މާލޭ ވިޔަފާރި ބަނދަރުން މިއަދު މެންދުުރާ ހަމައަށް 480 ޓަނުގެ ކާބޯތަކެތި ނެރެފައިވާ ކަމަށް ބަނދަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
މިއީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ބައެކެވެ. ރޯދަ މަސް އަންނާތީ ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރާ މިންވަރު މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެމްޕީއެލް އިން ބުނީ ރޯދަ މަހާ ދިމާކޮށް އަވަހަށް ކުނިވާ ޒާތުގެ މުދާ އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާ ކަމަށެވެ. އެހެންކަމުން މިފަދަ ތަކެތި ބަނދަރުން ނެރުމަށް އެ ކުންފުނީގެ މަސައްކަތްތެރިން އަންނަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އަމާޒަކީ މުދާ ހަލާކުވުމުގެ ކުރިން ވީހާވެސް އަވަހަށް ބަނދަރުން ބޭރުކޮށް، ބާޒާރަށް ނެރުމެވެ.
މި އަހަރުގެ ރޯދަ މަހު މުދާ ނެރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި 3،000 އަކަފޫޓުގެ ހާއްސަ ހިޔާ ކުރި ތަނެއް ބަނދަރުގައި ވަނީ ހަދާފައެވެ. މި ތަނުގެ ސަބަބުން އަވަހަށް ކުނިވާ މުދާ ބާލައި ބެހެއްޓުމަށް އިތުރު ޖާގަ ލިބިގެންދާނެއެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް މުދާ ލިބޭ ވަގުތު އަވަސްވެ، މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ މަގު ވަނީ ފަހިވެފައެވެ.
މިއަދު މެންދުުރާ ހަމައަށް ބަނދަރުން ވަނީ 13،113 ފޮށި ނެރެފައެވެ. މި ވަގުތުވެސް ބަނދަރުގައި އަވަހަށް ކުނިވާ މުދާ އުފުލާ ދެ ބޯޓެއް އޮތް އިރު، އެ ދެ ބޯޓުން މުދާ ހުސްކުރުމުގެ މަސައްކަތް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ. މިރޭ މެންދަމު ބާރަ ޖެހުމާ ހަމައަށް މުދާ ނެރުމުގެ މަސައްކަތް ބަނދަރުގައި މެދުނުކެނޑި ކުރިއަށްދާނެއެވެ.
ރޯދަ މަހު މުދާ ދޫކުރުމާއި މުދާ ބޭލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގަޑިތައްވެސް އެމްޕީއެލް އިން މިހާރު ވަނީ އާންމުކޮށްފައެވެ. މިއީ ރޯދަ މަހު ބާޒާރުގައި މުދާ ލިބެން ހުންނަ މިންވަރު އިތުރުކޮށް، އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ ރޯދަ މަހު ރައްޔިތުންނަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
