ދިރާގުން މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް "އާއިލީ ގުޅުން" މި ޝިއާރުގެ ދަށުން ތަފާތު ގިނަ އޮފާތަކެއް ހިމެނޭ ޕްރޮމޯޝަނެއް މިއަދު ވަނީ ތައާރަފްކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުން ބުނީ، މިއަހަރުގެ އެންމެ ހާއްސަ އެއް ކަމަކީ ދިރާގު އެޕް މެދުވެރިކޮށް "ކާށި ބިނދެގެން" ގޭމް ކުޅެގެން ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ހުޅުވާލުމެވެ. މީގެ އިތުރުން މި ޗެލެންޖުގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ދެ މީހުންގެ ޗައިނާ ދަތުރެއް ލިބޭނެއެވެ.

ކަސްޓަމަރުންނަށް ޑޭޓާގެ ލުއިތައް ފޯރުކޮށްދިނުމުގެ ގޮތުން "ތަރާވީސްދަމަށް" ހާއްސަކޮށްގެން ރޭގަނޑު 9 އިން ދަންވަރު 1 އަށް ބޭނުންކުރެވޭ އަންލިމިޓެޑް ޑޭޓާ ޕެކޭޖުތަކެއް ވަނީ ތައާރަފްކޮށްފައެވެ. އަދި "ހާރުދަމަށް" ހާއްސަކޮށް ކޮންމެ ރެއެއްގެ ދަންވަރު 1 އިން ފަތިހު 4 އަކާ ދެމެދު އެއް ގަޑިއިރުގެ އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލް މުޅިން ހިލޭ ލިބޭނެއެވެ. މީގެ އިތުރުން ދިރާގު ފައިބާ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޗާޖަކާ ނުލައި ދެ މަސް ދުވަހަށް "ލިމިޓެއްނެތް ފައިބާ" ޕެކޭޖަކަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

އިޖުތިމާއީ ޒިންމާގެ ދަށުން ދިރާގުން ވަނީ އެހީތެރިކަމަށް ބޭނުންވާ 100 އާއިލާއަކަށް ކާބޯތަކެތީގެ ބާސްކެޓް ހަދިޔާކުރުމަށް ނިންމާފައެވެ. ދިރާގުޕޭ މެދުވެރިކޮށް ކަސްޓަމަރުންނަށްވެސް އެހީތެރިކަމަށް ބޭނުންވާ އާއިލާތަކަށް "ކެއ ބާސްކެޓް" ހަދިޔާކުރެވޭނެއެވެ. އަދި ދިރާގު އެޕް ނުވަތަ ދިރާގުޕޭ މެދުވެރިކޮށް ވަރަށް ފަސޭހައިން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. އާއިލީ ގުޅުންތައް ބަދަހިކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން "ސަޅި އާއިލާ" ޕެކޭޖު މެދުވެރިކޮށް 4 މެންބަރުންގެ މެދުގައި 30ޖީބީއާ ހަމައަށް ޑޭޓާ ހިއްސާކުރެވޭނެއެވެ.

މިއަދުގެ ބައްދަލުވުން ނިންމާލީ އާއިލީ ގުޅުންތަކުގެ މުހިންމުކަން ދައްކުވައިދޭ ކުރު ފިލްމެއްގެ ޕްރިމިއާއަކުންނެވެ. މި ފިލްމު އާންމުންނަށް ފެންނާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުއެވެ. ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ޑިރެކްޓަރު މިރްޝާން ހަސަން ވިދާޅުވީ، ދިރާގުގެ އަމާޒަކީ ކިތަންމެ ދުރުގައި ތިބި ނަމަވެސް އާއިލީ ގުޅުން ބަދަހިކުރުމަށް ކަސްޓަމަރުންނަށް އެހީތެރިވެދިނުން ކަމަށެވެ. މީގެ އިތުރުން އާންމުންގެ މެދުގައި މަގުބޫލު "ގުޑި-ފެސްޓް" އަދި "ތަށިބަރި މޫވްމަންޓް" ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާނެއެވެ.