ދާހިއްލުމަކީ ރީތި އަދި ރަގަޅު ކަމެއްގެ ގޮތުގައި ބެލެވެނީ ހަމައެކަނި ކަސްރަތުކުރާ ގަޑީގައެވެ. މާގިނައިން ދާއްހިއްލުމަކީ ބޭރު ތެރެއަށް ނިކުމެ މީހުންގެ ތެރޭގައި އުޅުމަށް އުނދަގޫވާކަމެކެވެ. ލައިގެން ހުންނަ ހެދުން ހަޑިވުމުގެ އިތުރުން ދާހިއްލާނަމަ އޭގައި ކޮންމެސް ކަހަލަ ވަހެއްވެސް ހުންނާނެއެވެ. އަންހެނުން ނަމަ ކޮށްފައި ހުންނަ މޭކަޕް ހުތުރުވެ މި ހުރިހާ ކަމަކުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަށްވުމަށް މެދުވެރިވެއެވެ. ރައްޓެހިންނާއި އެކުގައި އުޅުނު ކަމަށް ވިޔަސް އަބަދު މިކަމަށް ވިސްނެއެވެ. މަސައްކަތުގެ މާހައުލުގައި ވެސް މަސައްކަތަށް ވުރެ ބޮޑަށް މިކަމަށް ސަމާލުކަން ދޭން ޖެހެއެވެ. ދާހިއްލުމަކީ ގުދުރަތީ ކަމެކެވެ. ނަމަވެސް މިކަން ކުޑަކޮށްދިނުމަށް އެހީތެރިވެދޭ ކާނާ ހުރެއެވެ. އެހެންކަމުން މިއަދު މި ބަލާލަނީ މިފަދަ ބައެއް ކާނާއަށެވެ.

  1. ފެން: ފެނަކީ ހަށިގަނޑުފިނިކޮށް ބެހެއްޓުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ ބުއިމެވެ. ފެންބުއިމުން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައްވެސް ފިނިކޮށްދޭނެއެވެ. އެހެންކަމުން ދާ ހިއްލައިގެން އިތުރަށް ފިނިކުރާކަށް ނުޖެހޭނެއެވެ. އޮފީހުގައި މަސައްކަތް ކުރިނަމަވެސް އަބަދުވެސް ގާތުގައި ފެންފުޅިއެއް ބަހައްޓާށެވެ. އިރުއިރުކޮޅުން މަދުމަދުން ބޮމުން ގެންދާށެވެ.

  2. ގިނައިން ފެން އެކުލެވޭ މޭވާ އާއި ތަރުކާރީ: ކޮންމެ ދުވަހަކު ބުއިމަށް ޑޮކްޓަރުން އިރުޝާދު ދޭ 8 ތަށިފެން ނުބޮވުނަސް އެކަމާ ހާސްނުވާށެވެ. ސީދާ ފެން ނުބޮއިވެސް އެ ފެން ލިބޭނެ ގޮތް އޮންނާނެއެވެ. އެއީ ފެން ގިނައިން ހުންނަ މޭވާއާއި ތަރުކާރީގެ ޒަރީއާއިންނެވެ. މީގެ ތެރޭގައި ހިމެނެނީ ކޯލިފްލާވަރ، ބަށި، ރަތް ކެބެޖް، ބްރޯކަލީ، ސްޕިނެޗް ފަދަ ތަރުކާރީއެވެ. މޭވާގެ ތެރޭގައި ކަރާ އަދި މޭބިސްކަދުރަކީ ގިނައިން ފެން އެކުލެވޭ މޭވާއެވެ. މިތަކެތި ކެއުމުން ހަށިގަނޑުގައި ފެނުގެ މިންވަރު ހިފެހެއްޓުމާއި އެކު ހަޖަމްކުރުމުގެ ނިޒާމްވެސް ރަގަޅަށް ހިނގުމަށް އެހީތެރިވެދޭނެއެވެ.

  3. ކެލްސިއަމް ގިނައިން އެކުލެވޭ ކާނާ: ކެލްސިއަމްއަކީ ހަށިގަނޑުގެ ފިނިހޫނުމިން ހަމައަކަށް އަޅުވާ ދާހިއްލުން ކުޑަކޮށްދިނުމަށް އެހީވާ މިނެރަލްއެކެވެ. ކެލްސިއަމް އެންމެ ގިނައިން ހިމެނޭނީ ކިރުގެ އުފެއްދުންތަކުގައެވެ. އެހެންކަމުން ހެނދުނުގެ ސީރިއަލް ތެރެއަށް ކިރު އެއްކޮށްގެން ކާށެވެ. ބިސް ކާނަމަ އޭގެމައްޗަށް ޗީސްކޮޅެއް އަޅާށެވެ. އަދިވެސް ދާހިއްލުން ކުޑަކުރަން ބޭނުންނަމަ އޮފީހުގެ ބްރޭކްގަޑީގައި ކެއުމަށް ޔޯގަޓް ތައްޓެއް ގެންދާށެވެ.

  4. ޒައިތޫނި ތެޔޮ: މިތެލަކީ މެޓަބޮލިޒަމް އަދި ހަޖަމްކުރުމުގެ ނިޒާމާ ހަނގުރާމަކުރުމަށް އަރާހުރި ކާނާއެކެވެ. ޒައިތޫނި ތެލުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން މަތިވިޔަނުދީ ހިފަހައްޓާނެއެވެ. އޭގެ ސަބަބުން ދާހިއްލުން ކުޑަވާނެއެވެ.

  5. އޯޓްސް: ފައިބަރ އިން މުއްސަނދިވެފައިވާ ސަރުބީ ދަށް އޯޓްއަކީވެސް ވަރަށް ފަސޭހައިން ހަޖަމްވާ ކާނާއެކެވެ. އެހެންކަމުން ހަށިގަނޑުން ބުރަ މަސައްކަތެއް ނުކޮށް ފިނިކޮށް ބަހައްޓައިގެން އެކަން ކުރެވޭނެއެވެ. ދާހިއްލާކަށް ނުޖެހޭނެއެވެ.

  6. އާމަންޑް: މެގްނީޒިއަމްއިން މުއްސަނދިވެފައިވާ އާމަންޑަކީ ހަޖަމްކުރުން އަވަސް ކޮށްދިނުމުގެ އިތުރުން ދިފާޢީ ނިޒާމް ފުރިހަމަކުރުމަށްވެސް ވަރަށް ބޮޑުއެހީތެރިކަމެއްދޭ ކާނާއެކެވެ. މެގްނީޒިއަމް ގިނައިން ލިބޭ އެހެން ކާނާގެ ތެރޭގައި ބަރަބޯ، ސްޕިނެޗް އަދި ސޯޔާބީންސް ހިމެނެއެވެ.

  7. ކައްޓަލަ: މުހިންމު ވިޓަމިންތަކުން ފުރިގެންވާ ކައްޓަލައަކީ ނާރުތައް ހަމަހިމޭންކޮށްލުމަށާ، ފިކުރުތަކުން ދުރުކޮށް ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވާ ފަލަމަޑިއެކެވެ. ނާރުތަކުގެ މަސައްކަތް މަދުނަމަ ދާހިއްލާމިންވަރު ދަށްވާނެއެވެ.

  8. ދޮންކެޔޮ: ޕޮޓޭސިއަމް އަކީ ހަށިގަނޑުން ފެން މަދުވިޔަނުދީ ހިފަހައްޓާދޭނެ މާއްދާއެކެވެ. މެގްނީޒިއަމް، ވިޓަމިން ބީ-6 އަދި އެހެން ގިނަ ފައިދާތަކެއް ލިބިދޭ ދޮންކޭލަކީ އުފާވެރިކަން ގެނެސްދޭ، ހަޖަމްކުރުން އަވަސްކޮށްދީ، ހަށިގަނޑަށް ހަމަޖެހުން ގެނެސްދޭ މޭވާއެކެވެ.

  9. ގްރީން ޓީ: ގްރީންޓީ އަކީވެސް ހަށިގަނޑަށް ހަމަޖެހުން ގެނެސްދޭ އެއްޗެކެވެ. ނާރުގެ ނިޒާމަށް ހަމަޖެހުން ލިބުމުން ދާހިއްލުން ކުޑަވާނެއެވެ. ހާސްކަން ގެނެސްދޭ ޕްރެޒެންޓޭޝަނެއްގެ ކުރިންވެސް ގްރީން ޓީ ތައްޓެއް ބޯލުމުން ހާސްވެ ދާހިއްލުމުން ދުރުކޮށްދޭނެއެވެ.

  10. ހަމައެކަނި ދާހިއްލުން ކުޑަކޮށްދޭ ކާނާ އެނގުމަކުން ނުފުދެއެވެ. ގިނައިން ދާހިއްލަން މެދުވެރިވާ ކާނާތަކުން ދުރުހެލިވެސް ވާންޖެހެއެވެ. މީގެ ތެރޭގައި ހިމެނެނީ، ގިނައަދަދަކަށް ސަރުބީ އެކުލެވޭ ތައްޔާރީ ކާނާ، ގިނައިން ލޮނު ހިމެނޭ ކާނާ، ގިނައިން ސަރުބީ ހުންނަ ކިރު، ކުޅި މިރުސް، ހަވާދުގެ ބާވަތްތައް، ހޫނުކޮށް ހުންނަ ސޫޕް އަދި ކޮފީއެވެ.