މިއަހަރުގެ ރޯދަ މަހު ރާއްޖޭގެ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދު ކުރަން ނިންމައިފިއެވެ. ކަރެކްޝަނުން ބުނި ގޮތުގައި މިކަމަށް ބޭނުންވާ ހާފިޒުން މިހާރު ވަނީ ހަމަޖައްސާފައެވެ.
މިއީ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ދީނީ ކަންކަމަށް އިސްކަންދީ، އަޅުކަމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ވަރަށް މުހިންމު ކަމެއް ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި މި ނިންމުމާއެކު، ޖަލުތަކުގެ މިސްކިތްތަކުގައި ރަސްމީ އުސޫލުން ޖަމާއަތުގައި ތަރާވީސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއެވެ.
ތަރާވީސް ނަމާދުގެ އިތުރުން، ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް އަމާޒުކޮށްގެން ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހާއްސަ ސެޝަންތަކެއް ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގެ ތެރެއިން ދީނީ މައުލޫމާތު ފޯރުކޮށްދިނުމާއި، މީހުންގެ ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ރާއްޖޭގެ ކަރެކްޝަނަލް ސާވިސްއިން އަންނަނީ ގައިދީން އިސްލާހުކޮށް، މުޖުތަމައަށް ބޭނުންތެރި ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ ނެރުމަށްޓަކައި ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. މިގޮތުން ރޯދަ މަހާ ދިމާކޮށް މި ފެށުނު ދީނީ ހަރަކާތްތަކަކީ ވެސް އެ މަސައްކަތުގެ މުހިންމު ބައެއް ކަމަށް އެ މުއައްސަސާއިން ފާހަގަކުރެއެވެ.
