ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި މައުމޫން ފައުންޑޭޝަނާ ދެމެދު އިލްމީ ދާއިރާ ކުރިއެރުވުމަށާއި، ފިކުރީ ތަރިކަ ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން މުޖުތަމައުގައި ދީނީ އަދި އިޖުތިމާއީ ރޫހު އާލާކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ.

ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ވައިސް ޗެއާމަން އަހުމަދު ފާރިޝް މައުމޫންއެވެ. ގައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ. މި ރަސްމިއްޔާތުގައި ފާރިޝް ވަނީ މެދުކެނޑުމަކަށްފަހު ފައުންޑޭޝަންގެ ސްކޮލަރޝިޕް ޕްރޮގްރާމް އަލުން ފަށާފައިވާކަން އިއުލާނުކުރައްވާފައެވެ. އަދި ފައުންޑޭޝަނުން އާކައިވްއެއް ހެދުމަށް ކުރާ މަސައްކަތުގައި ޔުނިވަރސިޓީގެ ފަންނީ އެހީތެރިކަން ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ވިދާޅުވީ، ރައީސް މައުމޫން ލިޔުއްވާފައިވާ އަދަބީ އަދި ތާރީހީ ފޮތްތަކަކީ ގައުމީ ހަޒާނާއެއް ކަމަށާއި، އެ ފޮތްތައް ޔުނިވަރސިޓީގެ ކުތުބުޚާނާއަށް ހަދިޔާކުރެއްވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން "Master of Education in Leadership" ކޯހަށް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ގުޅުމުގެ ސަބަބުން ދަރިވަރުންގެ އަހުލާގީ ސިފަތައް ވަރުގަދަވެ، މަދަނީ ޒިންމާތައް އަށަގަތުމަށް މަގުފަހިވާނެ ކަމަށް ޔުނިވަރސިޓީން އުންމީދުކުރެއެވެ.