ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ސިޔަރަތަކީ އިންސާނީ މާތް ސިފަތަކާއި އަޚްލާޤީ މަތިވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެންމެ ފަހުގެ ރަސޫލާގެ ގޮތުގައި އެކަލޭގެފާނު ފޮނުއްވުނީ، މީސްތަކުންނަށް ޙައްޤު މަގާއި، ޢަދުލުވެރިކަމާއި، ސީދާވެގެންވާ މަގަށް މަގުދެއްކެވުމަށެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި، މަޑުމޮޅިކަމާއި، އޯގާތެރިކަމުގެ މަތިވެރި ސިފަފުޅުތަކަކީ އެންމެންގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވި ކަންކަމެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކޮންމެ ކަމަކީވެސް، އީމާންތެރިކަމާއި ރީތި އަޚްލާޤަކީ ގުޅިލާމެހިފައިވާ ދެކަންތައްކަން އަންގައިދޭ، ދުވަހަކުވެސް ބާ ނުވާނެ ފިލާވަޅުތަކެކެވެ. ކީރިތި ޤުރުއާނުގައި އެކަލޭގެފާނު ފޮނުއްވުމުގެ މަޤްޞަދު ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވެއެވެ.
وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ "އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ."
ނަބީކަން ލިބިވަޑައިގަތުމުގެ ކުރީންވެސް، ރަސޫލާ ﷺ އަކީ މައްކާގެ އަހުލުވެރިންގެ މެދުގައި އިންތިހާއަށް އިތުބާރު ހިފޭ، ތެދުވެރި ޝަޚްޞިއްޔަތެއްގެ ގޮތުގައި މަޤުބޫލުކަން ހޯއްދަވާފައިވާ ރަސޫލެކެވެ. އެކަލޭގެފާނުގެ ކިބައިގައި ހުރި މަތިވެރި އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން، މީސްތަކުން އެކަލޭގެފާނަށް "އަލްއަމީން" ނުވަތަ އަމާނާތްތެރިޔާގެ މަތިވެރި ލަޤަބު އެރުވިއެވެ. ކޮންމެ ލީޑަރެއްގެ ކިބައިގައިވެސް ހުރުން ލާޒިމު އެންމެ މުހިންމު ސިފައަކީ ތެދުވެރިކަން ކަން، އެކަލޭގެފާނުގެ މަތިވެރި ސީރަތުން ވަރަށް ސާފުކޮށް ހާމަވެއެވެ. އޯގާތެރިކަމާއި ރަޙުމުފާޅުކުރުމަކީ ރަސޫލާ ﷺ ގެ ޙަޔާތްޕުޅުން ފެންނަން އޮތް އެންމެ ފާހަގަކޮށްލެވިގެންވާ އެއް ސިފައެވެ. ޚާއްޞަކޮށް ފަޤީރުންނާއި، ޔަތީމުން އަދި ނިކަމެތިންނަށް އެކަލޭގެފާނު ބެހެއްޓެވި އޯގާތެރިކަމަކީ މުޅި އިންސާނިއްޔަތަށް ހުރި ލާމަސީލު ނަމޫނާއެކެވެ. ކުޑަކުދިންނަށް ލޯބިދެއްވުމާއި، ދުވަސްވީ މީހުންނަށް އިޙްތިރާމްކުރެއްވުމުގެ އިތުރުން، އެކަލޭގެފާނުގެ އޯގާތެރިކަން ވަނީ ޖަނަވާރުންނާ ހަމައަށްވެސް ފޯރާފައެވެ. މިއީ އިސްލާމްދީނަކީ ހުރިހާ މަޚްލޫޤުންނަށް ރަޙުމާއި އޯގާތެރިކަން އިސްކުރުމަށް ބާރުއަޅާ، އިންސާނިއްޔަތުގެ ދީންކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެކެވެ.
ކެތްތެރިކަމަކީ އެކަލޭގެފާނުގެ މަތިވެރި ސިޔަރަތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ސިފަފުޅެވެ. އިސްލާމްދީނަށް ދަޢުވަތު ދެއްވުމުގައި ކުރިމަތިވި ތަފާތު ގޮންޖެހުންތަކާއި، އުނދަގޫތަކުގެ އިތުރުން، އަމިއްލަފުޅު ދިރިއުޅުމުގައި ދިމާވި ހިތާމަވެރި ދަނޑިވަޅުތަކުގައިވެސް އެކަލޭގެފާނު ސާބިތުވެ ހުންނެވީ ނުހަނު ކެތްތެރިކަމާއެކުގައެވެ. ބަދަލުހިފުމުގެ ރޫޙުގެ ބަދަލުގައި، މާފުކުރެއްވުމާއި ކެތްތެރިކަން އިސްކުރެއްވުމަކީ މިއަދުގެ މުޖުތަމަޢުގައި އުފެދޭ ދެބަސްވުންތައް ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން ލިބިގަންނަންޖެހޭ އެންމެ މަތިވެރި ނަމޫނާއެވެ. މާތްﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާގެ މަތިވެރި މަޤާމު ލިބިވަޑައިގެންފައިވީ ނަމަވެސް،ރަސޫލާ މުޙައްމަދު ﷺ ގެ މުޅި ދިރިއުޅުއްވުން ބިނާވެފައިވަނީ ނުހަނު ސާދާ ސީދާ އުޞޫލުތަކެއްގެ މައްޗަށެވެ. ފޭރާންކޮޅު ބޭނުންކުރެއްވުމުގައްޔާއި، ފަރިއްކުޅުއްވުމުގެ އިތުރުން އަރާމުކުރެއްވުމުގައިވެސް އެކަލޭގެފާނު ގެންގުޅުއްވި މަޑުމޮޅިކަމަކީ އާދަޔާޚިލާފު ކަމެކެވެ. އެކަލޭގެފާނަކީ ދުވަހަކުވެސް އެހެން މީހުންގެ މައްޗަށް ބޮޑާވެގަތުމެއް ނެތް، އޯގާތެރި ރަސޫލެކެވެ. މި މަތިވެރި ސިފަފުޅުތަކުގެ ސަބަބުން އަޞްޙާބު ބޭކަލުންގެ ހިތްޕުޅުތަކުގައި އެކަލޭގެފާނަށް އޮތް ލޯތްބާއި ޤަދަރު ނުހަނު ބޮޑަށް އިތުރުވެގެންދިޔައެވެ.
މާފުކުރުމަކީ އެކަލޭގެފާނުގެ މަތިވެރި އަޚްލާޤީ ސިފަފުޅުތަކުގެ ތެރެއިން ނުހަނު ފާހަގަކޮށްލެވޭ ރީތި ނަމޫނާއެކެވެ. މައްކާ ފަތަޙަކުރެއްވި ދުވަހު، އެކަލޭގެފާނަށް އެތައް އަހަރަކު އަނިޔާވެރިވެ، އަމިއްލަ ވަޒަނުން ބޭރުކޮށްލި މީހުންނަށްވެސް އެކަލޭގެފާނު ދެއްވީ ޢާންމު މާފެކެވެ. މި މަތިވެރި ޢަމަލުން ހާމަވެގެންދަނީ، ބަދަލުހިފުމުގެ ބަދަލުގައި މާފުކުރުމަކީ މުޖުތަމަޢުގެ ބަދަހިކަމާއި އަމާންކަން ދެމެހެއްޓުމަށް އޮތް އެންމެ މާތް މަގުކަމެވެ. ހަމައެއާއެކު، ޢަދުލުވެރިކަމަކީ އެކަލޭގެފާނުގެ ކޮންމެ ނިންމެވުމެއްގެ އަސާސެވެ. އަންހެނުންނާއި ނިކަމެތިންގެ ޙައްޤުތައް ކަށަވަރުކޮށްދެއްވައި، އެ ޙައްޤުތައް ޙިމާޔަތްކުރެއްވުމުގައި އެކަލޭގެފާނު ދެއްކެވީ ބަދަލެއް ނެތް ފުރިހަމަ ނަމޫނާއެކެވެ.
إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُمْ بَيْنَ النَّاسِ أَنْ تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّهَ نِعِمَّا يَعِظُكُمْ بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا "ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ."
އެކަލޭގެފާނުގެ އިރުޝާދުތައް ލިބިގެންދިޔައީ ހަމައެކަނި ދެއްވި ބަސްފުޅުތަކަކުން ނޫނެވެ. އެކަލޭގެފާނުގެ ކޮންމެ ޢަމަލަކީވެސް އިރުޝާދެކެވެ. އަވަށްޓެރިންނާ ބަހައްޓަވާ ގުޅުމާއި، ޢާއިލީ ދިރިއުޅުއްވުމާއި، އަދި ވިޔަފާރީގެ މުޢާމަލާތްތަކުގައިވެސް އެކަލޭގެފާނު ދެއްކެވި މަގަކީ އެންމެ ރިވެތި މަގެވެ. މިއީ މިއަދުގެ މުސްލިމުންވެސް އެމީހުންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ބަލަންޖެހޭނެ މިންގަނޑެވެ. އަޅުކަމުގައި އެކަލޭގެފާނު ބެހެއްޓެވި ސާބިތުކަމަކީ ބަޔާންކުރަންދަތުރު މަތިވެރި ކަމެކެވެ. މުޅި އުންމަތުގެ އެންމެހައި ކަންކަން ބެލެހެއްޓެމުގެ ބުރަ މަސްއޫލިއްޔަތު އޮތް ނަމަވެސް، ރޭގަނޑުގެ ވަގުތުތަކުގައި މާތްﷲ އަށް އަޅުކަންކުރެއްވުމުގައި ގިނަ ވަގުތު ހޭދަކުރެއްވިއެވެ. މިއީ ދުނިޔަވީ ކަންކަމާއި އާޚިރަތުގެ ކަންކަން ބަހައްޓަންވީ ހަމަހަމަ ގޮތް ދަސްކޮށްދޭ ފިލާވަޅެކެވެ.
ރަސޫލާ ﷺ ގެ ސީރަތަކީ ދުނިޔެ ގިޔާމަތްވަންދެން މީސްތަކުންނަށް ހުރި ނޫރެކެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި، އޯގާތެރިކަމާއި، ކެތްތެރިކަމާއި، އަދުލުވެރިކަމަކީ ކޮންމެ ޒަމާނަކަށްވެސް ގުޅޭ މާތް ސިފަތަކެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުން ކާމިޔާބުކުރެވޭނީ އެކަލޭގެފާނުގެ މާތް އަޚްލާޤުން ނަމޫނާ ލިބިގަނެގެންނެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމަކީ މުޅި އިންސާނިއްޔަތަށް ހުރި ރަޙުމަތެކެވެ.
