އިސްލާމްދީނުގެ މައިގަނޑު އަސްލަކީ، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތްކަމަށްވާއިރު، ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ހުކުމްތައް ދެނެގަތުމަށްޓަކައި، ވިސްނުމުގެ ބޭނުން ކުރަން ޖެހެއެވެ. އެހެނީ، ކިތަންމެ މޮޅަށް އިބާރާތް ކުރެވިފައިވާ އެއްޗެއްވެސް ހަމަ ބުއްދި ނެތް މީހަކަށް އޮޅުމެއް ނުފިލާނެއެވެ. އަދި ޖުމްލައެއްގައި ބަސްތައް އަތުރާލެވިފައުވާ ގޮތުން މާނައަށް އަންނަ ތަފާތާއި، ބަހުގެ އަސްލު މާނައިގައި ނުވަތަ މަޖާޒީ މާނައިގައި ބޭނުންކުރެވޭ ގޮތާއި، މިފަދަ ކަންކަން ނޭނގޭމީހަކަށް އެ ޖުމްލައެއްގެ ޙަޤީޤީ މާނައެއްވެސް ނޭނގޭނެއެވެ. އެހެންކަމުން، އެއްވެސް ބަހަކުން ބުނެފައިވާ އެއްޗެއްގެ ފުރިހަމަ މާނަ ދެނެގަތުމުގައި ބަސްދަތުމުގެ އިތުރަށް، މިދެންނެވި ފަދަ ކަންތައްތައް އެނގުން ލާޒިމެވެ. އެއްޗެއްގެ މާނަ ދެނެގަތުމުގައި ހަމަ ބުއްދިއާއި ވިސްނުން ބޭނުންވަނީ، މިދެންނެވި ސަބަބަށްޓަކައެވެ.

ކީރިތި ޤުރުއާނުގައި މުއުމިނުން ސިފަކުރައްވާފައިވަނީ، ބުއްދީގެ އަހުލުވެރިންގެ ގޮތުގައެވެ. އަދި މާތްﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކާއި އިސްލާމް ދީނުގެ އަޤީދާތަކާއި ހުކުމްތައް ދެނެގަތުމުގައި ބުއްދީގެ ބޭނުންކުރުމަށް ވަނީ، ތަކުރާރުކޮށް އަންގަވާފައެވެ. ފަހަކަށްއައިސް، މުސްލިމުންގެ ތެރޭގައި ހައްދުފަހަނައަޅަމުން މިދާ މަޛްހަބީ ހިލާފުތަކުގެ އެންމެ ބޮޑު އެއްސަބަބަކީ ވެސް، ޤުރުއާނާއި ސުންނަތުގައި އަންގަވާފައިވާ އެންގެވުންތައް ދެނެގަތުމުގައި ސިކުނޑީގެ ބޭނުން ކުރެވޭލެއް ކުޑަކަމެވެ.

މީހާގެ ހެދުމާއި މަލަމަތި ހުންނަ ގޮތަށް ބައެއް މީހުންދޭ އާދަޔާ ހިލާފު ސަމާލުކަން، މި ބަހުގެ ހެތްކެއްކަމުގައި ފުދެއެވެ، ޤުރުއާނާއި ސުންނަތުން އެނގޭ ގޮތުގައި، މީހާގެ ދީންވެރިކަން ދައްކައިދޭ އެއްޗަކީ، އެމީހެއްގެ ހިތުގައިވާ ތަޤުވާވެރިކަމާއި، އެމީހަކު ކުރާ ހެޔޮ އަމަލުތަކާއި، އެމީހެއްގެ މާތް އަޚްލާޤު އެވެ. އެމީހެއްގެ ހެދުން ވަކިގޮތަކަށް ބެހެއްޓުމާއި، ތުނބުޅި މަތިމަސް ވަކި ސިފަޔަކަށް ބެހެއްޓުމެއް ނޫނެވެ. މީހާގެ ރަނގަޅުކަން ނުވަތަ ނުބައިކަން ސާބިތުކޮށްދޭ އެއްޗަކީ، އެމީހާގެ އަމަލުތައް ކަމާއި، ބޭރުފުށް ހުންނަގޮތް ނޫންކަން، ހަމަވިސްނުމުގެ ބޭނުންކޮށްފި ކޮންމެ މީހަކަށް ރަނގަޅަށް އެނގޭނެއެވެ.

 

("ހަމަ ވިސްނުމުގެ ބޭނުންކުރުމުގެ މުހިންމުކަން" - އަލް އުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް – އަހަރު 17، އަދަދު 24، ޞަފްހާ 1، 04 ޖުލައި 2003)