ރޯދަ މަހާ ދިމާކޮށް، ބާޒާރުގައި ކާބޯތަކެތީގެ ބާވަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މި ނިންމުމަކީ މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް ބޭރު ފައިސާ ހޯދުމުގައި ކުރިމަތިވާ ތާށިކަމަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، ފެބްރުއަރީ 17 އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް ބޭންކުތަކަށް ވިއްކާ ބޭރު ފައިސާގެ މިންވަރު އާންމު އުސޫލުން ވިއްކާ މިންވަރަށްވުރެ 32 އިންސައްތަ އިތުރުކުރާނެއެވެ. މީގެ ސަބަބުން ރޯދަ މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ވިޔަފާރިވެރިން ބޭންކުތަކަށް ހުށަހަޅާ ޑިމާންޑަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މަރުކަޒީ ބޭންކުން ބުނީ ބޭރު ފައިސާ އިތުރަށް ދޫކުރުމުން، ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ހުރި ހުރަސްތައް ނެތިގޮސް، ބާޒާރުގައި މުދާ މެދުނުކެނޑި ލިބެން ހުރުމަށް މަގުފަހިވާނެ ކަމަށެވެ. މިއީ ރޯދަ މަހާ ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް މެނޭޖްކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ ހާއްސަ ސިޔާސަތެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.