ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ދިވެހި ސިފައިންގެ މަޖައްލާ، "އައްޑަނަ" ގެ 34 ވަނަ ޢަދަދު، ނެރެދެއްވައިފިއެވެ. 
 
އައްޑަނަ މަޖައްލާގެ 34 ވަނަ އަދަދު ނެރެދެއްވީ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތަށްފަހު ބަންޑާރަކޮށީގައި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
 
އަހަރަކު ދެފަހަރު ނެރެމުން އަންނަ އައްޑަނަ މަޖައްލާއަކީ،  ރަޖިސްޓްރީކޮށްގެން 2007 ވަނަ އަހަރުން ފެށިގެން އާންމުކޮށް ނެރެމުން އަންނަ މަޖައްލާއެކެވެ. މިގޮތުން މި މަޖައްލާ ޝާއިޢުކުރަމުން ދަނީ ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާއި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައެވެ. މިއަހަރުގެ ނަޞްރުގެ ދުވަހު ނެރުނު ޢަދަދުގެ ތީމަކީ، "ޝަހީދުންގެ ޒިކުރާ" އެވެ. މިގޮތުން ރާއްޖޭގެ ފުންނާބުއުސް ޢިލްމީ ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް މި އަދަދުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، ޤައުމިއްޔަތު، އިޖުތިމާޢީ، ދީނީ، ޞިއްޙީ، ތާރީޚު، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ތަފާތު ރަހަތަކުގެ ލިޔުއްތައް ހިމަނާފައިވެއެވެ.
 
މި އަދަދު ގިނަ ބަޔަކަށް ކިޔާލަން މަގުފަހިކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކިޔާލެވޭ ގޮތަށް އެމްއެންޑީއެފް ވެބްސައިޓްގައި މިހާރު  ޝާއިޢުކުރެވިފައިވާއިރު ޕްރިންޓެޑް ކޮޕީ ހިލޭ ބެހުމަށް ވަނީ ހަމަޖެހިފައެވެ.