މުޅިދުނިޔެ ފުރަބަންދު ކޮށްލި ކޮވިޑް-19 ގެ ނުރައްކާ މަޑުމަޑުން ފިލާ ގައުމުތަކުން ހޭލަމޭލަވާން ފަށައިފިއެވެ. ވެއްޓިފައިވާ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި އެންމެ ގިނަ ގައުމުތަކުން ކުރާނޭ ކަމަކީ އެގައުމެއްގެ ޙާލަތަށް ބަލާ ބައިނަލްއަޤްވާމީ ބޯޑަރުތައް ހުޅުވާ ފަތުރުވެރިންނަށް ޚިދުމަތްދޭން ފެށުމެވެ. އެގޮތުން މިހާރުން ފެށިގެން ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ރަތްދޫލަ ފަތުރާލި ގައުމުތަކަށް ބަލާލަމާ ހިނގާށެވެ.
އަރޫބާ

މަޑުމަޑުން ފަތުރުވެރިކަމަށް ހުޅުވާލާ ގައުމުގެ ތަކުގެ ތެރެއިން އެންމެ މަޤްބޫލު އެއް މަންޒިލަކަށް ވާނީ ކެރީބިއަންގެ އަރޫބާއެވެ. އަރޫބާއިން އެންމެ ފުރަތަމަ މަރުޙަބާ ކިޔާނީ ކެރީބިއަންގެ އަވަށްޓެރި ރަށްތަކުގެ ފަތުރުވެރިންނަށެވެ. އޭގެފަހުން ކެނެޑާ އަދި ޔޫރަޕުގެ އެހެން ގައުމުތަކަށް ހުޅުވާލާނެއެވެ. އަރޫބާއަށްއެތެރެ ވެވޭނީ 72 ގަޑިއިރު ތެރޭގައި ހަދާފައިވާ ޓެސްޓަކުން ކޮވިޑް-19 އަށް ނެގަޓިވް ކަމަށް ދެއްކުމުން ނުވަތަ އަރޫބާއަށް އެތެރެވުމާއި އެކު ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އެއްބަސް ވެގެންނެވެ. މިކަމަށް ހިނގާނެ ޚަރަދު ގައުމަށް އެތެރެވުމުގެ ކުރިން ދައްކަން ޖެހެއެވެ. ހަމަ މިއާއެކު ދަތުރުކުރުމަށް ޚާއްސަ އިންޝުއަރެންސް ޕެކޭޖެއް ވެސް ފަތުރުވެރިން ނަގަންޖެހެއެވެ. ޗުއްޓީ ހޭދަ ކުރުމުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެނަމަ އެކަމަށް ފަރުވާ ކުރުމަށް ހޭދަވާ ޚަރަދު މި ޕެކޭޖްގެ ދަށުން ކަވަރ ކުރާނެއެވެ. އަރޫބާ ހުޅުވާލާއިރު އެގައުމުގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ދޫކުރާ "އަރޫބާ ހެލްތު އެންޑް ހެޕިނަސް ކޯޑް" ސެޓްފިކެޓް، ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ތަނަކުން ހޯދަންވަނީ ލާޒިމް ކޮށްފައެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން ވަކި ގޮތަކަށް ސާފުތާހިރުކަން ބެހެއްޓުމުން ދެވޭ ސެޓްފިކެޓް އެކެވެ.
ބާލީ

2019 ވަނަ އަހަރު 6.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ބާލީ އިން ކޮވިޑް-19 ޖެހުނީ 3,800 އަށްވުރެ މަދު މީހުނަށެވެ. އެހެންކަމުން ސަލާމަތީ ފިޔަވަޅު ތަކާއެކު މިއަހަރުގެ އޮކްޓޯބަރު މަހުންފެށިގެން ފަތުރުވެރިންނަށް ހުޅުވާލާ އިޤްޠިޞާދު އާރާސްތު ކުރުމުގެ މަސައްކަތަށް އަންނަނީ ތައްޔާރުވަމުންނެވެ. ބާލީއަށް އެތެރެވުމަށް ފުރިހަމަކުރަން ޖެހޭ ކަންކަމާ ބާލީ އެންމެ ފުރަތަމަ ހުޅުވާލަނީ ކޮން ސަރަހައްދެއްގެ ފަތުރުވެރިންނަކަށް ކަން ޔަގީން ނުވި ނަމަވެސް ބާލީގެ ރިސޯޓްތަކުގެ ވެރިން އަންނަނީ މިކަމަށް ތައްޔާރު ވަމުންނެވެ.
ބާބެޑޯސް

ޖުލައި މަސް ތެރޭގައި ހުޅުވާލި ބާބެޑޯސްއަށް އެތެރެވާ ފަތުރުވެރިން، 72 ގަޑިއިރު ތެރޭގައި ހަދާފައިވާ ކޮވިޑް-19 ޓެސްޓްގެ ނެގެޓިވް ނަތީޖާ އޮންނަންވާނެއެވެ. ޓެސްޓް ކުރުމެއް ނެތި ބާބެޑޯސްއަށް އެތެރެ ވެއްޖެނަމަ އެގައުމުން ޓެސްޓްކޮށް ޓެސްޓްގެ ނަތީޖާލިބެންދެން ކަރަންޓީނު ފެސިލިޓީއަކަށް ލެވޭނެއެވެ. މިކަމުގެ ޚަރަދު އުފުލާނީ ފަތުރުވެރިންނެވެ. އާންމުކޮށް ޓެސްޓްގެ ނަތީޖާ ލިބެން 48 ގަޑިއިރު ނަގާނެއެވެ. ބާބެޑޯސްއަށް އެތެރެވުމުގެ ކުރިން އަދި ބާބެޑޯސް އިން ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފޯމްތަކެއް ހުރެއެވެ. މި ފޯމްގައި ކޮވިޑް-19 ގެ އަލާމާތްތަކާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް ހިމަނާފައިވާނެއެވެ. އެންމެ ފުރަތަމަ ދަތުރު ފަށާނެކަމަށް ބެލެވެނީ އިނގިރޭސިވިލާތުގެ ބްރިޓިޝް އެއަރވޭސް، އެމެރިކާގެ ޖެޓްބްލޫ އަދި ވާރޖިން އެޓްލާންޓިކްގެ ފްލައިޓް ތަކެވެ.
ސައިޕްރަސް

ސައިޕްރަސްއިން ފަތުރުވެރިން ގެނައުމަށް ކުރާ ކެމްޕޭންގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ވަޢުދަކީ އެގައުމުގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެނަމަ އެމީހެއް ނުވަތަ އާއިލާ ހުރުމާއި ކެއުމުގެ އިތުރުން ފަރުވާގެ ހުރިހާ ޚަރަދެއް އެގައުމުން އުފުލާނެކަމުގެ ވަޢުދެވެ. މިކަމުގެ ތަފްސީލް ހާމަކޮށް ސަރުކާރުންވަނީ ފަސް ސަފްޙާގެ ސިޓީއެއް އެއަރލައިން ތަކާއި ޓުއަރ އޮޕަރޭޓަރުންނަށް ފޮނުވާފައެވެ. މިސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ފަތުރުވެރިންގެ ތެރެއިން މީހަކު ޕޮސިޓިވް ވެއްޖެ ޙާލަތަކަށް 100 އެނދުގެ ހޮސްޕިޓަލަކާއި އާއިލާ އަދި ގާތްމީހުނަށް ޚާއްސަކޮށް 500 ކޮޓަރީގެ ކަރަންޓީން ހޮޓަލެއްވަނީ ގާއިމްކޮށްފައެވެ. ނަމަވެސް މިގައުމަށް އެތެރެވުމުގެ ހުއްދަ ފުރަތަމަ ދެވޭނީ ވަކި ގައުމުތަކަކުން އަންނަ ފަތުރުވެރިންނަށެވެ. ދެ ކެޓެގަރީއަކަށް ބަހާލާފައިވާ މި ލިސްޓްގައިވެސް، އެންމެ ބޮޑަށް ކޮވިޑް-19 ފެތުރުނު ދެގައުމެއް ކަމަށްވާ އެމެރިކާ އަދި އިނގިރޭސިވިލާތުގެ ނަމެއް ނެތެވެ.
މިޞްރު

ފަތުރުވެރިކަމުން މަހަކު 1 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބެމުންދާ މިޞްރުން އެންމެ ފުރަތަމަ މަރުހަބާ ކިޔާނީ އެންމެ މަދުން ކޮވިޑް-19 ފެތުރިފައިވާ ގައުމުތަކުން އަންނަ ފަތުރުވެރިންނަށެވެ. ހާލަތަށް ބަލާ މަޑުމަޑުން އެހެން ގައުމުތަކުގެ މީހުނަށްވެސް ގައުމު ހުޅުވާލުމަށް މިޞްރުން އަންނަނީ ތައްޔާރު ވަމުންނެވެ.
ފްރާންސް

ކޮވިޑް-19 ފެށުމުގެ ކުރިން މުޅި ދުނިޔެއިން އެންމެ ގިނަ މީހުން ޒިޔާރަތްކުރި ގައުމުކަމަށްވާ ފްރާސުން އެންމެ ފުރަތަމަ ފަތުރުވެރިކަމަން ހުޅުވާލާނީ އެގައުމުގެ އެކި ސަރަހައްދުގައި އުޅޭ މީހުނަށެވެ. އަވަސް އަރުވާލައިގެން ބޭރުގައުމުތަކުގެ މީހުނަށް ގައުމު ހުޅުވާލުމުގެ ބަދަލުގައި ފަތުރުވެރިކަމަށް އެހީތެރިވުމަށް ސަރުކާރުންވަނީ 19.4 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ފާސްކޮށްފައެވެ. ޙާލަތު ބެލުމަށްފަހު މަޑުމަޑުން ބޭރު ގައުމުތަކުގެ ފަތުރުވެރިންނަށް ވެސް ފްރާންސުން މަރުހަބާކިޔާނެކަމަށް ބޮޑުވަޒީރު ވަނީ ހާމަކޮށްފައެވެ.
ޖޯޖިޔާ

ޖުލައި މަހުގެ ނިޔަލަށް ޖޯޖިޔާގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް ހުޅުވާލުމަށް މަސައްކަތް ކުރެވެމުންދިޔައިރު މިގައުމަށް 2019 ވަނަ އަހަރު 5 މިލިއަން މީހުން ޒިޔާރަތް ކުރިކަން ފާހަގަ ކޮށްލަން ޖެހެއެވެ. 3 ފިޔަވައްސަކަށް ބަހާލައިގެން ކުރެވެމުންދާ ތައްޔާރީތަކުގެ ތެރެއިން މިހާރު ހިނގަނީ އެންމެފަހުގެ މަސައްކަތެވެ. އެއީ ފަތުރުވެރިކަމަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޖޯޖިޔާ ހެދުމަށްކުރެވެމުންދާ މަސައްކަތްތަކެވެ.
މީގެއިތުރުން މިމަސް ތެރޭގައި ފަތުރުވެރިކަމަށް ހުޅުވާލާ ގައުމުތަކުގެ ތެރޭގައި ޖަރުމަނު، ގްރީސް، ހަންގޭރީ، އައިސްލެންޑް، އިޓަލީ، ޖެމެއިކާ، ދިވެހިރާއްޖެ، މޯލްޓާ، ޕޯޗުގަލް، ސްޕޭން، ތައިލެންޑް، މެކްސިކޯ، ތުރުކީ، ޔޫ.އޭ.އީ އަދި އިނގިރޭސިވިލާތްހިމެނެއެވެ.
