ރޯދަ މަހު މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓުންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމުގައި، އާންމުންނަށް ނުފެންނާނެ ފަދަ އިންތިޒާމެއްގެ ދަށުން އެ ހިދުމަތް ދިނުމަށް މިނިސްޓަރު އާދަމް ޝަރީފު އުމަރު އިލްތިމާސްކުރައްވައިފިއެވެ. މިނިސްޓަރު މިކަމަށް އެދިވަޑައިގަތީ ރޯދަ މަހު އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

މިނިސްޓަރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު، ރޯދަ މަހު ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ރާއްޖޭގެ އިސްލާމީ ރިވެތި އާދަކާދަތަކަށް އިހުތިރާމު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހިން އިސްލާމްދީނަށް ކުރާ ގަދަރާއި އިހުތިރާމް ފެންނާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މަގުތަކާއި އާންމު ތަންތަނުގައި ރޯދަ މަހުގެ ހުރުމަތް ނުކެނޑޭ ގޮތަށް ޓޫރިސްޓުންގެ އަމަލުތައް ބެހެއްޓުމަށް ބާރުއަޅައިދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. ރަށްރަށުގައި ޓޫރިސްޓުން އަމަލުތައް ބަހައްޓަންޖެހޭނެ ގޮތުގެ މައުލޫމާތު އެ ފަރާތްތަކާ ހިއްސާކުރުމަށްވެސް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.