ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންގެ ގާތުގައި އެންމެ މުގައްދަސް، އަޅުކަމާއި ތަޤުވާވެރިކަމުގެ މައްސަރެވެ. ނަމަވެސް، މިއަހަރުގެ މި ބަރަކާތްތެރި މަހާ އަޅުގަނޑުމެން ބައްދަލުކުރަން މިޖެހުނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ނުހަނު ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ފޯރި ވަނީ ގަދަވެފައެވެ. މި ހަލަބޮލިކަމުގެ ތެރެއަށް އިތުރުވެގެންދިޔަ އަނެއް ކަމަކީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ވާހަކަތަކެވެ. މި ހުރިހާ ކަމެއް އެއްފަހަރާ ބޯމަތިވެފައި މިވަނީ ރަމަޟާން މަހުގެ ރޫޙާނިއްޔަތާ ގުޅިފައިވާ ވަގުތެއްގައެވެ.
ކޮންމެ އިންތިޚާބަކީވެސް ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ މުހިންމު ނިންމުންތަކެކެވެ. ޚާއްޞަކޮށް ކައުންސިލް އިންތިޚާބަކީ ރަށްރަށުގެ އިދާރީ ހިންގުމާއި ތަރައްޤީއަށް ސީދާ އަސަރުކުރާނެ ކަމެކެވެ. މީގެ އިތުރުން، އިންތިޚާބުތައް އެއްކޮށްލުމާ ބެހޭ ގޮތުން ނެގޭ ފެންނަ ނުފެންނަ ވޯޓަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި އިދާރީ އޮނިގަނޑަށް ގެނެވޭނެ ބޮޑު ބަދަލެކެވެ. ނަމަވެސް، މިފަދަ ބޮޑެތި ސިޔާސީ ނިންމުންތަކުގެ ބަހުސްތައް ރަމަޟާން މަހުގެ ތެރޭގައި ކުރިއަށްދާއިރު، އެކަމުގެ ސަބަބުން މި މަހުގެ މަތިވެރި މަޤްޞަދުތަކަށް ހުރަސްއެޅިގެން ނުވާނެއެވެ.
ސިޔާސީ ވާދަވެރިކަމަކީ އޭގެ ޒާތުގައި ހޫނު ކަމެކެވެ. ޚިޔާލުތަފާތުވުންތަކާއި، ބަހުގެ ހަމަލާތަކާއި، ސޯޝަލް މީޑިއާގެ ބަހުސްތައް މި ދުވަސްވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެހެންނަމަވެސް، އަޅުގަނޑުމެން ހަނދާން ބަހައްޓަންވީ މިއީ ކެތްތެރިކަމާއި، މަޑުމައިތިރިކަމުގެ މަސް ކަމެވެ. ބަހާއި އަމަލުން އަނެކާއަށް އުނދަގޫ ނުކުރުމަކީ ރޯދައިގެ އެންމެ މުހިންމު އެއް އަދަބެވެ. ސިޔާސީ ގޮތުން ތަފާތު ފިކުރުތަކަށް ތާއީދުކުރި ކަމުގައިވިޔަސް، މުސްލިމް އަޚެއްގެ ހައިސިއްޔަތުން އެކަކު އަނެކަކަށް ދޭންޖެހޭ އިޙްތިރާމް ކުޑަކޮށްގެން ނުވާނެއެވެ.
ރަމަޟާން މަހަކީ ދޫ ރައްކާތެރިކުރަންވީ މަހެވެ. ދޮގު ހެދުމާއި، މީހުންގެ އަބުރާ ބެހުމާއި، ފިތުނަ އުފެއްދުމަކީ ރޯދައިގެ ދަަރުމަ އުނިވެގެންދާނެ ކަންކަމެވެ. އިންތިޚާބުތަކުގެ ފޯރީގައި، ސިޔާސީ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި އަނެކާގެ އަބުރަށް އަރައިގަތުމާއި ބަދުބަސް ބުނުމަކީ ރޯދަވެރިއެއްގެ ކިބައިން ފެނިގެންވާނެ ސިފައެއް ނޫނެވެ. ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާއިރުވެސް، އިސްލާމީ ރީތި އަޚްލާޤުގެ މިންގަނޑުން ބޭރުނުވުމަކީ ކޮންމެ ސިޔާސީ ޕާޓީއަކާއި ކެންޑިޑޭޓެއްގެ މައްޗަށް އޮތް ޒިންމާއެކެވެ.
މި މައްސަރަކީ އަޅުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ މަހެކެވެ. ރޭއަޅުކަމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ޞަދަޤާތް ދިނުމަކީ މި މަހުގެ މައިގަނޑު މަސައްކަތް ކަމުގައި ހަދަންޖެހެއެވެ. ސިޔާސީ ހަރަކާތްތަކާއި ޖަލްސާތަކުގެ ސަބަބުން ނަމާދުތަކަށް ބުރޫއެރުމާއި، ތަރާވީޙް ނަމާދުގެ ވަގުތުތަކުގައި އަޑުގަދަކޮށް ލަވަޖެހުމާއި ކެމްޕޭން ކުރުމަކީ މުޖުތަމަޢުގެ ދީނީ ފޭރާމަށް ލިބޭ އުނިކަމެކެވެ. ސިޔާސީ ކަންކަމަށްވުރެ ބޮޑަށް ދީނީ ކަންކަމަށް އިސްކަންދިނުމަކީ މި ބަރަކާތްތެރި މަހުގެ ފުރިހަމަ ފައިދާ ލިބިގަނެވޭނެ ގޮތެވެ.
އިންތިޚާބުތައް އެއްކޮށްލުމުގެ ބަހުސް ކުރިއަށްދާއިރު، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދުމުގެ ފުރުޞަތު ބޮޑެވެ. ނަމަވެސް ރަމަޟާން މަހަކީ އެއްބައިވަންތަކަމުގެ މަހެވެ. އާއިލީ ގުޅުންތަކާއި ރަހުމަތްތެރިކަމުގެ ގުޅުންތައް ސިޔާސީ ފިކުރެއްގެ ސަބަބުން ކަނޑާލުމަކީ ހިތާމަހުރި ކަމެކެވެ. ރޯދަ ވީއްލުމުގެ ސުފުރާތަކަކީ ސިޔާސީ ހަނގުރާމައިގެ މައިދާނަކަށް ހެދުމުގެ ބަދަލުގައި، އެއީ ލޯތްބާއި ކުލުނާއެކު އެކަކު އަނެކަކާ ބައްދަލުވާ އުފާވެރި މާހައުލަކަށް ހަދަންޖެހެއެވެ.
ކޮންމެ އިންތިޚާބަކީވެސް ނިމިގެންދާނެ ކަމެކެވެ. ކޮންމެ މަޤާމަކީވެސް ވަގުތީ އެއްޗެކެވެ. ނަމަވެސް އަޅުގަނޑުމެން ކުރާ އަމަލުތަކުގެ ރެކޯޑު ދެމިއޮންނާނެއެވެ. ރަމަޟާން މަހުގެ ބަރަކާތް ލިބިގަތުމަށްޓަކައި، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައިވެސް ތިމާގެ ނަފްސު ކޮންޓްރޯލް ކުރަން ދަސްކުރަންޖެހެއެވެ. ވެރިކަމުގެ ދަހިވެތިކަމާއި ބާރުގެ ބޭނުމުގައި ދީނީ އަދި އިޖުތިމާޢީ މިންގަނޑުތައް މުގުރާލުމަކީ އެއްވެސް މީހަކަށް ދުނިޔެއާއި އާޚިރަތުގައި މަންފާއެއް ކުރާނެ ކަމެއް ނޫނެވެ.
މިއީ ސިޔާސީ ގޮތުން ހަލަބޮލި ރަމަޟާން މަހެއް ކަމުގައި ވިޔަސް، މިއީ ތިބާގެ އެންމެ ފަހު ރަމަޟާން މަސްކަން ދަނެގެން އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އިންތިޚާބުތަކުގެ ފޯރިއަށްވުރެ ރަމަޟާން މަހުގެ ރޫޙާނިއްޔަތު އިސްކުރަމާ ހިނގާށެވެ. ބަހާއި އަމަލުން ރިވެތި އަޚްލާޤު ދައްކައި، ފިތުނަވެރިކަމުން ދުރުހެލިވެ، އެއްބައިވަންތަ ބައެއްގެ ގޮތުގައި މި މަތިވެރި މައްސަރުގެ ދުވަސްތައް ހޭދަކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެކެވެ. ސިޔާސީ ކަންކަމަކީ އޭގެ ވަގުތުގައި ހިނގާނެ ކަންކަމެވެ. ނަމަވެސް ރަމަޟާން މަހުގެ ކޮންމެ ސިކުންތަކީ އަގުނުކުރެވޭ ފަދަ މުހިންމު ވަގުތުތަކެކެވެ. އެ ވަގުތުތައް ބޭކާރު ސިޔާސީ ބަހުސްތަކުގައި ދުއްވާނުލާށެވެ. އަދި ޢިލްމީ ބަހުސްތައް ކުރުމުގައި ބުއްދީގެ އަހުލުވެރިންފަދައިން ވާށެވެ.
