ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަލުން ހުޅުވާލައިފިއެވެ.
އީސީން ބުނީ، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް މިއަދު ހެނދުނު 10:00 އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިއީ ކުރިން ދިން މުއްދަތު މިދިޔަ ހޯމަ ދުވަހަށް ހަމަވުމާ ގުޅިގެން އިތުރަށް ދިން 5 ދުވަހުގެ މުއްދަތެކެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ މި ވޯޓު އޮންނާނީ 2026 އޭޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ. މި ވޯޓު ކުރިއަށްދާނީ އެ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ އެކުގައެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މީގެ އިތުރުން، މި ވޯޓާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބަލައިގަތުމަށް "ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ" މިހާރު ވަނީ ގާއިމުކޮށްފައެވެ. ވޯޓުލާ ދުވަހު ވެސް، ވޯޓުލާން ފެށީއްސުރެ ވަގުތީ ނަތީޖާ އިއުލާން ކުރަންދެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އީސީން ބުނެއެވެ.
