އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ހުރި ބޭންކް އޮފް ބަރޯޑާއަށް ވަތް މީހަކު މާސްކު ނާޅައި ހުރުމުން އެމީހާގެ ފަޔަށް ބަޑި ޖަހައިފިއެވެ.

ބޭންކަށް ހިދުމަށް ހޯދަން ދިޔަ އެ މީހާ މާސްކު ނާޅައި ހުރުމުން އޭނާގެ ފަޔަށް ބަޑިޖަހާފައި ވަނީ އެތަނުގެ ސެކިއުރިޓީ އޮފިސަރެވެ.

އުމުރުން 40 އަހަރުގެ ރަޖޭޝް ރަތޯރޭ ނަމަކަށް ކިޔާ މި މީހާގެ ފަޔަށް ބަޑި ޖަހާފައި ވަނީ ޕާސްޕޯޓް އާކުރަން އޭނާ ބޭންކަށް ދިޔަވަގުތުއެވެ. އިންޑިޔާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ވަނީ އެތަނުގެ ސެކިއުރިޓީ އޮފިސަރާއި ޒުވާބުވެސް ކޮށްފައި ވެއެވެ.

މިހާދިސާގެ ވީޑިއޯ މީސްމީޑިޔާގައި އާންމުވެފައިވާއިރު ގިނަ ބަޔަކު ދަނީ އެ ސެކިއުރިޓީ އޮފިސަރަށް ފިޔަވަޅު އަޅަންވެސް ގޮވަމުންނެވެ.

މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާތަކަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިކަމާއި ގުޅިގެން ސެކިއުރިޓީ އޮފިސަރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.