ދުނިޔޭގެ ނެޓްވޯކް އިންޓެލިޖެންސް އަދި ކަނެކްޓިވިޓީގެ ދާއިރާގައި އެންމެ ކުރީގައި އުޅޭ އޯކްލާއިން ދޭ "އޯކްލާ ސްޕީޑް ޓެސްޓް އެވޯޑް" ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކްގެ ގޮތުގައި އުރީދޫ ސުޕާނެޓަށް ދީފިއެވެ. 

މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް މި ޝަރަފުވެރި ބައިނަލްއަގުވާމީ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. މި އެވޯޑު އުރީދޫއަށް ލިބުނީ 2025 ވަނަ އަހަރު، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އާއި ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ކުންފުނިން ދެއްކި ފާހަގަކޮށްލެވޭ މަސައްކަތުގެ ސަބަބުންނެވެ.

އޯކްލާއިން މި އެވޯޑު ދިނުމުގައި ބަލާފައިވަނީ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ލިބޭ ޑައުންލޯޑް ސްޕީޑާއި، އަޕްލޯޑް ސްޕީޑްގެ އިތުރުން ނެޓްވޯކްގެ ރެސްޕޮންސިވްނެސް ނުވަތަ ހަލުވިކަމަށެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އުރީދޫ ސުޕާނެޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކާއި ވިޔަފާރިތަކާއި ގޭބިސީތައް މެދުނުކެނޑި ގުޅުވާލުމުގައި އެންމެ އިތުބާރު ހިފޭ ހިދުމަތެވެ. މި ކާމިޔާބީއަކީ އުރީދޫއިން ޒަމާނީ ފައިބާ ނެޓްވޯކްތަކާއި އީޖާދީ ޓެކްނޮލޮޖީތަކަށް ކުރަމުންދާ ބޮޑެތި އިންވެސްޓްމަންޓްތައް ރަމްޒުކޮށްދޭ ކަމެކެވެ.

މި އެވޯޑާ ގުޅިގެން އުރީދޫގެ އެމްޑީ އަދި ސީއީއޯ ޝާދީ ގަވަސްމީ ވިދާޅުވީ، މިއީ އުރީދޫއަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް ކަމަށާއި އެ ކުންފުނީގެ ނެޓްވޯކް ފަރުމާކުރެވިފައި ވަނީ ރާއްޖޭގެ ރަށްތައް ގުޅުވާލުމާއި، މުޖުތަމައުތައް ބާރުވެރިކުރުވުމާއި، ވިޔަފާރިތައް ޑިޖިޓަލްކޮށް ކާމިޔާބު ކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި މާދަމާގެ ޑިޖިޓަލް މުސްތަގުބަލަށް ރާއްޖެ ތައްޔާރުކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ހަލުވި އަދި އިތުބާރު ހިފޭ ކަނެކްޓިވިޓީއެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރު ހަލުވިކުރަމުން ދާއިރު، އިގްތިސާދީ ކުރިއެރުމަށާއި، ތައުލީމީ ދާއިރާއަށާއި، ފަތުރުވެރިކަމަށް ހައި-ސްޕީޑް އިންޓަނެޓަކީ ކޮންމެހެން ބޭނުންތެރި ހިދުމަތެކެވެ. އުރީދޫގެ "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރުގެ ދަށުން، ކަސްޓަމަރުންނަށް ރާއްޖޭގައި ކޮންމެ ތަނެއްގައި ހުއްޓަސް، މެދުކެނޑުމެއްނެތް މަސައްކަތް ކުރުމާއި، އުނގެނުމާއި، ސްޓްރީމް ކުރުމާއި، އަދި ގުޅުވާލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބައްޓަންކުރުމުގައި އުރީދޫއިން އަދާކުރާ މުހިންމު ދައުރު ހާމަކޮށްދޭ ކާމިޔާބީއެކެވެ.