މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫއެއް ފެށުމުގެ ވައުދުގެ ދަށުން ސަރުކާރުގެ ހަފުތާ 14 ގައި ހުޅުވަން ހަމަޖެހިފައިވާ 19 ޕޮލިސް ޕޯސްޓު ހުޅުވައި އެ ރަށްރަށުގައި ފުލުހުން ގާއިމުވެތިވެ ޚިދުމަތްދޭން ފަށައިފިއެވެ.

2023 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މި އަހަރުގެ މިހާތަނަށް ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށާފައިވަނީ ހއ. ފިއްލަދޫ، ހދ. ކުރިނބި، ހދ. ނެއްލައިދޫ، ށ. ޅައިމަގު، ނ. ޅޮހި، ނ. ހެނބަދޫ، ނ. މާޅެންދޫ، ނ. މިލަދޫ، ބ. މާޅޮސް، ބ. ކިހާދޫ، ބ. ކުޑަރިކިލު، ބ. ހިތާދޫ، ވ. ތިނަދޫ އަދި ވ. ފުލިދޫ، ދ. ހުޅުދެލި، ތ. ވަންދޫ، ތ. ގާދިއްފުށި، ލ. މާބައިދޫ، ގއ. ކޮނޑޭ ގައެވެ.

މި 19 ޕޮލިސް ޕޯސްޓުގެ ތެރެއިން ގއ. ކޮނޑޭގައި އިއްޔެ ހުޅުވިގެން ދިޔަ ޕޮލިސް ޕޯސްޓާއެކު، މި ފެބުރުވަރީ މަހު އެކަނިވެސް 9 ރަށުގައި މިވަނީ ޕޮލިސް ޕޯސްޓު ހުޅުވާފައެވެ.

ފާއިތުވި ޖަނަވަރީ މަހު 7 ރަށުގައި ޕޮލިސް ޕޯސްޓު ހުޅުވައި އެ ރަށްރަށުގައި ފުލުހުން ގާއިމުވެތިބެ ޚިދުމަތް ދޭންފަށާފައިވާއިރު ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް 3 ރަށުގައި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތް ފަށާފައިވެއެވެ.

ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައި ނުވާ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.