ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ޖިރޯނާ އަތުން 2-1 އިން ބަލިވެ، ބާސެލޯނާ އަށް ލީގު ތާވަލްގެ އެއްވަނަ މަގާމު ގެއްލިއްޖެއެވެ.
ލީގުގައި އެންމެ ފަހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުތަކަށްފަހު، ވާދަވެރި ރެއާލް މެޑްރިޑް ވަނީ އެއްވަނަ މަގާމަށް ޖެހިލައިފައެވެ. ރެއާލް އެއްވަނައިގައި އުޅެނީ 24 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ބާސެލޯނާ އޮތީ 58 ޕޮއިންޓާއެކު އެވެ.
ޖިރޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ.
ރޭގެ މެޗު ފެށިގެން ފުރަތަމަ ހާފުގައި ބާސެލޯނާގެ ލަމީން ޔަމާލް އަށް ވަނީ ލަނޑުޖަހާނެ ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ޔަމާލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ 14 ވަނަ މިނެޓުގައި ބާސެލޯނާ އިން ލީޑުނެގީ ޖޫލްސް ކޫންޑޭ ދިން ބޯޅައަކުން ޕައު ކުބާސީ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ދެ މިނެޓުފަހުން، ޖިރޯނާ އަށް އެއްވަރުކޮށްދިނީ ތޯމަސް ލެމާ އެވެ.
މި ނަތީޖާގައި އޮވެ، ނިމެންދަނިކޮށް، މެޗުގެ 86 ވަނަ މިނެޓުގައި ޖިރޯނާ މޮޅުކޮށްދިން ލަނޑުޖެހީ ފަހު ހާފުގައި ބަދަލަކަށް ކުޅެން އެރި ފްރޭންކް ބެލްޓްރާން އެވެ.
އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ޖިރޯނާގެ ޖޮއެލް ރޮކާ އަށް ސީދާ ރަތް ކާޑެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ރޮކާ އަށް ރަތް ކާޑު ދެއްކީ ބާސެލޯނާގެ ޔަމާލް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
މި މޮޅާއެކު ގިރޯނާ އަށް ވަނީ ރެލިގޭޝަނުގެ ބިރުން ސަލާމަތްވުމަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. މިއާއެކު ޖިރޯނާ އިން ވަނީ މޮޅެއް ނުލިބި ދިޔަ ތިން މެޗުގެ ސިލްސިލާއަށް ނިމުން ގެނެސްފައެވެ. މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ 12 ވަނައިގައެވެ. އެއީ ރެލިގޭޝަން ޒޯނަށް ވުރެ ފަސް ޕޮއިންޓް ކުރީގައެވެ.
މިއީ ބާސެލޯނާ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ކޮޕާ ޑެލް ރޭ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑް އަތުން އެ ޓީމު ބަލިވީ 4-0 ގެ ބޮޑު ތަފާތަކުންނެވެ.
