" އަހަރެންނަށް ހޮސްޕިޓަލުގައި ކީމޯ ދެމުން ދިޔައިރު ހަމަޖެހިލައިގެން އޮއްވާ، ނަރުހެއް އައިސް ބުނީ ދެން ފަރުވާކުރަން އަންނާނީ އެހެން ޑޮކްޓަރެކޭ ބުނުމާ އެކީ އަހަރެންގެ މޭގަޑު އަތަށް އައިހެން ހީވިއެވެ. އަދި ހިތުގެ ވިންދު އަވަސްވެ، ހާސްކަން ބޮޑުވާންފަށައިފިއެވެ. ސިކުނޑީގެ ދިމަދިމާލުން ނައްސި މެސެޖުތައް ދޭންފަށައިފިއެވެ. ގެއަށް ދިއުމާއެކު ހުންއައިސް މޭނުބައިކުރަން ފަށައިފިއެވެ. ދެދުވަސްފަހުން ހޭވެރި ކަމަށް (ކީމޯގެ ސަބަބުން ހަށިގަނޑަށް އެއަންނަ ކަމީނާކަން އިސްތިސްނާކޮށް) އައިފަހުން ވިސްނުނީ، މިއީ އެންޒަޔަޓީ ހަމަލާއެއްކަމެވެ. މިކަން ދިމާވި ސަބަބު ހޯދަން ސިކުނޑި ފަށައިފިއެވެ. ދެން މިކަމަށް މޫލީ ސަބަބު އެގުމާ އެކު ފާހާނާއަށް ވަދެ ބޮލުގައި ޖަހާލާފަ އެންޒަޔަޓީ ކައިރީ މައިތިރިވެ އިނުމަށް ބުނީމެވެ. ޑަކްޓަރު ބަދަލު ވި ސަބަބަކުން އެހާވަރުގެ ނުރައްކަލެއް އަހަންނަށްނެތެވެ."
އަހަރެންނަށް މިވާހަކަ ކިޔާދިން މީހާވެސް ބޭނުންވަނީ މިކަމުގައި އަހަރުމެން މުޖުތަމަޢު ހޭލުންތެރި ކުރުވާށެވެ. އެންޒަޔަޓީ ތިމާގެ ބާރުދަށުގައި ގެންގުޅެން ދަސްކޮށް އަދި އެ ކޮންޓުރޯލް ކުރާށެވެ. މިހޭލުން ތެރިކަން ދިވެހިމުޖުތަމަޢުގައި ނެތުމުން މިކަމުގައި މީނާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. ﷲގެ އިރާދައާއެކު މީނާގެ އެހީތެރިކަން ލިބޭނެއެވެ. އަހަރުމެން އެންމެން އޭނާއަށް އަވަސް ޝީފާއަކަށް ދުޢާއެއްކޮށްލަމާ ހިނގާށެވެ.
އެންޒަޔަޓީ އަކީ ކޮބާ؟
އެންޒަޔަޓީއަކީ ޖަޒުބާތެކެވެ. އެއީ ހިތަށް ނުތަނަވަސްކަން އިޙްސާސްވެ، އަދި ކަންބޮޑުވުމާއި ބިރުގަނެ ފަސްޖެހުމެވެ. މިއީ ހަމައުފަލާއި ރުޅިގޮތަށް އަހަރުމެންގެ ޠަބިއްޔަތުގައިވާ އިޙްސާސްއަކަށް ދެވިފައިވާ ނަމެކެވެ. މިއީ ކޮންމެ އިންސާނެއްގައި ލެއްވިގެންވާ ކަމެކެވެ. މިކަމުން އެކިފަރާތް ތަކަށް އެކި މިންވަރަށް އަސަރުކުރެއެވެ. މިކަން ކޮންޓުރޯލުން ނެއްޓި އަދި އެންޒަޔަޓީ ޑިސްއޯޑރ އަކަށް ދިއުމުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫ އަރައެވެ.
އެންޒަޔަޓީ ޖަޒުބާތުގެ މަގުސަދަކީ ކޮބާ؟
އެންޒަޔަޓީ އަހަރުމެންގައިގައި ލެއްވިފައިވާ މަގުސަދަކީ ހުސިޔާރުވެ ނުރައްކަލުން ސަލާމަތްވުމަށެވެ. އިންސާނުން ޖަންގަލީގައި އުޅުނުއިރުގައި މީހާ ހުސިޔާރުކޮށްދީ އަދި މިނިކާ ޖަނަވާރުންގެ ކިބައިން ސަލާމަތްވުމަށް ނަފުސު ހޭލަށްވާލާ، މީހާ އެއާކުރިމަތިލުމަށް ނޫނީ ނުރައްކަލުން ދުވެފިލުމަށް އެހީވެދޭ ޖަޒުބާތެކެވެ. މިޒަމާނަށް ބަލާލި ކަމުގަވާ ނަމަ، އެންޒަޔަޓީ ވެގެންދަނީ ޒަމާނީ ދިރިއުޅުމުގައި ދީމާވާ ކުއްލި ނުރައްކާތަކުން އަހަރުމެން ސަލާމަތް ވުމަށް އެހީ ވެދޭއެއްޗެއްގެ ގޮތުގައެވެ. މިސާލަކަށް ކުރިމައްޗަށް ސައިކަލެއް އެރުމުން މީހާ ސިހިގެންގޮސް ސަލާމަށްވުމަށް އެހެންދިމާލަކަށް ފުންމާލައެވެ. ކިޔަވާކުދިން އިމްތިޙާނުން ތައްޔާރުވާއިރު ހާސްވެ ބިރުގަނެއެވެ.
ފެންނާނެ އަލާމަތްތަކާ ނިޝާންތައް؟
- ހާސްވެ ކަންބޮޑުވުމުގެ އިޙްސާސްވުން
- ކަމެއް ގޯސްވެދާނެކަމުގެ ބިރުހީވުން
- ހިތުގެ ވިންދު އަވަސްވުން
- ނޭވާލާލެއް އަވަސްވުން
- ތުރު ތުރުއެޅުން
- ދާހިތްލުން
- ވަރުބަލިވެ އަދި ވަރުނެތޭ ގޮތުގެ އިޙްސާސްވުން
- ކަންކަމަށް އަހަންމިއްޔަތު ނުދެވި އަދި ކުރިމަތިލި މައްސަލައިގައި މީހާ ފިކުރުކުރުމުގައި ހޭދަކުރުން އަދިއެކަމުން އަރާނުގަނެވުން
- ނިދަން އުދަގޫވުން
- ގޭސްވުން
- ކަންބޮޑުވެ ފިކުރުތައް ކޮންޓުރޯލުން ނެއްޓުން
- އެންޒަޔަޓީ ވެދާނެހާ ކަންތައްތަކުން މީހާ މިންޖުވާން މަސައްކަތްކުރުން
އެންޒަޔަޓީ ގަދަޔަށް މަސައްކަތް ކުރާފަރާތްތަކުގައި ފެންނަން ހުންނަ ބައެއް ފައްސި ސިފަތަކާ އެއިންކުރާފައިދާ:
1- ބޭރަށް ނުކުމެ މީހުނާ އޮންނަ ގުޅުން ބަދަހި ކުރުން
2- ގަޑިޔަށް ފަރުވާބެހެއްޓުން
3- ކުރިޔަށް ކަންކަން ރާވާފަބެހެއްޓުން
4- ކަންކަން ތަރުތީބު ކުރުން
5- ކަންކަން ތަރުތީބުކޮށް ބެހެއްޓުން (އޮފީސްދާއިރާގައި ނޫނީގޭގައި)
6- ކަންކަން ތަފުސީލުކޮށްދިނުމުގެ ގޮތް (ވާހަކަ ދެއްކުމުގަވެސް)
7- އެންމެ މަތީ ދަރަޖަތަކުގަވުން
8- ސާފުތާހިރު ކަމާ ޤަވައިދުން ކަންކަން ކުރުން
9- ބޭރުފުށަށް މަޑުމައިތިކަން ފެނުމާއެކު އެހާމެ ހަމަހިމޭންކަން ފެނުން
10- މުރާލިކަން
11- އެހީތެރިކަން
12- ރަޙްމަތްތެރިންނަށް ވަފާތެރިވުން
- އެންޒަޔަޓީ ގަދަޔަށް ހުރުމާއެކު ވެސް އޭގެ ފަރުދާގެ ބިއްދޮށުގައިވާ ތަކުލީފުތަކެއް އުފުލައެވެ. ތިރީގައި ފާހަގަ މިކޮށްލަނީ އޭގައި ތަޙައްމަލު ކުރާ ނައްސި ބައެއް ސިފަތަކެއް:
1- ވަކި މިންގަޑެއް ނެތި މީހުނަށްއެހީ ތެރިވުން ( ބިރުވެރިކަން އިންނަނީ ރަޙްމަތްތެރިޔާ ވަކިވެ ހިގައިދާނެތީ ނޫނީ މީހަކު ދެރަވެދާނެތީ)
2- މާ ބޮޑަށް އަނގަ ގަދަވުން، ހާސްކަމެއް ތެރޭ ވާހަކަ ދެއްކުން.
3- ހާސްވެފަ ހުންނައިރު ހަރާ ކުރުން (އަތުގެ ކަށިގޮއްވުން ނޫނީ އިސްތަށިތަކާ ކުޅުން)
4- ތަކުރާރުކޮށް ކުރެވޭ ކަންކަން ކުރުން (ދެކޮޅަށް ހެލިލަ ހެލިލަ އިނުން )
5- ކަންތަކާ މާބޮޑަށް ފިކުރު ބޮޑުވުން
6- ވަގުތު ދާގޮތް ނޭގުން ( ބައްދަލުވުން ތަކަށް އެއްގަޑިއިރު ކުރިން އައުން)
7- ކަންކަން ފަހަށް ބަހައްޓާ ފަހުވަގުތު އެކަންތަކާ އުޅުން
8- ހަތަރުކަޅި ހަމަނުކުރުން
9- ފުންކޮށް ނައްސި ވިސްނުންތައް އެހެނީ މާޒީގެ ވެފަހުންނަ ހިތާމަތަކަށް ފިކުރަށް ދާ ހިތްވުން
10- ނޫނެކޭ ބުނަންނުކެރި ކުރަން ހުންނަ ކަންކަން ފުނިޖެހުން
11- ނިދިނައުން ނޫނީ ނިދަން އުދަގޫވުން
12- މީހުނާ އެކު ވަގުތު ހޭދަކުރާހިތް ނުވެ ދޭވޭ ދަޢުވަތު ތަށް ނޫނެކޭ ބުނުން
13- ތިމާ މީހާއާ އެހެންމީހުނާ އަޅާކިޔާ ތިމާގެ ނަފްސަށް އިތުބާރު ނެތުން
14- ޖިސްމުގެ ވަރުބަލިކަން އިޙްސާސްވުން
15- ޖަޒުބާތުގެ އަދިރިން އަރާގަތުމަށް އެހެނިހެން ނުރަނގަޅު އާދައެއް ހިތްއުފާކުރުމަށް ދިޔުން
ސިކުޑީގައި އެންޒަޔަޓީ ހިގާގޮތް އިލްމީ ނަޒަރަކުން، ކުރުކޮށް ފޮނިކޮށް؟
- ޕީ.އެޗް.ޑީ އިން ނިޔުރޯސައިންގެ އިލްމު ޙާސިލް ކުރެއްވިފަރާތެއް ކަމުގައިވާ ލެވީ، ބްރެއިންފެކްޓްސްގެ ވެބްސައިޓްގައި ޝާއިރުކުރި ލިޔުމުގައި ވަނީ އެންޒަޔަޓީ ސިކުނޑީގައި މަސައްކަތްކުރާ ގޮތް ބުނެލަދިނުމަށް ސިކުނޑި ދެބަޔަކަށް ބެހެލެވިދާނެކަމަށެވެ. އެއީ ބުއްދިވެރި ސިކުނޑިއަކާއި އަދި ޖަޒުބާތުގެ ސިކުނޑިއެކެވެ. ބުއްދިވެރި ސިކުނޑިއަކީ އަހަރުމެންގެ ހުރިހާ އިޙްސާސްތަކާ އަދި ވިސްނުންތައް އައިސް ލާމެހިލާ، ތަޖުރިބާއެއް ދޭ ތަނެވެ. ސިކުނޑީގަވާ ބައެއްކަމަށްވާ އެމިގްދަލާއަކީ ވަރަށް އެތެރޭގެ އިންނައެއްޗެކެވެ. އަދި މިބަޔަކީ ސިކުނޑީގައިވާ ޖަޒުބާތުގެ ސިކުނޑިއެވެ. މިނިންމުކަށް ބިނާކޮށް އަހަރުމެނަށް އެންޒަޔަޓީގެ(ހާސްކަމާ ބިރުވެރިކަން) ސިގްނަލްތަށް ޖަޒުބާތުގެ ސިކުނޑިން ބާރުފޯރުކުރުވަނީ ބުއްދިވެރި ސިކުނޑިން ހޭލުންތެރިކަމަށެވެ. މިކަމަށް ބުއްދިވެރި ހަމަހިމޭން ވިސްނުމެއް ފޯރުކޮށް ދެވިއްވެއްޖެނަމަ މީހާއަށް ހަމަޖެހުން އިޙްސާސްކޮށްދެއެވެ. މިސާލަކަށް ވަލުތެރޭ ހިގަމުން މި ނިންމަނީ ހަރުފައަކީ ވަރަށް މަދުން ވަލުތެރޭ އުޅޭނެ އެއްޗެކޭ، ( އޭރުން ގިނަފަހަރު ނުފެންނާނޭ) މިހެން ހިތައް އަރުވާ ހާސްކަމާ ބިރުގަތުމުން މީހާ ހަމަ ޖެހެން މެދުވެރިވެއެވެ.
ޑިސްއޯޑާއަކަށް މީހާގެ އެންޒަޔަޓީ ދިޔުމުން ފެންނަ އަލާމަތްތައް؟
އެންޒަޔަޓީ ޑިސްއޯޑާރއަކަށް މީހާ ދާނީ އޭނާގެ މިޖަޒުބާތުތަށް ހަމައެކަށް ނޭޅި މީހާގެ ކަންބޮޑުވުންތަކާ ހާސްކަން އިތުރުވެ އޭނާގެ ދިރިއުޅުމަށް ނުކަތާ ހިސާބަށް ދިއުމުންނެވެ. މީހުންނާ ބައްދަލުވެ ސަލާންގަލާން ކުރަން ބޭނުންނުވުމާއި ކަންކަމަށް ޝައްކުކުރުން ފަދަ ކަންތައް އިންތިހާއަށް ބޮޑުވެ އަދި ނިދިން މީހާ މަޙްރޫމް ކޮށްލަދެއެވެ. ވީމާ މިހިސާބަށް ކަންތައް ދިޔުމަކީ އޭނާގެ ނަފްސަށް ނޫނީ ޖިސްމަށް އޭގެ ސަބަބުން އެހެން ނުރައްކާތަކެއް ކުރިމަތިވެދާނެވެ. އެހެންވީމާ، މިފަދަ ހާލަތަކަށް ތިޔައެއްވެސް ފަރާތެއް ތަޖުރިބާ ކުރެވެނީ ނަމަ ވީ އެންމެ އަވަހަކަށް ނަފުސާނީ ޑޮކްޓަރެއްގެ އެހީ ހޯއްދަވަން ވާނެއެވެ. ނަފްސާނީ ތެރަޕިސްޓުންވެސް އެކަން ކޮންޓުރޯލް ކުރުމަށް އެހީ ތެރިވެދޭނެއެވެ. ނަމަވެސް އެފަރާތުން ވެސް ޑަކްޓަރަށް ދައްކަން ޖެހިއްޖެހާލަތެއް އަތުވެއްޖެނަމަ، އެކަމަށް އިރުޝާދު ދެއްވާނެވެ.
މިކަން ޙައްލު ކުރުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންކަން؟
ޑރ. މަރްވާ އަޒަބް އަކީ ނިއުރޯ ސައިންވެރިއެކެވެ. އަހަރެންނާ އޭނާ ބައްދަލުވީ ކުލަބް ހައުސްއިން އޭނާ ކުރި ދިރާސާއެއްގެ މައުލޫމާތު ޙިއްސާކުރުމުގެ ތެރޭންނެވެ. އެ ދިރާސާ ކުރު ގޮތަކަށް ބުނެލަ ދޭނަމެވެ. މީނާ ބަޔާން ކުރިގޮތުގައި އެ ދިރާސާގައި ބައިވެރިކުރީ 60 އަހަރުން މަތީ އުމުރުގެ މީހުންގެ ތެރެއިން މާ ހެލިފެލިވެ ނޫޅޭ މީހުންނެވެ. މިގޮތުން އެމީހުން ލައްވާ، ހަފުތާއެއްގެ 3 ދުވަހު ބާރު ހިގުމެއްގައި ހިންގުވީ އެވެ. އަދި މި މީހުން ގެނެސް ސިކުނޑީގެ ސްކޭން ބެލި އިރު ފާހަގަ ކުރެވުނީ ސިކުޑީގެ ނިއުރޯން ( ނާރު) ވާ ވައިޓްމެޓާއޭ މިކިޔާ ސަރަހައްދު ވަނީ އުފެދި މިމީހުންގެ ހަނދާނުގެ ބައި ވެސް ވަނީ ގަދަވެފައެވެ. އަހަރެން ސުވާލު ކުރީ މީގެން އެއްވެސް ވަރެއްގެ އެހީތެރިކަމެއް އެންޒަޔަޓީ ދަށް ކުރުމަށް ކުރެވިދާނެ ހެއްޔެވެ؟ ޑރ.މަރްވާ އަޒަބް މިކަމަށް އެބަސް ވިއެވެ. މިކަމުންވެސް މިއެގެނީ އަހަރުމެންގެ ހަށިގަނޑު ހެލިފެލިކޮށް ބަހައްޓާނަމަ އެކަމުން ނަފްސާނީ ދުޅަހެޔޮކަން ރަގަޅުވާކަމެވެ.
އެހެންކަމުން ތިރީގައި ބައެއް ކަންކަން ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. ކަންބޮޑުވާ ކަންތަށް އާއިލާ މީހުނަށް ކިޔާދެވިދާނެއެވެ. މިކަމުގައި އާއިލާގެ އެހީތެރިކަމާއި އޯގާތެރިކަން ލިބެންވާނެއެވެ. އާއިލާއިން އޭނާގެ ވާހަކަތަށް އަޑުއަހާ، އެއަށް ވަކި އެއްޗެއް ބުނަން އަދި ނުހަދާށެވެ. އޭނާގެ ޖަޒުބާތައް އިތުރު ރިހުމެއް ނުލިބި އޭނާގެ ޖަޒުބާތު ސިކުނޑީގައި ދައުރުވާން ފަސޭހަވާނެއެވެ. އެހެންނޫންވެއްޖެއްޔާ، ޖަޒުބާތުތައް އިތުރަށް ސިކުނޑީގައި ހަރުލާން އާދަ ވެއްޖެނަމަ އޭގެ އަސަރު ބޮޑުވެ މާބޮޑަށް މާޔޫސް ކަމަށް ހިގައިދާނެއެވެ. ހަމަ މަތީގައިވާ ފަދައިން ރައްޓެއްސަކަށް ވެސް ކިޔާދެވިދާނެއެވެ. ފޮތެއްގައި ވެސް ލިޔެލެވިދާނެއެވެ. (ފަހުން އެކަން އަމިއްލަޔަށް ރިޔާއަށް ކޮށްލެވިދާނެ)
މީގެއިތުރުން ވެސް މިކަމަށް އެހީތެރިކަން ދިނުމަށް ކުރެވިދާނެ ބައެއްކަންކަން ހިމަނާލާނަމެވެ.
ދެރަކުޢަތް ނަމާދެއް އަދި ދުޢާކުރުން
- ހިނގާލަންދިއުން
- ޤުދުރަތީ ކަންތަކާމެދު ވިސްނާލާ އަދި ސާފުވަޔަށް މީހާ ނުކުމެލުން
- ގޮޑުދޮށުގއި ހުސްފަޔާ ހިނގާލާ ރާޅު ބީއްސާލާ ހިސާބުގަ އިށީންދެލައިގެން ފުންނޭވާ ލާންވެސް އިނދެލުން ( މިހެން އިންނައިރު ނޭވާޔަށް ވިސްނުން އަދި ﷲ ދެއްވި ނިޢުމަތް ތަކާމެދު ވިސްނާލެވިދާނެ، މާޔޫސްކަމުގެ ހަދާންތައް މާބޮޑަށް ހިފަހައްޓަން ނުހެދުން އެހެން ނަމަވެސް މާބޮޑަށް އަސަރު ކުރަންޏާ ނަފްސާނީ ކަންތަކުގެ ތަމްރީނު ލިބިފަވާ ފަރާތެއްގެ އެހީ ހޯއްދަވަން ވާނެއެވެ.)
- ކޮންމެދުވަހެއްގެ އިރުއަރާ މަންޒަރާއި އިރުއޮއްސޭ މަންޒަރު ބަލާލަން ރައްޓެއްސަކާ އެކު ދެވިދާނެ ( އަދި ﷲ އަހަރުމެނަށްޓަކާ ދުނިޔެމަތީ ލެއްވި ނިއުމަތުގެ ވާހަކަ ދައްކާލާ އެއަށް އިޙްސާސް ކުރުވަނިވި އުންމީދުތަކެއް ލެވިދާނެ)
- ކުރީގެ މާޒީވެ ގޮސްފައިވާ ވޭން ތަށް ހާދާނުގައި ހުރިއްޔާ އެހަދާނުގެ އަސަރުތައް ކުރާނެތީވެ އެޔަށް އިތުރު ފަރުވާ އެއް ދިނުމުގެ ގޮތުން އެކަން ކަން ލިޔެލާށެވެ. އަދި އެއަށް އިތުރު ނަޒަރިއްޔާ ތަކެއްދީގެން އެކަންކަމަށް ނިންމުމެއްގެނެސްދޭށެވެ. މިކަމަށް ތިމާޔަށް ހިއްވަރުދޭ އަދި ޔަޤީންވާފަރާތެއް ޚިޔާރު ކުރެވިދާ މިކަން ޙިއްސާ ކުރުމުގައި (މާޒީއަކީ ފިލާވަޅެއްގެ ގޮތުގައި ބަލައިގަނެ އަދި އޭގެން ޢިބްރަތެއް ޙާސިލްކުރެވޭތޯ ބަލާށެވެ)
- ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ގިނައިން ކޮފީ ނުވަތަ ކެފެއިން ބޭނުން ކުރުމަކީ އެންޒައިޓީގެ އަސަރު ބޮޑު ކުރުވާ ކަމެއް ކަމަށް ދައްކައެވެ. މިކަމަކީވެސް ވިސްނާލުން މުހިންމުކަމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން