ޗެސް އެސޯސިއޭޝަނަށް ސަރުކާރުން ދީފައިވާ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުތަކަކާ ގުޅިގެން، އެ އެސޯސިއޭޝަންގެ ރައީސް ނޫހު އަލީ އިދާރީ މަސައްކަތްތަކުން އެކަހެރިކޮށްފިއެވެ. އެސޯސިއޭޝަންގެ އެކްސްކޯއިން އޭނާއާ މެދު މި ފިޔަވަޅު އަޅާފައިވާއިރު، ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހުން ވެސް އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި މައްސަލަ ފެންމަތިވީ، ފިނޭންސް މިނިސްޓްރީން ޗެސް އެސޯސިއޭޝަނަށް ދީފައިވާ ފައިސާ، އަމިއްލަ އެކައުންޓްތަކަކަށް ޖަމާކޮށްފައިވާކަން ބޭންކް ސްޓޭޓްމަންޓުން ހާމަވުމާ ގުޅިގެންނެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ސަރުކާރުން ދިން 1.5 މިލިއަން ރުފިޔާގެ ތެރެއިން 1.46 މިލިއަން ރުފިޔާ ވަނީ ނޫހު އަދި އޭނާގެ ދަރިފުޅު ހުސެއިން ނާހިލް ނޫހުގެ އެކައުންޓަށް ޓްރާންސްފާކޮށްފައެވެ. މިއީ އެސޯސިއޭޝަނަށް ލިބުނު ފައިސާގެ 96 ޕަސަންޓެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތަލާލް ވަނީ މިފަދަ މައްސަލައެއް ހުށަހެޅިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ގިނަ ކުލަބުތަކަކުން އެސޯސިއޭޝަންގެ މާލީ ކަންކަން ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދިއުމަށް ގޮވާލަމުންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ސްޓޭޓްމަންޓް އާންމުކުރިއިރު، މާލޭގެ ބައެއް ފިހާރަތަކަށްވެސް އެސޯސިއޭޝަންގެ ފައިސާއިން ހަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މި ތުހުމަތުތަކަށް އިންކާރުކޮށް ނޫހު ބުނީ، އޭނާ އެއްވެސް ފައިސާއަކަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ. އަދި އަމިއްލަ އެކައުންޓަށް ޓްރާންސްފާކޮށްފައިވާކަމަށް ދައްކާ އަދަދުތަކަކީ، ޑޮލަރު ލިބުމުގައި ހުރި ދަތިތަކާ ހުރެ އެތުލީޓުންގެ ދަތުރުތަކަށް ޔޫރޯ ގަތުމަށް ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށް އޭނާ ބުންޏެވެ. ވަކިވަކިން ކުދިންނަށް ބޭރު ފައިސާ ގަތުމުގެ ބަދަލުގައި އެކީ އެކައްޗަކަށް ފައިސާ ގަތުމަކީ ހަރަދު ކުޑަކުރަން ކުރި ކަމެއް ކަމަށްވެސް ނޫހު ބުންޏެވެ.

އެކްސްކޯއިން އޭނާ އެކަހެރިކުރުމަށް ނިންމި ނިންމުމަކީ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ނޫހު ބުންޏެވެ. އަދި ބޭންކް ސްޓޭޓްމަންޓްތައް ކުލަބުތަކާ ހިއްސާކުރުމަކީ އުސޫލާ ހިލާފު ކަމެއްކަން ފާހަގަކޮށް އޭނާ ވަނީ އެކަމާމެދު ނުރުހުން ފާޅުކޮށްފައެވެ. މި މައްސަލަ ރަސްމީ އިދާރާތަކުން ބަލަމުން އަންނައިރު، ނޫހު ފައިސާއަށް ހިޔާނާތްތެރިވިކަން މިހާތަނަށް އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.