މި ހިނގާ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ސާބިތުވެ، މާދަމާ ނުވަތަ 18 ފެބުރުއަރީ 2026 ވާ ބުދަ ދުވަހަކީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ވަނީ ރަސްމީކޮށް ކަނޑައަޅައިފައެވެ. މިކަން އިއުލާނުކުރީ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ބައްދަލުވުމަށްފަހު ނެރުނު ގަރާރުގައެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅީ އިތުބާރު ހުރި ފަލަކީ ހިސާބުތަކުން މިއަދު އިރުއޮއްސުނު ވަގުތު ރާއްޖެއާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ކަށަވަރުވެފައިވާތީއެވެ. އަދި ހަމައެއާއެކު، ބައެއް އިސްލާމީ ގައުމުތަކަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނު ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާތީ، ރާއްޖޭގައި ހަނދު ސާބިތުކުރުމަށް އަމަލުކުރާ އުސޫލުގެ ދަށުން މިގޮތަށް ނިންމީއެވެ.

ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކަށް ބަލާއިރު، ސައޫދީ އަރަބިއްޔާއިންވެސް ވަނީ މިރޭ ރަމަޟާން މަހުގެ ހަނދު ސާބިތުވެއްޖެ ކަމަށް ރަސްމީކޮށް ކަނޑައަޅާފައެވެ. މީގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ އެހެން އިސްލާމީ ގައުމުތަކަށްވެސް މިރޭ ވަނީ ހަނދު ފެނިފައެވެ. އެހެންކަމުން މީލާދީ ކަލަންޑަރުގައި ލަފާކޮށްފައި އޮތް ގޮތަށް، މާދަމާ މުޅި އިސްލާމީ އުންމަތް އެކުގައި ރޯދަ ހިފަން ފަށާނެއެވެ.