ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މެދުނުކެނޑި ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
މި މުއްދަތުގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަން ހިންގައި 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. އަދި ވައްކަމުގެ އެކި މައްސަލަތަކުން ހަތަރު މިލިއަނެއްހައި ރުފިޔާ އަނބުރާ ހޯދާފައިވާއިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 މީހަކު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވެއެވެ.
ހަމަ އެހެންމެ ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަށް ދެމުންދާ އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ތެރެއިން 905 ހަރަކާތް މުޅި ރާއްޖޭގައި ހިންގާފައިވާއިރު ރައްޔިތުންނަށް ހާއްސަކޮށްގެން 525 ޕްރޮގްރާމް ހިންގާފައިވެއެވެ. މީގެ ތެރޭގައި ކުށުން ރައްކާތެރިކުރުވުމަށް ރައްޔިތުންނަށް މައުލޫމާތު ދިނުމާއި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.
އަދި މި މުއްދަތުގައި ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސެކިއުރިޓީ ބަލަހައްޓައި، ވޯޓުލުމަށް އަމާން މާހައުލެއް ގާއިމުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާ އެކު ކާމިޔާބު މަސައްކަތްތަކެއް ވަނީ ކުރެވިފައިވެއެވެ.
އޭގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައިގަނޑު އެއް އަސާސްކަމުގައިވާ ޖިނާއީ ތަހުގީގު ކުރުމަށް ބަލާއިރު ކާމިޔާބު މަސައްކަތްތަކެއްވަނީ ކުރެވިފައެވެ. އެގޮތުން މި މުއްދަތުގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 554 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އަދި ކުރިން ތަހުގީގު ކޮށްފައިވާ 42 މައްސަލައެއްގައި ކޯޓު މަރުހަލާގައި ހުކުމްތައް ކޮށްފައިވެއެވެ. އަދި މި މުއްދަތުގައި އެކި މައްސަލަތަކުގައި 3691 މީހުން ހައްޔަރުކޮށްފައިވެއެވެ.
މުވައްޒަފުން ބިނާކުރުމާއި ޚިދުމަތް ފުޅާކުރުން
ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ބަވަނަވަމުންދާ ދުނިޔެއާ އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށް، ޒިންމާދާރު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުން ވެސް މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް މެދުނުކެނޑި ދަނީ ކުރަމުންނެވެ.
ފާއިތުވި 6 މަސް ދުވަހު އެކި ދާއިރާތަކުން ތަމްރީނުދީ މުވައްޒަފުން ބިނާކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ރާއްޖެއާއި ރާއްޖޭން ބޭރުން ޖުމްލަ 142 ޕްރޮގްރާމެއްގައި 899 މުވައްޒަފުންނަށް ތަމްރީނު ދީފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޔުނިފޯމް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެވި މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް ބޮޑުކޮށްފައިވެއެވެ. ހަމަ އެހެންމެ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ދެވަނަ ދައުރު ވެސް މި މުއްދަތުގެ ތެރޭގައި އިފްތިތާހު ކޮށްފައިވެއެވެ.
އޭގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމާއި ކޮންމެ ރަށެއްގައި ވެސް ފުލުހުން ގާއިމުވެތިބެ ޚިދުމަތްދިނުމާއި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށުގައި 19 ޕޮލިސް ޕޯސްޓު އަލަށް ހުޅުވާފައިވެއެވެ. އަދި އިތުރު 12 ޕޮލިސް ޕޯސްޓު މި އަހަރުގެ ތެރޭގައި ހުޅުވުމުގެ މަސައްކަތް ފަށާފައިވެއެވެ.
އިދާރީ ހިންގުން ހަރުދަނާކުރުމާއި މައުލޫމާތު ހާމަކުރުން
ދިވެހި ފުލުހުންގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، އައު ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލާއި މަޝްވަރާހޯދުމަށް މާލެއާއި އަތޮޅުތެރެ ހިމެނޭހެން 15 ފޯރަމް ބާއްވައި ދިރާސާތަކެއް ހަދާފައިވެއެވެ. އަދި ސަރުކާރުގެ ވިސްނުމާ އެއްގޮތަށް އައު ޕްލޭން އެކުލަވާލައި އިފްތިތާހުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. އޭގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ގާބިލުކަން ވަޒަންކުރުމަށްޓަކައި އެކުލަވައިލާފައިވާ ޕޮލިސިންގ ޕްރޮފެޝަނަލް ފްރޭމް ވޯކަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ މަސައްކަތް މި މުއްދަތުގައި ފަށާފައިވާއިރު، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެގޮތުގެ ޕްލޭނާއި ތަހުގީގު ދާއިރާ ހަރުދަނާކުރުމަށް ފްރޭމް ވޯކް އެކުލަވައިލުމުގެ މަސައްކަތް، ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުރަންފަށާފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކަކީ ހާމަކަމާއެކު ކުރެވެމުންދާ މަސައްކަތެއްގެ ގޮތުގައި ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް އަދާހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް، މި މުއްދަތުގެ ތެރޭގައި ތިންފަހަރެއްގެ މަތިން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަސައްވުރު ހާމަކުރެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޓީވީ ޕްރޮގްރާމް މެދުވެރިކޮށް މައުލޫމާތު ދެއްވާފައިވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން