ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ޒޯން 4 ގައި ހިމެނޭ ފ. އަތޮޅާއި ދ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން، މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް އާންމުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ.

މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި އިންޑިއާ ސަފީރު ބައިވެރިވެވަޑައިގަތެވެ. އެމްޓީސީސީން ބުނީ މި ދެ އަތޮޅުގައި ޖުމުލަ 6 ރޫޓެއްގައި ދަތުރުތައް ކުރާނެ ކަމަށެވެ. މީގެ ތެރޭގައި ފ. ނިލަންދޫ އާއި ދ. މީދޫ ގުޅާލައިދޭ ރޫޓުތައް ވެސް ހިމެނެއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަކީ އެ ސަރަހައްދުގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަހުގެ 25 ގެ ފަހުން ދަތުރުތައް ކުރާނީ ޓިކެޓު ނަގައިގެންނެވެ. ޓިކެޓު ގަތުމުގެ އިންތިޒާމު އާރްޓީއެލް ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ވަނީ ހަމަޖައްސާފައެވެ.