މުދަލަކީ ހަޔާތުގެ މައިނާރެވެ. އަދި އެއީ، ހަޔާތުގެ އުފާ ފާގަތިކަމާއި ހަމަޖެހުން އޭގެމައްޗަށް ބިނާވެފައިވާ އެންމެ މުހިންމު، އެއް ވަސީލަތް ވެސްމެއެވެ. މިހެންވެ، އެކިއެކި އަޤީދާތަކާއި، އަދި އިންސާނީ ވިސްނުމުގެ ތަފާތު ފަލްސަފާތައް، މުދަލަށާއި މަސައްކަތަށާއި އުފެއްދުންތެރިކަމަށް ހާއްސަ ނަޒަރަކުން ވަނީ ބަލާލާފައެވެ. 

މިގޮތުން ދުނިޔެއާމެދު ޒާހިދުވެ، ދުނިޔެއަޅާފައިވާ، ރޫހީ ބައެއް މަޛްހަބުތައް ބުނަނީ، އިންސާނާ އަށް އޮތީ ދުންޔަވީ އެންމެހައި ލައްޒަތްތަކުންނާއި އަދި އިޖްތިމާޢީ ހަޔާތުން މުޅިން ދުރުހެލިވުން ކަމަށެވެ. 

މީގެ އަނެއްކޮޅުން، މާއްދިއްޔަތަށްގޮސް ހުސްވެފައިވާ މާއްދީ މަޛްހަބުތައް ބުނަނީ މުދަލާއި އުފެއްދުންތެރިކަމަކީ މުޅި ހަޔާތުގެ އަމާޒުކަމަށެވެ. އަދި އެއީ ދުނިޔޭގެ މި ދިރިއުޅުމުގެ މަގްޞަދުކަމަށެވެ. މިފަދަ މަޛްހަބުތައް ދެކޭގޮތުގައި އިންސާނީ ހަޔާތް، އެ އެއްޗެއްގެ ވަށައިގެން އެނބުރޭ އަސާސީ ނާރެހަކީ މުދަލެވެ.

ނަމަވެސް، މާތްވެގެންވާ އިސްލާމްދީނަކީ ކޮންމެ ކަމަކާމެދުވެސް އެންމެ އިންސާފުވެރި ނަޒަރަކުން ބަލާލާފައިވާ ދީން ކަމުގައިވާތީ، އެ ދީން މުދަލާމެދު ދެކެނީ އެއީ ވަސީލަތެއްކަމުގައެވެ. އަދި އެއީ އަމާޒެއް ނޫން ކަމުގައެވެ. އެއީ އިންސާނާ އަކީ ތަފާތު ކަންކަމަށް ބޭނުންވާގޮތަށް ހައްދަވާފައިވާ މަޚްލޫޤެކެވެ. މިގޮތުން ކެއިންބުއިމަށާއި ހިޔާވަހިކަމަށާއި، ހެދުންއެޅުމަށް އޭނާ ބޭނުންވެއެވެ. މިފަދަ ކަންކަމަށް އިންސާނާ ބޭނުންޖެހޭ ހިނދު، ތަނަވަސްކަމާއެކު އެކިއެކި މަންފާތައް ހާސިލްކޮށްގަތުމުގެ ކުޅަދާނަކަމާއި އެކަމުގެ ހުނަރުވެސް އެ އިންސާނާގެ ކިބައިގައި ﷲ ވަނީ ލައްވާފައެވެ. ނަމަވެސް އިސްލާމްދީން ދެކޭގޮތުގައި އިންސާނާގެ އަސާސީ ބޭނުންތައް ފުއްދުމުގެ ގޮތުން، އެކިއެކި އިގްތިޞާދީ ހަރަކާތްތަކުގައި އިންސާނާ މަސައްކަތްކުރާކުރުމަކީ، އޭގެ ޒާތުގައި ވަސީލަތެކެވެ. އަމާޒެއްނޫނެވެ. އެއީ މިހުރިހާ ކަމެއް އިންސާނާ ކުރުމުގެ އަމާޒަކަށްވާންޖެހޭނީ ހެޔޮ އަމަލު ކުރުމުން މާތްﷲ ގެ ރުހިވޮޑިގަތުން ހާސިލްކުރުމެވެ.

ޝައްކެއްނެތްގޮތުގައި މިދެންނެވި ގޮތުގެ މަތިން އިންސާނާއަށް މަސައްކަތްކުރެވޭނީ ދުނިޔެއާއި އާހިރަތާ މެދު ހަމަހަމަ ނަޒަރަކުން ބަލާލެވިގެންނެވެ. އާހިރަތުގެ ބާއްޖަވެރިކަމަށް އެދޭ ހިނދު، ﷲ ހުއްދަ ކުރައްވާފައިވާ އިމުގެ ތެރޭގައި ދުނިޔެއިން ތިމާއަށް ލިބެންޖެހޭބައި ހާސިލްކޮށްގެންނެވެ. މިކަމަށް އިޝާރާތްކުރައްވައި އަލްގަޞާޞް ސޫރަތުގެ 77 ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވަނީ: "އަދި ތިބާޔަށް ﷲ ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) އާހިރަތުގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: އާހިރަތުގެ ދިންނެވުމާއި، ރަހުމަތާއި، ޘަވާބަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި ﷲ، ތިބާޔަށް އިހުސާންތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (ﷲ ގެ އަޅުތަކުންނަށް) އިހުސާންތެރިވާށެވެ! އަދި ބިމުގައި ފަސާދަ އުފެއްދުމަށް ތިބާ އެދި ނޫޅޭށެވެ! ހަމަކަށަވަރުން، ފަސާދަކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." މިފަދައިންނެވެ.

 

("މުދަލަކީ، ވަސީލަތެކެވެ. އަމާޒެއްނޫނެވެ." - އާދަމް މުޙައްމަދު އަބްދުﷲ، ދީނުގެމަގު އަހަރު 19، އަދަދު 20، ޞަފްހާ 3، 10 ޖޫން 2005)