އިންސާނުންނަށްޓަކައި މި ދުނިޔޭގައި އެތައް ރަޙްމަތެއް މާތް ﷲ ވަނީ ލައްވާފައެވެ. އަދި އިންސާނުންނަށްޓަކައި އުފާވެރިކަމުގެ އެތައް ޚަބަރެއްވެސް މާތް ﷲ ވަނީ ދެއްވާފައެވެ. އެގޮތުން ވާރޭ ވެހުމާއި، އުޑުގައި ވިލާ އުފެދުމާއި ވައި ޖެހުމަކީވެސް އިންސާނުންނަށް ހުރި ރަޙުމަތެކެވެ. އުފާވެރި ކަމެކެވެ. އެ ފެނުން އަހަރެމެންގެ ކަރުހިއްކުން ފިލުވަމުއެވެ. ހައިހޫނުކަން ފިލުވަމުއެވެ. އެ ވައިން ހަށިތަކަށް ފިނިކަން އިހުސާސް ކުރަމުއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި ވެއެވެ.
﴿57﴾ وَهُوَ الَّذِي يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۖ حَتَّىٰ إِذَا أَقَلَّتْ سَحَابًا ثِقَالًا سُقْنَاهُ لِبَلَدٍ مَّيِّتٍ فَأَنزَلْنَا بِهِ الْمَاءَ فَأَخْرَجْنَا بِهِ مِن كُلِّ الثَّمَرَاتِ ۚ كَذَٰلِكَ نُخْرِجُ الْمَوْتَىٰ لَعَلَّكُمْ تَذَكَّرُونَ
މާނައީ: އަދި އެކަލާނގެ رحمة ގެ ކުރިޔަށް، (އެބަހީ: ވާރޭގެ ކުރިޔަށް) އުފާވެރި خبر އެއްގެ ގޮތުގައި، ވައިރޯޅިތައް ފޮނުއްވަނީ އެކަލާނގެއެވެ. އަދި އެ ރޯޅިތައް، ފެނުން ބަރުވެފައިވާ ވިލާގަނޑެއް އުފުލައިގަތުމުން، މަރުވެފައިވާ ރަށަކަށް ތިމަންރަސްކަލާނގެ އެ ވިލާގަނޑު ފޮނުއްވަމެވެ. ދެން އެއިން ފެންވެއްސަވައި، ހުރިހާ ބާވަތެއްގެ މޭވާއިން ގަސް ފަޅުއްވަމެވެ. މަރުވެފައިވާ މީހުން (އަލުން ދިރުއްވައި) ނެރުއްވާހުށީ، ހަމައެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ. (އަލް ޢަޢްރާފް 57 ވަނަ އާޔަތް)
މި އާޔަތުން އެނގޭ ގޮތުގައި އާންމު އުސޫލެއްގެ ގޮތުން ވިއްސާރަ ވިލާގަނޑެއް އައުމުގެ ކުރިން ވައި ޖެހޭ ގޮތް މެދުވެރި ވެއެވެ. އަދި މިއީ ރަޙްމަތެއް ކަމުގައްޔާއި އުފާވެރި ހަބަރެއް ކަމުގައި އައިސްފައި އޮތުމުން ދޭހަވަނީ އެ ވައިގެ ސަބަބުން، ވިއްސާރައިން ހިޔާވުމާއި، ނުވަތަ ވިއްސާރައިން ވާރޭ ފެން ނެގުމަށް އިންސާނާ އަށް ތައްޔާރުވުމުގެ ފުރުސަތު ދެއްވާ ކަމެވެ.
މީގެ އިތުރުން މި އާޔަތުން އެނގޭ އަނެއް ކަމަކީ ވިއްސާރަ ވިލާ ތަކަކީ ބަރު ވިލާ ތަކެއް ކަމެވެ. އަދި އެ ވިލާ ތަކުގައި ވަނީ ފެން ކަމެވެ. އުޑުގައި ވިއްސާރަ ވިލާތައް ދައުރު ކުރަނީ ޖެހޭ ވަޔާއި އެކުގާ ކަމެވެ. އަދި އެ ވިލާތަކުން ވެހޭ ވާރޭގެ (ފެނުގެ) ސަބަބުން ބިންތަކަށް ދިރުން ލިބޭ ކަމެވެ. އާރޯ ކަމާއި ތާޒާކަން ލިބި ތަފާތު މީރު ކެއުންތައް އެ ބިމުން އުފަންވެގެން ދާނޭ ކަމެވެ.
މި އާޔަތުގެ އެއްމެ ފަހުބައިގައި މާތް ﷲ ވަޙީ ކުރައްވަނީ އަލުންދިރުއްވުމާއި ބެހޭގޮތުންނެވެ. އެގޮތުން އިސްވެ ބަޔާންވެގެންވާ ވާރޭ ވިލާގަނޑާއި އެ ވިލާގަނޑުން ވެހޭ ވާރޭގެ ސަބަބުން މަރުވެފައިވާ ބިންތަކަށް ދިރުން ލިބޭ ފަދައިން ނުވަތަ އެ މިސާލުން މަރުވެފައިވާ އިންސާނާވެސް މާތް ﷲ އަލުން ދިރުއްވާނޭކަން މި އާޔަތުން އެނގެއެވެ. ކޮންމެއަކަސް ކީރިތި ޤުރުއާނުގެ މިފަދަ ކޮންމެ އާޔަތަކުންވެސް ފެނިގެންދަނީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމާއި އެ އިލާހުގެ ފަޟްލަވަންތަކަމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން