ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގެންދިއުމުގެ ސަބަބުން، ފަސް ކުންފުންޏެއް ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުން ސަސްޕެންޑްކޮށް (ބްލެކްލިސްޓްކޮށް) ފިއެވެ. ފިނޭންސް މިނިސްޓްރީން މި ފިޔަވަޅު އެޅީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުންނެވެ.
ބްލެކްލިސްޓް ކުރެވުނު ކުންފުނިތަކުގެ ތެރޭގައި ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. އެ ކުންފުނި ސަސްޕެންޑް ކުރީ އަލިފުށި އަދި ކެޔޮދޫގައި އިމާރާތްކުރަން ހަވާލުކުރި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިންމާފައި ނުވާތީއެވެ. މި ކުންފުނީގެ ސަސްޕެންޝަން 2027 އޯގަސްޓް 29ގެ ނިޔަލަށް ދެމިގެންދާނެއެވެ. މީގެ އިތުރުން ފައިން ބިލްޑާސް ޕްރައިވެޓް ލިމިޓެޑް ވެސް ވަނީ ށ. ނޫމަރާ ކައުންސިލްގެ އާ އިމާރާތުގެ މަސައްކަތް ނުނިންމައިގެން 2027 ފެބްރުއަރީ 2 އާ ހަމައަށް ސަސްޕެންޑްކޮށްފައެވެ.
އިތުރަށް ބްލެކްލިސްޓް ކުރި ކުންފުނިތަކުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލް ނުކުރި ކީވާން މެޑިކަލް އާއި، ލަންދޫގައި މިއުޒިއަމްގެ މަސައްކަތް ނުނިންމި ގެދޮރު ކޮންސްޓްރަކްޝަން ހިމެނެއެވެ. އަދި ދިޔާމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމްގެ މަސައްކަތް ނުނިންމުމުގެ ސަބަބުން ޝާދު - ދަ ބިލްޑާ ވެސް ވަނީ ބްލެކްލިސްޓްކޮށްފައެވެ.
މި ފިޔަވަޅާއެކު މި ކުންފުނިތަކަށް ސަރުކާރުގެ އެއްވެސް ޓެންޑަރެއްގައި ބައިވެރިނުވެވޭނެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި ނިންމުމަކީ ދައުލަތުގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށާއި، ކުންފުނިތައް ޒިންމާދާރުކުރުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
