ރާއްޖެއަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، މިއަހަރުގެ ރޯދަ މަހަކީ ކޮންމެ މީހަކުވެސް އަމިއްލަ ނަފުސު ތަރުބިއްޔަތުކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރޯދަ މަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވުމަށް ނެރުއްވި ހިތާބުގައެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ، އިސްލާހުގެ ފެށުމަކީ ތިމާ އަމިއްލައަށް ކަމަށެވެ. އެގޮތުން އާއިލާއަކަށް، މުޖުތަމައަކަށް ނުވަތަ މުޅި ގައުމަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ އަމަލީ ނަމޫނާއަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭރުން އެ މީހެއްގެ ކިބައިން ފެށޭ ބަދަލު މުޅި ގައުމަށް ފޯރާނެކަމަށް ވިދާޅުވިއެވެ.
މި ރޯދަ މަހާ ބައްދަލުކުރިއިރު، މުޖުތަމައުން ދެކެން ބޭނުންވާ ވަރަށް ގިނަ ހެޔޮ ކަންކަން ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ފަސް ވަގުތު ނަމާދުކުރާ، ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކުރާ އަދި ބޮޑެތި މީހުންނަށް އިހުތިރާމުކުރާ މުޖުތަމައެއް ބިނާކުރުން ހިމެނެއެވެ. ހަމައެއާއެކު، މަސްތުވާތަކެތިން ސަލާމަތްވެފައިވާ އަދި ސިއްހީ ގޮތުން ނުރަނގަޅު އާދަތަކާ ދުރު މުޖުތަމައެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދީނީ ކަންކަމާއި ގާނޫނުތަކަށް ބޯލެނބުން މުހިންމު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރޯދަ މަހަކީ އަހުލާގުގެ މަތިވެރި ފިލާވަޅުތައް އުނގަންނައިދޭ މޫސުމެއްކަން ފާހަގަކުރައްވަމުން، މި މަހަކީ ވަގުތަށް ކަމޭހިތަން ދަސްކޮށްދޭ މަހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރޯދަވީއްލުމާއި ހާރުދަން ފަދަ އާއިލީ ބައްދަލުވުންތަކަކީ މީހުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މިއަހަރުގެ ރޯދަ މަހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، ދީނީ އަދި ގައުމީ އިންތަކުގެ މަތީގައި އަމިއްލަ ނަފުސު ތަރުބިއްޔަތުކުރާ މަހަކަށް ހެދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
