ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަރަކާތްތެރި ރޯދަ މަހުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ބައިނަލްއަގްވާމީ އިސްލާމީ ޖަމާއަތްތަކުގެ ލީޑަރުންނަށް އަރިސްކުރައްވައިފިއެވެ.
އިސްލާމީ ލީޑަރުންނަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރޯދަ މަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ބަރަކާތްތެރި މައްސަރަކީ އިސްލާމީ އުންމަތުގެ މެދުގައި އޮތް ބަދަހިކަން އިތުރަށް ވަރުގަދަވެގެންދާނެ މަހަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މީގެ އިތުރުން، އިސްލާމީ އުންމަތް ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން މުސްލިމުންގެ އަޑު އުފުލައި، އުންމަތުގެ ކުރިއެރުމާއި ފުދުންތެރިކަން އިތުރުކުރުމަށް ރައީސް ބާރުއެޅުއްވިއެވެ.
ރައީސްގެ މެސެޖުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނާއިންސާފުން އަނިޔާ ތަހައްމަލު ކުރަމުންދާ މުސްލިމް އަހުންނާއި އުހުތުންގެ މަތިން ހަނދުމަކުރައްވައި، އެ ފަރާތްތަކަށް އަމާންކަން މިންވަރުކުރެއްވުމަށާއި، ވޭނާއި ތަދުން ސަލާމަތްކުރެއްވުން އެދި ދުއާ ކުރައްވާފައިވެއެވެ. އަދި އެ މީހުންގެ އަޒުމް މި ރޯދަ މަހު ވަރުގަދަކުރެއްވުމަށް އެދިވެސް ރައީސް ވަނީ ދުއާ ކުރައްވާފައެވެ.
