އިންސާނުންގެ އިޖްތިމާޢީ ބިންގާ ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި އިސްލާމްދީނުގައި އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަކީ، އެކަކު އަނެކަކަށް ކަމޭހިތުމާއި، އިހްތިރާމް ކުރުމެވެ.

ކޮންމެ އިންސާނަކުވެސް، އަނެއް އިންސާނަކަށް ކަމޭހިތަންވީ އަނެކާޔަކީ، މުއްސަންޖަކަށް، ނުވަތަ އާރާއިބާރުހުރި މީހަކަށް، ނުވަތަ ތިމާގެ މީހަކަށް ވާތީއެއް ނޫނެވެ. ނުވަތަ އެމީހާގެ ފަރާތުން ތިމާޔަށް ލިބިދާނެ ފައިދާއަކަށްޓަކައެއްވެސް ނޫނެވެ. ކޮންމެ އިންސާނަކުވެސް، އަނެކަކަށް ކަމޭހިތައި އިހްތިރާމް ކުރަންވީ، އެއީވެސް ތިމާފަދަ އިންސާނަކަށް ވީތީ އެވެ.

އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތައް ހުންނަގޮތަށް ވިސްނާއިރު، ގިނައިން ފެންނަނީ، ތަފާތު ގޮތެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ކަމޭހިތެނީ، ވަކިފެންވަރު ތަކެއްގެ ބަޔަކަށް އެކަންޏެވެ. ނުވަތަ އެކިގޮތްގޮތުން ކުރިއެރުމާއި ތަނަވަސްކަން ހޯދާފައިވާ މީހުންނަށެވެ. ނުވަތަ ތިމާ ދަންނަ މީހުންނަށެވެ.

އާދައިގެ މީހުންނަށް، އަދި ވަކިން ޙާއްޞަކޮށް ނިކަމެތިންނާއި ފަގީރުންނާއި ކުޑަކުދިންނަށް، ކަމޭހިތާތަން ފެންނަލެއް މަދުކަމުގައި ދެންނެވި ދާނެ އެވެ.

އިސްލާމްދީނުގައި މާތް އުސޫލުތަކަށް ބަލާއިރު، މިއީ، މިކަން ވާންވީ ގޮތެއް ނޫނެވެ. ކަމޭހިތަންވީ، ހުރިހާ އެންމެންނަށެވެ. ތިމާ ދަންނަ މީހުންނަށާއި ނުދަންނަ މީހުންނަށެވެ. މޮޅު މީހުންނަށާއި، އެންމެ އާދައިގެ މީހުންނަށެވެ. ނިކަމެތިންނާއި ފަގީރުންނަށް އެހީވުމަށް ދީނުގައި އަންގަވާފައިވަނީ، އެމީހުންނަކީ ވެސް، މުޖުތަމަޢުގެ އެހެން އަފްރާދުންނެކޭ އެއްފަދަ ބަޔަކަށް ވާތީއެވެ. އެމީހުންގެވެސް، ޤަދަރަކާއި ޢިއްޒަތެއްވާތީ އެވެ.

ކޮންމެ އިންސާނަކަށްވެސް، ތިމާގެ ޤަދަރާއި ޢިއްޒަތަކީ، ވަރަށް މުހިންމު އެއްޗެކެވެ. ޙަޤީޤަތުގައި އެއީ، މުދަލާއި ފައިސާ އާއި، މަތީ މަގާމަށްވުރެވެސް އަގުހުރި އެއްޗެކެވެ. އެހެންކަމުން، ތިމާ އަށް އެހެން މީހުންގެ ލޯތްބާއި އިހްތިރާމް ލިބޭނީ، އަދި މުޖުތަމަޢުގެ އެކުވެރިކަން ދެމެހެއްޓޭނީ، ތިމާވެސް އެހެންމީހުންނަށް އިހްތިރާމްކޮށް، ކަމޭހިތާ މިންވަރަކުންކަން ދަންނަންވާނެ އެވެ.

 

("އަނެކުންނަށް ކަމޭހިތުން" - މަޢުމޫން ޢަބްދުލް ޤައްޔޫމް – އަހަރު 18، އަދަދު 8، ޞަފްހާ 1، 12 މާރިޗް 2004)