މިއަހަރުގެ ރޯދަ މަހުގެ ފިތުރު ޒަކާތް މިއަދުން ފެށިގެން ބަލައިގަންނަން ފަށާފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ. ޒަކާތު ހައުސް އިން ހާމަކުރި ގޮތުގައި، ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެއެވެ. އެގޮތުން ދިރާގު، އުރީދޫ، ބީއެމްއެލް، އިސްލާމިކް ބޭންކް، އަދި ފަހިޕޭ ފަދަ ހަތް ޕްލެޓްފޯމެއް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ. އޮންލައިންކޮށް ޒަކާތް ދައްކަން ދަތިވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އިސްލާމީ މަރުކަޒަށް ހާޒިރުވެގެން ޒަކާތް ދެއްކޭނެއެވެ. އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަންނާނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށެވެ.
މިއަހަރުގެ ޒަކާތުގެ ނިސްބަތަށް ބަލާއިރު، އާދައިގެ ހަނޑުލުން ނަމަ މީހަކަށް 12 ރުފިޔާއެވެ. ތައިލެންޑް ހުދު ހަނޑުލުން 53 ރުފިޔާ، ރަތް ހަނޑުލުން 96 ރުފިޔާ، އަދި ބާސްމަތީ ހަނޑުލުގެ އެކި ބާވަތްތަކުން 77 ރުފިޔާއާއި 136 ރުފިޔާއާ ދެމެދުގެ އަދަދުތަކެއް ވަނީ ކަނޑައަޅާފައެވެ. ފުށުން ޒަކާތް ދައްކާނަމަ އާދައިގެ ފުށަށް 10 ރުފިޔާ އަދި އާޓާ ފުށަށް 75 ރުފިޔާ ދައްކަންޖެހެއެވެ.
ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ޒަކާތް ދައްކާނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ. ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ރެކޯޑު މިންވަރަކަށް ފައިސާ ލިބިފައިވާކަން ވެސް ޒަކާތު ހައުސް އިން ފާހަގަކުރެއެވެ.
