ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ހިދުމަތްތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް (ޓާމިނަލް 2) މިއަދު ރަސްމީކޮށް ބަދަލުކޮށްފިއެވެ. މި ބަދަލާއެކު އެއާޕޯޓުގެ ހިދުމަތްތައް އިފްތިތާހު ކޮށްދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފެވެ.

މި ބަދަލާއެކު ފަސިންޖަރުންނަށް ލިބޭ ހިދުމަތްތަކަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ހުރި 8 ޗެކް-އިން ކައުންޓަރުގެ ބަދަލުގައި އައު ޓާމިނަލްގައި 27 ކައުންޓަރު ވަނީ ގާއިމުކޮށްފައެވެ. އަދި ސެކިއުރިޓީ ކްލިއަރެންސް އަވަސްކުރުމަށް 3 މެޝިނާއި، ފުރުމަށް ހަމަޖެހިފައިވާ މީހުންނަށް 6 ޑިޕާޗާ ގޭޓު ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ދަތުރުވެރިންގެ ބޮޑު ޝަކުވާއަކަށްވާ ބެގޭޖް ކްލެއިމް ސަރަހައްދުގައި ކުރިއަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް ވަނީ ބަހައްޓާފައެވެ.

އެމްއޭސީއެލް އިން ބުނީ މި ބަދަލުގެ މައިގަނޑު މަގުސަދަކީ ޑޮމެސްޓިކް ޓާމިނަލްގައި ކުރިމަތިވާ ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ. އައު ޓާމިނަލްގައި ނަމާދު ކޮޓަރިތަކާއި، ކުޑަކުދިން ކުޅޭ ސަރަހައްދެއްގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތިން އައުޓްލެޓް ހުންނާނެއެވެ. މި ބަދަލާއެކު އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންނަށް ކުރިއަށްވުރެ ފަސޭހަ އަދި އަވަސް ހިދުމަތެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.