ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލުގެނެސް ރޭގަނޑު 20:00 އިން ފަތިހު 5:00 އަށް އާންމު ވެހިކަލް ނުދުއްވޭނެކަމަށް ނިންމާ އިޢުލާން ކޮށްފައިވީނަމަވެސް، ނޫސްވެރިންނަށް ނޫސްވެރިންގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމަށް އަމިއްލަ ވެހިކަލްގައި އުޅުމަށް ހުރަހެއްނެތްކަމުގެ ޔަގީންކަން ފުލުހުންނާއި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މޯލްޑިވްސް މީޑިއާ ކައުންސިލަށް ދީފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
އެމްއެމްސީ އިން ނެރުނު ބަޔާނެއްގައި ބުނީ އެ މުއައްސަސާތަކާ އެކައުންސިލުން މަޝްވަރާކޮށްފައިވާ ކަމަށާއި ނޫސްވެރިކަމުގެ ޒިއްމާތައް އަދާ ކުރަމުންދާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި، ކޮންމެ ނޫސްވެރިޔަކުވެސް އެމީހެއްގެ ޒާތީ ކަންކަން ކުރުމަށް ގެއިން ބޭރުގައި ހޭދަކުރާ ވަގުތުތައް ހޭދަ ކުރަންޖެހޭނީ އާއްމު ފަރުދުންނެކޭ އެއްގޮތަށް، ހެލްތު ޕޮރޮޓެކްޝަން އެޖެންސީއިން އާއްމުންނަށް އަންގަވާފައިވާ މިންގަނޑުގެ ތެރެއިން ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާއިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް އިޢުލާންކޮށްފައިވާ ގަޑީގައި ނޫސްވެރިންގެ ޒިއްމާ އަދާކުރުމުގައި އެއްވެސް ދަތިކަމެއް އުޅޭނަމަ މި ކައުންސިލުގެ މެންބަރު އަޒްމީ އަލީ، ނަންބަރު: 9770541 އަށް ގުޅުއްވުން އެދެމެވެ.
ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ރ) އާއި (ޅ) އާއި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ގެދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، 2020 އޮގަސްޓް 23 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00 އަށް މާލެއާއި، ވިލިމާލެއާއި އަދި ހުޅުމާލޭގެ، މަގުމަތީގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ވަގުތުކަމުގައި ހެލްތު ޕޮރޮޓެކްޝަން އެޖެންސީ ވަނީ ހަމަޖައްސާފައެވެ.
ނުރައްކާތެރި ބަލި މަޑުކަމެއް ކަމުގައިވާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން އިޢުލާން ކުރެވިފައިވާ ހާއްސަ ފިޔަވަޅުތަކުގެދަށުން މިހާރު ގެނެސްފައިވާ ބަދަލާއި ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ދަންނަވަމެވެ.
