މުޖުތަމައުތަކުގައި އެންމެން ހަމަޖެހިގެން އަމާންކަންމަތީ ދިރިއުޅުމަށްޓަކައި ރިވެތި އަޚުލާގަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. ރިވެތި އަޚުލާގު ނެތިއްޖެ ތަނެއްގައި ނުބައި ކަންތައްތައް އާންމުވެ، ހަމަނުޖެހުމާއި ތަޅާފޮޅުންތައް ގިނަ ވާނެ އެވެ. މިފަދަ އެތައް ކަމެއް ހަމަ ކޮންމެ މުޖުތަމައަކުންމެ މިއަދު އެބަ ފެނެއެވެ.

މިކަމުގެ އެންމެ މުހިންމު ހައްލަކީ އަޚުލާގީ ގޮތުން ދަރިން ތަރުބިޔަތު ކުރުމެވެ. މި ޒިންމާ އެންމެ ފުރަތަމަ ނަގަން ޖެހޭ ބަޔަކީ ބެލެނިވެރިން ނުވަތަ އާއިލާ އެވެ. އާއިލާ އިން މި މަސްއޫލިއްޔަތު ނުއުފުލައިފި ނަމަ ބައެއްގެ ހައްގުތައް ގެއްލިގެން ދެ އެވެ. މުޅި އާއިލާ ފުނޑުފުނޑުވެ، ކުށްތަކާއި ޖަރީމާތަކުގެ މުޖުތަމައަކަށް ދަރިންތައް ނެރެވިދެ އެވެ.

އިންސާނާ އަޚުލާގީ ގޮތުން ތަރުބިޔަތު ކުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑު ސަމާލުކަމެއް ދީފައި ވެއެވެ. ފިރިހެނާ އޭނާގެ އާއިލާއާ މެދު މަސްއޫލު ވާން ޖެހެއެވެ. މި މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރެވުނު ކަމަށް ވާނީ އާއިލާ ހެޔޮގޮތުގައި ތަރުބިޔަތު ކޮށްގެންނެވެ. ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމަށް ކުރާ މަސައްކަތަކީ އެ ކަމަށް ހެޔޮ ޖަޒާ ލިބެނިވި ކަމެއްކަން އިސްލާމް ދީން ބަޔާން ކުރެ އެވެ. އިސްލާމްދީނުގައި އާއިލީ ތަރުބިޔަތަށް މި ވަރުގެ ސަމާލުކަމެއް ދީފައި ވަނީ އާއިލާއަކީ މުޖުތަމައުތައް އުފެދުމުގެ ބިންގާ ކަމުގައި ވާތީ އެވެ. މުޖުތަމައުގައި ރިވެތި އަޚުލާގު ދެމިގެންދާނީ އާއިލާތަކުގައި އަޚުލާގީ ތަރުބިޔަތެއް ގާއިމު ކުރެވިގެން ކަމަށް ވާތީ އެވެ.

އަޚުލާގީ ތަރުބިޔަތު މުހިންމުވުމާއި މި ކަމުގައި އާއިލާގެ މަސްއޫލިއްޔަތު ބޮޑުވުމާއި މި މަސްއޫލިއްޔަތުގައި އިހުމާލުވުން އާންމުވުމާ އެކު، މިއަދު އަހަރެމެން އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ އަޚުލާގީ ތަރުބިޔަތަށް ވާން އެބަޖެހެ އެވެ. ގޭގެތެރެއިން މި ތަރުބިޔަތު ދަރިންނަށް ނުދެވޭ ނަމަ ބޭރުން އެކަން ކޮށްދޭނެ އެހެން ބަޔަކު ނުވާނެކަން ވިސްނަން ޖެހެ އެވެ. ބޭރުން ލިބޭ ތަރުބިޔަތަކީ ހަގީގަތުގައި ރިވެތި އަޚުލާގާ ފުށުއަރާ ތަރުބިޔަތެއް ކަމުގައި ވެދާނެކަން ވެސް ދެނެގަންނަން ޖެހެއެވެ.

އެހެންކަމުން ހަމަ ޖެހޭ ސުލްހަވެރި މުޖުތަމައެއް ބިނާ ކުރާން އެދޭނަމަ، އާއިލާތައް އިސްލާހުވެ، ހަރުދަނާ ރިވެތި ތަރުބިއްޔަތެއް އާއިލާގެ އެންމެންނަށް ފޯރުކޮށްދޭށެވެ. ތިމާއާއި ދިމާގެ ދަރިންގެ އަޚުލާގާއި އާއިލާ އެންމެންގެ އަޚުލާގު ހެޔޮކޮށްދިނުމަށް ސަމާލުކަން ދޭންވާނެއެވެ. ރިވެތި އަޚުލާގަކީ އަލިވޮށެއްފަދަ އެއްޗެކެވެ. އެއީ އަނދިރިކަމާއި ނާމާންކަން ފިލުވާލަދޭ އަލިކަމެކެވެ.

 

ހަވާލާ: ޑރ. ސަޢުދު ﷲ ޢަލީ (2024) - "އަޚުލާގީ ތަރުބިއްޔަތު އެއްމެ މުހިއްމު ކަމަކަށް ހަދައިގެން ނޫނީ ވާކަށް ނެތް" - މިހާރު.