ލަންޑަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުވެރި ބާފްޓާ އެވޯޑްސްގެ ޕްރެޒެންޓަރެއްގެ ގޮތުގައި އާލިއާ ބަޓް ފެނިގެންދާނެ ކަމަށް ނޫސް ތަކުން ބުނެފިއެވެ. މިއީ އޭނާގެ ފިލްމީ ކެރިއަރުގައި ބައިނަލްއަގުވާމީ މައިދާނުގައި ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.

ބްރިޓިޝް އެކަޑަމީ އޮފް ފިލްމު އެންޑް ޓެލެވިޜަން އާޓްސް އިން އިންތިޒާމުކުރާ މި ހަފްލާގައި، އާލިއާ ސްޓޭޖް ހިއްސާކުރާނީ ދުނިޔޭގެ ފެންވަރުގައި ނަން މަޝްހޫރު ތަރިންނާއެކުގައެވެ. އޭގެ ތެރޭގައި "އޮޕެންހައިމާ" އިން ބޮޑު މަގުބޫލުކަމެއް ހޯދި ސިލިއަން މާފީ އާއި، މަޝްހޫރު ބަތަލާއިން ކަމަށްވާ ކޭޓް ހަޑްސަން އަދި ގްލެން ކްލޯސް ހިމެނެއެވެ. މި ފަދަ ބޮޑެތި ތަރިންނާއެކު ޕްރެޒެންޓަރެއްގެ ގޮތުގައި އާލިއާގެ ނަން އިއުލާންކުރުމަކީ، އިންޑިއާގެ ސިނަމާގެ ތަރިންގެ މަގުބޫލުކަން ދުނިޔޭގެ ފެންވަރުގައި އިތުރުވަމުންދާކަމުގެ ހެއްކެކެވެ.

ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި އާލިއާ ބަޓް ވަނީ ބައިނަލްއަގުވާމީ އެކި މައިދާންތަކުގައި އޭނާގެ ހުނަރު ދައްކާލާފައެވެ. އެކި އެވޯޑް ހަފްލާތަކާއި ފެޝަން އިވެންޓްތަކުން އޭނާ ފެނިގެންދާއިރު، ބާފްޓާ ފަދަ ޝަރަފުވެރި ހަފްލާއަކުން ފުރުސަތު ލިބުމަކީ އާލިއާގެ އަމިއްލަ ކާމިޔާބީގެ އިތުރުން މުޅި އިންޑިއާގެ ފިލްމީ ދާއިރާއަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ބާފްޓާ އެވޯޑްސްއަކީ ދުނިޔޭގެ ފިލްމީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ އެވޯޑެކެވެ. މި ހަފްލާއަކީ ކޮންމެ އަހަރަކުވެސް މުޅި ދުނިޔޭގެ ސަމާލުކަން ލިބޭ ބޮޑު އިވެންޓެކެވެ. 2026 ވަނަ އަހަރުގެ މި ހަފްލާގައި އާލިއާ ބަޓް ފެނިގެންދިއުމަކީ އޭނާގެ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެއެވެ. މިއީ އާލިއާގެ ދުނިޔޭގެ ފެންވަރުގެ ދަތުރުގައި ފާހަގަކޮށްލެވޭނެ ތާރީހީ ވަގުތުކޮޅަކަށް ވާނެކަން ކަށަވަރެވެ.