އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާރިޗު މަހުގެ 4 ވާ ބުދަ ދުވަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ. މި ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު މާރިޗު 2 ވާ ހޯމަ ދުވަހުގެ ރޭގަނޑު 9:30 އާ ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި އަހަރީ ޖަލްސާގައި ހިއްސާދާރުންނަށް އޮންލައިންކޮށް ނުވަތަ އުރީދޫގެ ހެޑްކުއާޓާސްއަށް ހާޒިރުވެގެން ބައިވެރިވެވޭނެއެވެ. އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކުން "ފަހިވޯޓު" ސިސްޓަމް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވެވޭއިރު، ހެޑްކުއާޓާސްއަށް ހާޒިރުވެގެން ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 128 ހިއްސާދާރުންނަށެވެ. ޖަލްސާގައި ބައިވެރިވެވޭނީ ފެބުރުއަރީ 12 ގެ ނިޔަލަށް ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.
މިއަހަރުގެ ޖަލްސާގައި ކުރިއަށްދާނެ މުހިންމު ކަންކަމުގެ ތެރޭގައި 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން ހިމެނެއެވެ. މީގެ އިތުރުން، ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައެޅުމާއި، ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އިންތިޚާބުކުރުން ވެސް މި ޖަލްސާގައި އޮންނާނެއެވެ.
އުރީދޫ އިން ބުނީ ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރީވާ ފަރާތްތަކަށް އެ މައުލޫމާތު މާރިޗު 3 ގެ ކުރިން އަންގާނެ ކަމަށެވެ. ޖަލްސާއަށް ހާޒިރުވާ މީހުން އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ގެންދަން ޖެހޭނެއެވެ. ކޮންމެ ހިއްސާދާރަކަށް ވެސް އެ ފަރާތަކަށް ލިބިފައިވާ ކޮންމެ ހިއްސާއަކަށް އެއް ވޯޓު ލިބޭނެއެވެ.
