އިސްލާމީ ރިސާލަތާއެކު ދުނިޔެ ދެކެން ފެށީ މުޅިން އައު ދައުރެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މައްސަރު'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މިމައްސަރަކީ ބަރަކާތުން ފުރިގެންވާ މައްސަރެއް ކަމަށާއި، މިމައްސަރަކީ އާލަމްތަކަށް ރަހްމަތެއްކަމުގައި ކީރިތި ﷲ ފޮނުއްވި މާތް ސާހިބާ ދުނިޔެއަށް ވަޑައިގަތް މައްސަރު ކަމަށެވެ.

ޚުތުބާގައި ވަނީ އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވުމުގެ ކުރިން ދުނިޔެ އޮތް ދަށު ދަރަޖައާއި އެކަލޭގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތުމާއި އަދި ދީނަށް ގޮވާލެއްވުމުގައި މަސައްކަތްތައް ކުރެއްވި ގޮތަށް އަލިއަޅުވާލާފައެވެ. ޚުތުބާގައި ބުނީ އެދުވަސްވަރު ފޮތުގެ އަހުލުވެރީންގެ ގޮތުގައި ތިބީ ޔަހޫދީންނާއި، ނަސާރާއިން ކަމަށާއި، އެދެބައި މީހުން ވެސް ދިޔައީ އެއްބަޔަކު އަނެއްބަޔަކު ކުށްވެރިކުރަމުން ކަމަށެވެ.

ޚުތުބާގައި ބުނީ މިފަދަ ހާލަތެއްގައި ދުނިޔެވަނިކޮށް ރަސޫލާ ދުނިޔެއަށް ވަޑައިގަތީ ޔަތީމު ހާލުކޮޅުގައި ކަމަށާއި، އުފަންވެ ވަޑައިގަތް ދުވަހުން ފެށިގެން އެކަލޭގެފާނަށް ތަރުބިއްޔަތު ލިބިވަޑައިގަތީ ސީދާ އިލާހީ އިނާޔަތްތެރި ކަމުގެ ދަށުގައި ކަމަށެވެ.

ޚުތުބާގައި ބުނީ ރިވެތި އަޚުލާގާއި މަކާރިމުގެ މާތް ސިފަތައް އެކަލޭގެފާނަށް ލިބިވަޑައިގެންފައިވަނީ އޭގެ މަތިވެރި މިސާލެއްގެ ގޮތުގައި ކަމަށާއި، އުމުރުފުޅުން ސާޅީސް އަހަރުފުޅު ފުރިހަމަ ވުމަށްފަހު އިންސާނިއްޔަތަށް މަގު ދައްކަވައި ދުނިޔެ އިސްލާހު ކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު އެކަލޭގެފާނު ކޮނޑުފުޅުގައި އެޅުނު ކަމަށެވެ.

ތޭވީސް އަހަރު ކެނޑިނޭޅި ކުރެއްވި މަސްކަތްޕުޅަށް ފަހު ސުވަރުގެ ވަޑައިގަތީ މާތްރަސޫލާގެ ކޮނޑުފުޅު އެޅުއްވުނު ވަރުގަދަ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އުފުއްލަވާފައިކަމަށެވެ. އަދި ދުނިޔެ އެހެން ދުނިޔެއަކަށް ބަދަލުކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމީ ރިސާލަތާއެކު ދުނިޔެ ދެކެން ފެށީ މުޅި އައު ދައުރެއް ކަމަށާއި، ޖަހާލަތުގެ އަނދިރިކަން ފެތުރިފައި އޮތް ދުނިޔެ އިލްމުގެ ނޫރުން އަލިވެ އުޖާލާވި ކަމަށެވެ. އަނިޔާއާއި ބޭއިންސާފުގެ ބަދަލުގައި އަދުލު އިންސާފު އާއްމުވި ކަމަށާއި، ދެކޮޅުވެރިކަމާއި ނޭއްގާނީކަމުގެ ބަދަލުގައި އެކުވެރިކަމާއި ސުލްހަ މަސަލަސްކަން ގާއިމްވި ކަމަށެވެ. އަދި ތައުހީދުގެ ބިންގަލުގެ މަތީގައި އީމާންކަމުގެ އިމާރާތްތައް އާރާސްތުކުރެވިފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.