ހުޅުމާލެ ފޭސް 1 ގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން މުދާ ފޯރުކޮށްދިނުމަށްޓަކައި، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އާ ފިހާރައެއް އެ އަވަށުގައި ހުޅުވައިފިއެވެ. މި ފިހާރަ ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ހުޅުމާލޭގެ ރީތިގަސް މަގުގައި ހުންނަ ރެއިން ކޮރަލް ރެޒިޑެންސްގައި ހުޅުވި މި ފިހާރައިގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ. މި ފިހާރައިގެ ސަބަބުން މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބޭ ގިނަ ބާވަތްތަކެއް ހުޅުމާލެއިން ވެސް ލިބޭނެ އިންތިޒާމު މިވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ އަސާސީ ކާބޯތަކެތީގެ ލިސްޓަށް އަލަށް އިތުރުކުރި 23 ބާވަތެއް މި ފިހާރައިން ރީޓެއިލްކޮށް ގަންނަން ލިބެން ހުންނާނެ ކަމަށެވެ. އަދި އޭގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގެ ވިޔަފާރިވެރިންނަށް ހޯލްސޭލްކޮށް މުދާ ދޫކުރުމުގެ ހިދުމަތް ވެސް މި ފިހާރައިން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކާބޯތަކެތީގެ އިތުރުން، އެސްޓީއޯ އިން އެތެރެކޮށް ވިއްކާ މަޝްހޫރު ބްރޭންޑްތަކުގެ މުދާ ވެސް މި އާ ފިހާރައިން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ފަދަ ބްރޭންޑްތަކުގެ ހޯމް އިމްޕްރޫވްމަންޓް ސާމާނުތައް ހިމެނެއެވެ.

މި ފިހާރައަކީ ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުވި ތަނެއް ނަމަވެސް، މިއީ ދާއިމީކޮށް ހިންގާނެ ފިހާރައެއް ކަމަށް އެސްޓީއޯ އިން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންކަމުން ރޯދަ މަސް ނިމުމަށްފަހު ވެސް، ހުޅުމާލޭގެ ރައްޔިތުންނަށް މި ފިހާރައިން މެދުކެނޑުމެއް ނެތި ހިދުމަތް ލިބެމުންދާނެއެވެ.