލުގެ ސަބަބުންވެސް، ﷲގެ ކޯފާ އެބައި މީހުންނަށް ދެއްވުން އެދި ދުޢާ ނުކުރެއްވިއެވެ.
ކީރިތި ރަސޫލާ ގަހެއްގެ ދަށުގައި އަވަހާރަފުޅުލައްޕަވާފައި އޮއްވާ އަވަހާރަކޮށްލަން އުޅުނު މީހާއަށްވެސް މަޢާފް ކުރައްވައި ފޮނުވައި ލެއްވިއެވެ. މުޝްރިކުން އިތުރު އެކަލޭގެފާނާއި، އެކަލޭގެފާނުގެ ގޮވައިލެއްވުމަށް ތަބާވީހައި ބަޔަކަށް އަނިޔާކޮށް، އުނދަގޫ ކުރަމުންގެންދިޔަ ނަމަވެސްއިތުރު އެކަލޭގެފާނުގެ ދޫފުޅުން އެ މީހުންނަށްޓަކައި ހެޔޮ ދުޢާ ނޫން އެއްޗެއް މީހަކަށް އަޑެއް ނީވެ އެވެ.
އިމާމް މުސްލިމް ގެ ޞަޙީޙް ގައި ވާ ޙަދީޘަކުން ސާބިތު ވެފައިވާ ގޮތުގައި މުޝްރިކުންގެ ދުއްތުރާ ބޮޑު ވެގެން ދިޔައީމާ އަޞްޙާބު ބޭކަލުން ވަޑައިގެން އެ މީހުންނަށް ﷲ ލަޢުނަތް ލައްވާތޯ ދުޢާ ކުރައްވަން ދެންނެވީމާ އިތުރު ޞާޙިބާ ޙަދީޘް ކުރެއްވި އެވެ. "އަހުރެން ފޮނުއްވިގެން ވަނީ މީސްތަކުންނަށް ލަޢުނަތް ލައްވާތޯ ދަންނަވާކަށް ނޫނެވެ. އަހުރެން ފޮނުއްވީ މީސްތަކުންނަށް ހުރި ރަޙްމަތެއްގެ ގޮތުގަ އެވެ."
ވިހަ ލާފައި އޮތް ކަނޑިއެއް ހިފައިގެން، ޢުމައިރް ބިން ވަހްބު ރަސޫލާ އަވަހާރަކޮށްލަން މަދީނާއަށް ދިއުމުންވެސް މަޢާފް ކުރެއްވިއެވެ. މައްކާ ފަތަޙަ ކުރެއްވުމަށްފަހު، ލިބިލެއްވި އަނިޔާއަށް ބަދަލެއް ނުހިއްޕަވައެވެ. ހަނގުރާމައިގެ މުޖްރިމުން ކަމަށް ބެލެވޭ ތިން މީހެއް ފިޔަވައި އެހެން ބައެއްގެ ލޭ ހުއްދައެއް ނުކުރެއްވައެވެ. އެންމެންނަށް މަޢާފް ދެއްވިއެވެ. އަބޫ ސުފްޔާނަށްވެސް މައްކާ ފަތަޙަ ކުރުމުގެ ކުރިން މަޢާފް ދެއްވިއެވެ. އަދި އުޙުދު ހަނގުރާމައިގައި ރަސޫލާގެ ބޮޑުބޭބޭފުޅު ޙަމްޒަތުގެފާނު ޝަހީދުކޮށްލައި މޭފުޅު ނަގައި ކަންތައް ކުރި މީހާގެ ކިބައިންވެސް ބަދަލެއް ނުހިއްޕެވިއެވެ.
އެއްދުވަހަކު ކީރިތި ރަސޫލާ އަޞްޙާބު ބޭކަލުންނާ އެކު މަސްޖިދުއްނަބަވީ ގައި އިންނަވަނިކޮށް ބަދަވީންގެ މީހަކު މިސްކިތަށް ވަދެ، މިސްކިތަށް ކުޑަ ހާޖަތް ކޮށްފި އެވެ. އަޞްޙާބު ބޭކަލުން އެ މީހާ އަށް އެކަމުގެ އަދަބު ދެއްވަން އުޅުއްވީމާ، އޭނާ ދޫކޮށްލައްވާފައި އޭނާ ހާޖަތް ކުރިތަން ސާފު ކުރައްވަން ކީރިތި ރަސޫލާ އަމުރުފުޅު ކުރެއްވި އެވެ. ފަހުން އެ މީހާ އަރިހަށް ގެންނަވައިގެން ނަސޭހަތް ދެއްވި އެވެ. މިސްކިތަކީ އަޅުކަން ކުރާ ތަނެއް ކަމަށް ވާތީ ތާހިރު ކޮށް ބާއްވަން މަސައްކަތް ކުރަން ޖެހޭނޭ ކަމަށް ޙަދީޘް ކުރެއްވި އެވެ.
އަޅުގަނޑުމެން އެންމެހާ މުސްލިމުން ކީރިތި ރަސޫލާގެ މަތިވެރި މާތް ހަޔާތްޕުޅުން ގިނަގުނަ އިބުރަތްތަކެއް ހާސިލް ކުރަން ޖެހެ އެވެ.
ކީރިތި ރަސޫލާއަކީ އޯގާތެރި ބޭކަލެކެވެ. މީހުންގެ މައްޗަށް އެކަލޭގެފާނުންގެ ހިތްޕުޅުގައިވާ އޯގާތެރިކަމަކީ މާތްﷲ ގެ ޙަޟްރަތުން ލެއްވި ރަޙްމަތެކެވެ. އެ ރަޙްމަތުގެ އަސަރު މުޅި އިސްލާމީ އުންމަތަށްވަނީ ފެތުރިފަ އެވެ.
ޔަހޫދީންގެ އާދައަކީ އަބަދުވެސް ޢަހުދު އުވައިލުމާއި ޣައްދާރު ވުމެވެ. ދުނިޔޭގައި ޔަހޫދީން އުފެދުނީއްސުރެވެސް މިއީ ގިނަ ޔަހޫދީންގެ ކިބައިގައި އަށަގެންފައިވާ އާދައެކެވެ. އެ ގޮތުން ބަނީ ޤައިނުޤާޢުގެ ޔަހޫދީންވެސް ރަސޫލާއާއި އެކު ވެފައިފާ ޢަހުދު އުވާލައި، މުސްލިލުންގެ ތެރޭގައި ގަޑު ބަޑު އުފައްދައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ފެށިއެވެ. ކަންތައް ބޮޑުވަމުން ވަމުން ގޮސް، ޔަހޫދީ ބާޒާރެއްގައި އެއްޗެއް ވިއްކަން ހުރި މުސްލިމް ޢަރަބި އަންހެނަކަށް ފުރައްސާރަކޮށް އޭނާގެ ޢައުރަ ކަޝްފު ކުރުމުން، އެތަން ފެނުނު މުސްލިމެއް އެ އެކަން ކުރި ޔަހޫދީ ކަލޭގެ މަރައިލިއެވެ. ދެން ޔަހޫދީންތައް އެއްވެގަނެ އެ މުސްލިމް މީހާވެސް މަރައިލިއެވެ. މި ހިސާބުން ކަންތައް ގޯސްވެ، އެންމެ ފަހުން ރަސޫލާ ބަނީ ޤައިނުޤާޢު 15 ދުވަސްވަންދެން ޙިޞާރު ކުރައްވައި، މުސްލިމުންގެ ޝަރުޠައް އެ މީހުން އެއްބަސް ކުރުއްވިއެވެ. އަދި އެހެން ހިސާބަކަށް މި ބައި މީހުން ފޮނުވައިލެވުނެވެ.
ދުނިޔެއަށް ހަމަ ޖެހުމާއި ޞުލްޙަ އައުން އޮތީ ވަކި މީހަކަށް ބެލުމެއް ނެތި ހަމަހަމަކަން ޤާއިމު ކުރެވިގެންނެވެ. މި ހަމަހަމަކަން ދުނިޔެއަށް ގެނެސްދެއްވީ އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އަޅުގަނޑުމެންނަށް ހުރި ރަޙްމަތަކަށް އިތުރު އެކަލޭގެފާނު ވެގެން ގޮސްފައިވާ ސަބަބަކީ މިއީ އެވެ. ޞުލްޙަ އާއި އަމާން ކަމަށްޓަކައި ކުރާ މަސައްކަތުގައި ހިތް ހަމަ ނުޖެހޭ އެތައް ކަމަކާ ކުރިމަތިލާން ޖެހޭނެ އެވެ. ގެއްލުން ދެނިވި ބައެއް ކަންކަމަށް އެއްބަސް ވާން ޖެހޭނެ އެވެ. މިއީ މިހާރުވެސް ފެންނަ ޙަޤީޤަތެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން